ދަރިންނަކީ އަމާނާތެކެވެ. އެ ކުދިންނަށް ތެދު މަގު ދައްކާށެވެ!

الشَّيْخ شَفِيْعُ عَبْدُ الله 
ދަރިންނަކީ އަމާނާތެކެވެ. އެ ދަރިންނަށް ތެދުމަގު ދެއްކުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާއެވެ. އެ ޒިންމާއާ ބެހޭގޮތުން ޤިޔާމަތްދުވަހުން ސުވާލުވެވޭނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
ކޮންމެ ކުއްޖެއް ވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައިކަން ޙަދީޘްފުޅުގައި ބަޔާންވެފައިވެއެވެ. އެއަށްފަހު އެ ކުއްޖަކަށް ތެދުމަގާއި ނުބައިމަގު ދެއްކުމުގެ ފުރުޞަތު އެ މައިންބަފައިންނަށް ލިބިގެންދެއެވެ. މުސްލިމް މައިންބަފައިން އެބައިމީހުންގެ ދަރިންނަށް ދައްކަން ޖެހެނީ ސުވަރުގޭގެ ދޮރެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ ދޮރެވެ. ދުނިޔެވީ މަޖަލާއި ލައްޒަތާއި ފާޙިޝްކަންކަމުގެ ދޮރުތަކެއް ނޫނެވެ. މާތް ﷲ ނުރުއްސަވާ މަގުމަގާއި ދޮރުދޮރުތަކުން ވަނުމަށް އެ ކުދިންނަށް އެ މައިންބަފައިން މަގު ދައްކައިގެން ނުވާނެއެވެ.
މާތް ﷲ ކީރިތި ޤުރްއާނުގައި އަމުރުކުރައްވާފައި ވަނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި އަނބިދަރިން ނަރަކައިގެ އަލިފާނުން ސަލާމަތް ކުރުމަށެވެ. ދަރިންނާމެދު ފަރުވާ ކުޑަކޮށްފައިވާނަމަ، ޤިޔާމަތްދުވަހުން ސަލާމަތެއް ނުލިބޭނެއެވެ. އެ ދަރިން ވެސް އެ މައިންބަފައިންނަށް ލަޢުނަތް ދޭނޭ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. މަންމަ އާއި ބައްޕަ އޭނާގެ މުސްތަޤްބަލު ހަލާކުކޮށްލުމުގެ ޝަކުވާ ކުރާނެއެވެ. އެއީ ކީއްވެގެން ކުރި ކަމެއްތޯއާމެދު ސުވާލު ކުރާނެއެވެ. އެ ދުވަހުން އެ ދަރިންނަށް އަޅުގަނޑުމެން ދޭނީ ކޮން ޖަވާބެއް ތޯއެވެ؟
ހިތާމައަކީ، މިއަދު އަޅުގަނޑުމެންގެ ދަރިންނަށް ހިތްވަރު ދެވިގެން ދަނީ ހޮލީވުޑާއި ބޮލީވުޑު ފަދަ މާއްދިއްޔަތަށް އަޅުކަން ކުރާ ޝައިޠާނީ ކެހިވެރި މަޅިތަކަށް ހެއްލުމާއި ގެއްލުމަށެވެ. މުސްތަޤްބަލަކީ އެއީ ކަމުގައި ދެއްކެއެވެ. ކާމިޔާބީ އަކީ އެއީ ކަމުގައި ބުނެދެވެއެވެ. އެއީ ދަރިންގެ މުސްތަޤްބަލާއި އެ މީހުންގެ ހުނަރު ކުރިއެރުވުން ކަމުގައި ބުނެދެވެއެވެ. ނަމަވެސް މިއީ ކެހިވެރިކަމެއް ކަމާމެދަކު ޝައްކެއްނެތެވެ. އެއީ ދަރިން ހަލާކުގެ ތެރެއަށް އެއްލައިލުމެވެ.
ޅަދަރީންނަށް މި ދުނިޔެއަކީ ވަގުތީ ތަނެއްކަން އަންގައިދޭން އެބަޖެހެއެވެ. މި ތަނުގައި ފެންނަމުން މިދާ ގިރިޓީ ކަމަކީ ދަޅައެއްކަން ބަޔާންކޮށްދޭން އެބަޖެހެއެވެ. އެ ދަޅަތަކަށް ނުހެއްލުމަށް ދަސްކޮށްދޭން އެބަޖެހެއެވެ. އެ ދަޅަތަކަށް ހެއްލުމަކީ ގެއްލުމެއްކަން ބުނެދޭން އެބަޖެހެއެވެ. އެއީ ޝައިޠާނީ މަގުކަން ބަޔާންކޮށްދޭން އެބަޖެހެއެވެ. އެ މަގާ ކައިރި ނުވުމަށް އިންޒާރު ކުރަން އެބަޖެހެއެވެ.
ސަލާމަތާއި ރައްކައުތެރިކަން އޮތީ މާތް ﷲ ގެ ދީނުގައި ހިފެހެއްޓުމުގައި ކަން ހަނދާންކޮށްދޭން އެބަޖެހެއެވެ. މާތް ﷲ ގެ ދީނަށް ޚިދުމަތް ކުރުމަށް ދަސްކޮށްދޭން އެބަޖެހެއެވެ. އުންމަތުގައި ގެއްލިފައިވާ ކަރާމާތާއި މަޖުދު އަލުން ހޯދައިދޭން ގަދަ އަޅައި މަސައްކަތްކުރަން އެ ކުދިންނަށް ދަސްކޮށްދޭން އެބަޖެހެއެވެ. ޢިލްމާއި، އަޚްލާޤިއްޔާތާއި ތަރުބިއްޔަތުގެ މަގުތައް ދައްކަން އެބަޖެހެއެވެ.
ދަރިންނަކީ އަމާނާތެއްކަން ދަނެ އެ ދަރިންނާމެދު ސަމާލުވެ އެ ދަރިންނަށް މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމަށް މަގު ދައްކައި ދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެ އެންމެ އިސް ޒިންމާއެވެ. އެޒިންމާ އޭގެ އެންމެފުރިހަމަ ގޮތުގައި އަދާކުރައްވާށެވެ! ދަރިންނަކީ އަމާނާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ