ސިވިލް ސާވިސް މުވައްޒަފުންނަށް ދޭނީ މިނިމަމް ވޭޖު އެލަވަންސެއް، އެންމެ ގިނަ ވެގެން އިތުރުވާނީ 1917 ރުފިޔާ

ސިވިލް ސާވިސް މުވައްޒަފުންނަށް މިނިމަމް ވޭޖު ދިނުމަށް "މިނިމަމް ވޭޖު އެލަވަންސް"ގެ ނަމުގައި އެލަވަންސެއް ތައާރަފްކޮށްފިއެވެ. ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މިނިމަމް ވޭޖާއެކު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތައް ހިއްސާކޮށްފައެވެ. ކޮމިޝަނުން ވަނީ ވަޒީފާގެ ރޭންކަށް ބަލައި އެލަވަންސްގެ ގޮތުގައި ދޭނެ ވަކި އަދަދުތަކެއް ކަނޑައަޅައިފައެވެ. އެގޮތުން އެންމެ ގިނަ ވެގެން އެލަވަންސްގެ ގޮތުގައި ލިބޭނީ 1،917 ރުފިޔާއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ މުވައްޒަފުންގެ މުސާރައަށް މިނިމަމް ވޭޖު އެލަވަންސް ލައި، ބޮޑުކޮށްދިނުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަސައްކަތް ކުރަމުން އަންނަނީ އަންނަ ޖެނުއަރީ މަހުގެ 15ގެ ކުރިން އޮފީސްތައް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭ މިންވަރު އަންގައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެލަވަންސް ކަނޑައެޅިފައިވަނީ އެ މުވައްޒަފަކަށް ލިބޭ މުސާރައަށް ބެލުމަށްފަހުގައި ކަމަށްވުމާއެކު، އެ މުވައްޒަފެއްގެ ވަޒީފާގެ ރޭންކުގެ ގޮތުން މުސާރައިގައި ފަރަގުތަކެއް ހުންނާނެ ކަމަށެވެ. "އެއް މުވައްޒަފަކާ އަނެއް މުވައްޒަފަކާ އަޅާ ކިޔާއިރު ފަހަރެއްގަ ތަފާތުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް، މިހާރު އެލަވަންސްގެ ގޮތުގައި ލިބޭނެ އެންމެ މަތީ އަދަދު ކޮމިޝަނުން ހާމަކޮށްފައިވުމާއެކު، ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފަކަށް ލިބޭނެ އަދަދު އަމިއްލައަށް ވެސް ބަލާލެވޭނެ،" އޭނާ ވިދާޅުވިއެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ މިނިމަމް ވޭޖު އެލަވަންސާއެކު 11،828 މުވައްޒަފުންގެ މުސާރަ ބޮޑު ވެގެންދާނެ ކަމަށެވެ. އެގޮތުން: 5928 މުވައްޒަފުންގެ މުސާރައިން 1500 ރުފިޔާ އިތުރުވާނެ 4184 މުވައްޒަފުންގެ މުސާރައިން 1000 ރުފިޔާއާއި 1500 ރުފިޔާއާ ދެމެދު އަދަދެއް އިތުރުވާނެ 1288 މުވައްޒަފުންގެ މުސާރައިން 1000 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދު އަދަދެއް އިތުރުވާނެ އަދި 430 މުވައްޒަފުންގެ މުސާރައިން 500 ރުފިޔާއަށް ވުރެ ދަށުގެ އަދަދެއް އިތުރުވެގެން ދާނެއެވެ. މިނިމަމް ވޭޖު އެލަވަންސެއް ގޮތުގައި ދޭން ނިންމި ނަމަވެސް މުވައްޒަފުންނަށް ލިބޭ އެހެނިހެން ފިކްސްޑް އެލަވަންސްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ