ހުޅުމާލެ ބެންޗާ ގުޅޭ ގޮތުން ނަޝީދު ހުށަހެޅި މައްސަލާގެ ޝަރީއަތް މިއަދު ހަވީރު
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިން ހުޅުމާލެ ކޯޓުގެ ބެންޗް އެކުލަވާލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދޭން ސިވިލް ކޯޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހަވީރަށް ތާވަލްކޮށްފި އެވެ. ނަޝީދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ހައި ކޯޓަށް އެކަަން ބެލެން ނެތް ކަމަށް ކަނޑައެޅުމުންނެވެ. ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ހުޅުމާލެ ބެންޗް އެކުލަވާލީ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިޔުލާއެއް ކަމަށްވާ "ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" ދަށުން ކަމަށެވެ. އަދި އެ ގަވާއިދުގެ ދަށުން އެ މައްސަލަ ހައި ކޯޓުގައި އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ނަަމަވެސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ބުނެފައިވަނީ ހައި ކޯޓުން އެ މައްސަލަ ނުބެލޭ ނަމަ އެ މައްސަލަ ބެލޭނެ ކޯޓެއް އޮންނަންވާނެ ކަމަށެވެ. ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވި ގޮތުގައި "ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު"ގެ ދަށުން މައްސަލަ ހުށަހެޅި ސަބަބުތައް ހައި ކޯޓުގެ ފުރަތަމަ އަޑުއެހުމުގައި ޝަރީއަތަށް ހުށަހަޅަން ފެށުމުން އެއީ އެ ކޯޓަށް ބެލޭނެ މައްސަލައަކަށް ވާތީ އެ ސަބަބުތައް މުހިންމު ނޫން ކަމަށް ފަނޑިޔާރުންގެ ބެންޗުން އޭރު ބުނި ކަމަށެވެ. އެހެންކަމުން ހައި ކޯޓުން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ފައިސަލާކުރަނިވި ނިންމުމެއް ޝަރީއަތުގެ ކުރީކޮޅު ނިންމާފައިވަނިކޮށް ހުކުމް އައީ އެ ނިންމުމާ މުޅިން އިދިކޮޅަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ