އީރާނާ އެކު ކުރަމުންދާ ހަނގުރާމައަށް ތިން ހަފުތާ ވެފައިވާއިރު، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ހިމާޔަތް ދިނުމަށް މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އިލްތިމާސަށް ބައެއް ގައުމުތަކުން ދެކޮޅު ހެދުމާ ގުޅިގެން، ހުޅަނގުގެ ބައިވެރިންނަކީ ޝުކުރުވެރިކަމެއް ނެތް ބައެއްގެ ގޮތުގައި އޭނާ އިއްޔެ ސިފަކުރައްވައިފި އެވެ.
ދުނިޔޭގެ ބާޒާރަށް ނެރޭ ތެލާއި ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް %20 އުފުލާ މި ކަނޑުއޮޅި، އީރާނުން ޑްރޯން އަދި ކަނޑު އަޑީގެ މައިން ބޭނުންކޮށްގެން ދިން ހަމަލާތަކާ ގުޅިގެން މިހާރު އޮތީ ބަންދުކޮށްފަ އެވެ. މީގެ ސަބަބުން ހަކަތަ ލިބުމަށާއި ތަކެތީގެ އަގު އުފުލުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.
ޖަރުމަނު، ސްޕެއިން އަދި އިޓަލީ ފަދަ ގައުމުތަކުން ބުނެފައިވަނީ މިވަގުތު މަނަވަރުތައް ފޮނުވުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށެވެ. ޖަރުމަނުގެ ޗާންސެލަރު ފްރީޑްރިކް މާޒް ވިދާޅުވީ، އެ ގައުމުގެ އަސާސީ ގާނޫނު ތަންދޭ ގޮތުން އދ.، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ނުވަތަ ނޭޓޯގެ ހުއްދައެއް ނެތި އެފަދަ ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ. އަދި ހަނގުރާމަ ފެށުމުގެ ކުރިން ޖަރުމަނާ މަޝްވަރާކޮށްފައި ނުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ބައެއް ގައުމުތަކުން މިކަމަށް ވަރަށް ބޮޑަށް ތާއީދުކުރޭ. އެކަމަކު އަނެއް ބައި ގައުމުތަކުން އެކަމެއް ނުކުރޭ... އެ ގައުމުތަކުގެ ޝައުގުވެރިކަން ހުރި މިންވަރަކީ އަހަރެންނަށް މުހިންމު ކަމެއް،" ޓްރަމްޕް އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ވިދާޅުވި އެވެ.
އެމެރިކާއިން "ހިމާޔަތް ދެމުންދާ" ބައެއް ގައުމުތަކުން މިކަމުގައި އެދެވޭ އެއްބާރުލުމެއް ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރަހައްދީ ހަނގުރާމަ އިތުރަށް ވަރުގަދަވަމުންދާއިރު، އީރާނުން ދަނީ އިޒްރޭލަށާއި ގަލްފުގެ ގައުމުތަކަށް ހަމަލާދެމުންނެވެ. މީގެ ތެރޭގައި ޔޫއޭއީގެ ފުޖައިރާގައި ހުރި ތެޔޮ ރައްކާކުރާ ތަނަކަށް ޑްރޯން ހަމަލާތަކެއް ދީ، ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ މަސައްކަތްތަކަށް ވަނީ ބުރޫއަރުވާލާފަ އެވެ.
އީރާނުން ދިން ވަރުގަދަ ރައްދު ހަމަލާތަކަކީ އެއްވެސް މީހަކު އުންމީދުކުރި ވަރަށް ވުރެ ވަރުގަދަ ހަމަލާތަކެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ގަތަރު، ސައުދީ އަރަބިއްޔާ އަދި ބަހްރޭނަށް ދިން ހަމަލާތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، "އެކަކު ވެސް އެކަމަކަށް އުންމީދެއް ނުކުރޭ. އަހަރެމެން ތިބީ ހައިރާންވެފައި،" ކަމަށެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކުރިއަށްދާ މި ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 2,000 މީހުން މަރުވެފައިވާއިރު، ދުނިޔޭގެ ހަކަތަ ސަޕްލައިއަށް ދިގު މުއްދަތަކަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތުމުން ތެލުގެ އަގު ވަނީ އުފުލިފަ އެވެ.
ހޮރްމުޒް ކަނޑުއޮޅިއަށް މަނަވަރު ފޮނުވަން ގައުމުތަކުން ދެކޮޅު ހެދުމުން ޓްރަމްޕް ފާޑުވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ