ބަޔަކު ދިން އަނިޔާތަކާ ގުޅިގެން މެމްބަރު އާމިރު ލަންކާގައި އެޑްމިޓްކޮށްފި

މީހެއްގެ އަންބެއް ކައިރިއަށް މިދިޔަ ހަފުތާގެ ބުދަދުވަހުގެ ރޭ ވަތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް ބަޔަކު ކުރި އަނިޔާއާ ގުޅިގެން ވަރަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށާއި އެ ކަންތައްތަކަށް ފަރުވާ ކުރުމަށް ސްރީ ލަންކާގެ ހޮސްޕިޓަލެއްގައި އޭނާ އިއްޔެ އެޑްމިޓްކޮށްފައިވާ ކަމަށް އާމިރު ވިދާޅުވެއްޖެ އެވެ. ހޮސްޕިޓަލުގައި އޮންނަވައިގެން މިއަދު "ހަވީރަ"ށް ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ އޭނާގެ ކަނާތު އަރިކައްޓާ ދިމާލުން ފުރަމޭ (ލިވާ) އަށް ކަމަށެވެ. "ޑޮކްޓަރު ވިދާޅުވަނީ ލިވާ ހަލާކުވެފައިވާ ކަމަށް. އިތުރު ތަފުސީލު އެނގޭނީ އެމްއާރުއައި ހަދައި ނިމި ރިޕޯޓް ލިބުމުން ކަމަށް ޑޮކްޓަރު ވިދާޅުވޭ. މިހާރު ވެސް ބެޑް ރެސްޓް ނަގަން ޑޮކްޓަރު ވަނީ އަންގާފައި. ޑޮކްޓަރު ވަނީ ހިނގާބިނގާވެ އުޅުން ވެސް މަނާކޮށްފައި މިހާރު،" އާމިރު ވިދާޅުވި އެވެ. އާމިރު ވިދާޅުވީ އޭނާގެ ނޭފަތް މަތީގައި ބަޔަކު ޖެހުމުން ނޭފަތުގެ ކަށިގަނޑު އެއް ފަރާތަކަށް ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އުޅަނބޮއްޓާއި މޭމަތި ވެސް ބޭރުފުށުން ޒަހަމް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އެ ދުވަހު ހުރީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި. ފަހުން ނިދާލާފައި ތެދުވިއިރު ތަންތަނުގައި ރިއްސަން ފެށީ. އެހެންވެ އަވަހަށް ޑޮކްޓަރަށް ދައްކަން އައީ ލަންކާ އަށް،" އާމިރު ވިދާޅުވި އެވެ. އާމިރު ވިދާޅުވިގޮތުގައި އޭނާ ވަނީ ތަޅައިގަތީ ކޮންބައެއްކަން ފުލުހުންނަށް ކިޔައީދީފަ އެވެ. "އޭގެ އަނެއް ދުވަހު ފުލުހުން އައި ފޮޓޯތަކެއް ހިފައިގެން. އަޅުގަނޑު ވަކިކޮށްދިނިން އަޅުގަނޑުގެ ގައިގައި ޖެހި މީހުން. އެކަމަކު އެ މައްސަލަ އެހާ ބާރަށް ކުރިއަށްދާ ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ. އާމިރު ވިދާޅުވެފައި ވަނީ އޭނާ އަށް އަނިޔާކުރީ އައިޖީއެމްއެޗްއާ ދިމާލަށް ވަޑައިގަންނަވަނިކޮށް ސައިކަލް ހިފަހައްޓައި ގަދަކަމުން ގެއެއްގެ ކޮޓަރިއަކަށް ވެއްދުމަށް ފަހު ކަމަށެވެ. ބީޖީ ކަންމަތިން އާމިރު ހިފެހެއްޓި މީހާގެ އިތުރުން، އެހެން މީހުން ވެސް އޭނާ އަށް އަނިޔާކުރި ކަމަށް އާމިރު ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައި ދެ އަންހެނަކު ތިބި ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި އޭގެތެރެއިން ބައެއް މީހުން އެނގިވަޑައިގަންނަވާ ކަމަށް ވެސް އާމިރު ވިދާޅުވެފައިވެ އެވެ. އާމިރު މީހެއްގެ އަންބެއް ކައިރިއަށް ވަން ކަމަށް ބުނާ މައްސަލައެއް ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ އެއީ ދޮގު ތުހްމަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ