ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އިންޑިއާގެ އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން، މިއަހަރުގެ ކުރީކޮޅު އިންޑިއާއިން ހިފެހެއްޓި ތިން ބޯޓެއް ދޫކޮށްލުމަށް އީރާނުން އެދިއްޖެ އެވެ.
އީރާނުން މިގޮތަށް އެދިފައިވަނީ އެމެރިކާ އާއި އިޒްރޭލާ ގުޅުންހުރި ހަމަނުޖެހުންތަކާ ގުޅިގެން ގަލްފް ސަރަހައްދުގެ ކަނޑުދަތުރުފަތުރަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން، ބޭހާއި މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ވެސް އީރާނުން އެދިފައިވާ ކަމަށް އެއް މަސްދަރުން ބުނެ އެވެ.
އިންޑިއާއިން 'އެސްފާލްޓް ސްޓާ'، 'އަލް ޖަފްޒިއާ' އަދި 'ސްޓެލާ ރޫބީ' ހިފަހައްޓާފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ބޯޓުތައް ހިފެހެއްޓީ އުޅަނދުތަކުގެ ވަނަވަރު އޮޅުވާލައި ގަވާއިދާ ހިލާފަށް އެއް ބޯޓުން އަނެއް ބޯޓަށް މުދާ ބަދަލުކުރާ ކަމަށް ތުހުމަތުކޮށެވެ.
މި ތިން ބޯޓު ވެސް އަދިވެސް އޮތީ މުމްބާއީ ކައިރީގައި ބަނދަރުކޮށްފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތައް މިހާރު ވަނީ ވަރުގަދަވެފަ އެވެ. އެގޮތުން، އިންޑިއާގެ އެލްޕީޖީ އުފުލާ ދެ ބޯޓަކަށް ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އީރާނުން ދާދި ފަހުން ވަނީ ދީފަ އެވެ. މީގެ ތެރެއިން އެއް ބޯޓު މިހާރު ވަނީ އިންޑިއާއަށް ގޮސްފަ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ މި ކުރިއެރުންތަކުން ފެންނަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި މުއާމަލާތް ކުރުމުގެ ތާރީހު ކަމަށެވެ. ނަމަވެސް، އެއްވެސް ކަމެއްގެ ބަދަލުގައި އަނެއް ކަމެއް ކުރުމަށް އެއްބަސްވެފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި މަޝްވަރާތައް ކުރިއަށްދާއިރު، އިންޑިއާގެ ދިދަ ޖަހާފައިވާ މަދުވެގެން 22 އުޅަނދަކާއި 611 ފަޅުވެރިން ގަލްފް ސަރަހައްދުގައި އެބަތިއްބެވެ. އިންޑިއާގެ އެތެރޭގެ ބާޒާރުގައި ކައްކާ ގޭސް މަދުވުމާ ގުޅިގެން، އެލްޕީޖީ އުފުލާ ބޯޓުތަކަށް އިންޑިއާއިން ދަނީ އިސްކަންދެމުންނެވެ. އިންޑިއާއަށް އެތެރެކުރާ އެލްޕީޖީގެ ގާތްގަނޑަކަށް %90 އަންނަނީ އެ ސަރަހައްދުންނެވެ.
ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ދިން ހަމަލާތަކެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވުމާ ގުޅިގެން މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.
އިންޑިއާއިން ހިފަހައްޓާފައިވާ ތެޔޮ އުފުލާ ބޯޓުތައް ދޫކޮށްލަން އީރާނުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ