މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެޔޮ އަގު ބޮޑުކުރުމަށް ފަހު އަލުން ހެޔޮކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑުކުރަން އިއްޔެ ނިންމުމަށް ފަހު، ކުރިން ވިއްކި އަގުގައި ވިއްކަން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިފްކޯ އިން ބުނީ މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ދަމަހައްޓަން އެ ކުންފުނިން ނިންމީ، މަސްވެރިންނަށް ތަކުލީފު ކުޑަ ކުރުމުގެ ގޮތުންނެވެ.
ތަފްސީލް - މިފްކޯ އިން އިއްޔެ ވަނީ މަސްވެރިންނަށް ޑީސަލް ވިއްކާ އަގު 27.24ރ.އަށް ބޮޑުކުރިކަން މެމޯއަކުން އަންގައިފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 100 ޑޮލަރުން މައްޗަށް ގޮސްފަ އެވެ.
މިފްކޯ އިން މިއަދު ބުނީ:
ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން އެސްޓީއޯ އިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް އިއްޔެ ބަދަލު ގެނެސްފައިވޭ
ނަމަވެސް އެސްޓީއޯގެ ނިންމުން މުރާޖައާކޮށް، ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ 'ފަހި ހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް ހަމަޖައްސާފައިވޭ
މި ބަދަލާ އެކު ތެޔޮ ވިއްކުމަށް މިފްކޯ އިން މި މަހުގެ 5 ވަނަ ދުވަހު އިއުލާނު ކުރި އަގުތައް ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިގޮތުން:
މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54ރ.އަށް ޑީސަލް ލީޓަރެއް ލިބޭނެ
 3 ޓަނަށް ވުރެ އިތުރަށް ކިރާ ނަމަ، 16.04ރ.އަށް ޑީސަލް ލީޓަރެއް ލިބޭނެ
މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކާނީ ލީޓަރެއް 17.54ރ.އަށް 
ގުޅުން ހުރިި - ރަށްރަށަށް ލޯންޗު ފެރީ އާއި ދޯނި ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެކަން އިއްޔެ އެސްޓީއޯ އިން ވަނީ އިއުލާނުކޮށްފަ އެވެ.
މި ބަދަލުތައް ގެނައީ އެ އާންމުންނަށް މާލީ ގޮތުން ބުރައަކަށް ނުވާނެ ގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ