އޮސްކާ އެވޯޑްސްގެ ރަތް ދޫލަ މަތިން ވިދާލި ތަރިން

އޮސްކާ އެވޯޑްސް ނުވަތަ ރަސްމީ ނަމުން ނަމަ 'އެކެޑެމީ އެވޯޑްސް' އަކީ ހޮލީވުޑްގެ އެންމެ ބޮޑު 'ރެޑް ކާޕެޓް' އިވެންޓެވެ. މި އަހަރުގެ ރެޑް ކާޕެޓް މަތިން ފެނުނު ފުރިހަމަ ހެދުންތައް ފާހަގަ ކުރުމުގެ ކުރިން، ގިނަ ބަޔަކު އަބަދުވެސް އަހާ ސުވާލަކަށް ފުރަތަމަ އަލިއަޅުވާލަނަމެވެ. އެއީ 'އެކެޑެމީ އެވޯޑްސް'އަށް 'އޮސްކާ' ކިޔުނީ ކީއްވެބާވަ އެވެ؟
"އޮސްކާ" އެންމެ ފުރަތަމަ ނޫސްތަކުން ފެނިގެން ދިޔައީ 1934ގައި މުނިފޫހިފިލުވުމުގެ ނޫސްވެރިޔާ ސިޑްނީ ސްކޯލްސްކީ އޭނާގެ ހޮލީވުޑް 'ގޮސިޕް' ކޮލަމްގައި އެ ނަން ބޭނުންކުރި ހިސާބުންނެވެ. 'އެކެޑެމީ' އަކީ ބޮޑާ ނަމެއް ކަމަށް އޭނާއަށް ފެނިގެން އެހެން ނަމެއް ދިނީ އެވެ. އެއަށް ފަހު ގިނަ ބަޔަކު އެކެޑެމީ އެވޯޑްސްއަށް ވަނަމަކަށް 'އޮސްކާސް'އޭ ކިޔަން ފަށައި އެ ނަން މަގުބޫލުވި އެވެ. 
މިދިޔަ އާދީއްތަ ދުވަހުގެ ރޭ، ލޮސް އެންޖަލިސްގެ ޑިޖިޓަލް ޑޮލްބީ ތިއޭޓަރުގައި ބޭއްވި 98ވަނަ އޮސްކާ އެވޯޑް ޝޯގައި ދުނިޔޭގެ އެންމެ މަގުބޫލު އެކްޓަރުންނާއި ޑިރެކްޓަރުން އެ މީހުންގެ އެންމެ ހިތްގައިމު ހެދުންތައް ދައްކާލި އެވެ. މިފަހަރުގެ ރަތް ދޫލަ އަކީ 900 ފޫޓު ދިގު އަދި 60 ފޫޓު ފުޅާ 25،000 އަކަ ފޫޓުގެ ދިގު ދޫލަ އެކެވެ. އަދި އެ ތައްޔާރު ކުރުމަށް 2،400 ގަޑިއިރާއި 400 އަށް ވުރެ ގިނަ މަސައްކަތްތެރިން ބައިވެރިވި ކަމަށް ވެ އެވެ. ރަތް ދޫލަ މަތިން ފެނުނު ހެދުންތައް ވެސް އެހާ ނަލަ ވެފައި އަގު ވެސް ބޮޑެވެ.
މި އަހަރުގެ 'އޮސްކާސް' ރަތް ދޫލަ މަތިން ފާހަގަވި ސްޓައިލްތަކާއި އެންމެ ނަލަ އަދި އާދަޔާހިލާފު ހެދުންތައް ތިރީގައި ފާހަގަ ކޮށްލާނަމެވެ.
އޮސްކާ އެވޯޑްސްގައި އާއްމުކޮށް ފެންނަނީ 'އޯލްޑް ހޮލީވުޑް' ސްޓައިލް އެވެ. އެއީ އިހު ޒަމާނުގައި ފެންނަ ގައުން އަދި ސޫޓު ސްޓައިލްތަކެވެ. އެގޮތުން މި އަހަރު ވެސް ފާހަގަވި ނަލަ ގިނަ ހެދުންތައް ފަރުމާކޮށްފައިވަނީ އިހުގެ ސްޓައިލް އާއި ބައްޓަންތަކަށެވެ.
އޮސްކާ އެވޯޑްސްއަށް ގިނަ ތަރީން އިހުތިޔާރުކުރަނީ މިނަށްވުރެން ގޮތްބޮޑު ނޫން، ކަޅު، ހުދު، ނޫ، ރިހި އަދި ރަން ފަދަ ކުލަތަކެވެ. 
'އޯލްޑް ހޮލީވުޑް' ސްޓައިލް ޒަމާނީ ގޮތަކަށް ބަދަލުކޮށްލައިގެން ފަރުމާކޮށްފައިވާ ހެދުންތައް މިފަހަރު ވެސް މަދެއް ނޫނެވެ. އެކްޓްރެސް އޭން ހެދަވޭ އަކީ މި ސްޓައިލް ވަރަށް ހިތްގައިމުކޮށް ދައްކާލި އެއް ތަރި އެވެ.
އޭނާ ލައިގެން ހުރީ އިޓަލީގެ މަޝްހޫރު ބްރޭންޑު ވެލެންޓީނޯގެ އުފެއްދުމެކެވެ. ހެދުމުގައި ޕީޗް އަދި މަޑު ފިޔާތޮށި ކުލައިގެ މާތަކެއް ޖަހައި ރަނާއި ރިހި ކުލައިގެ ރޮދިން ޖަރީ ކޮށްފައި ވެ އެވެ. ހެދުމާ އެކު އަންގިއަކާއި ބެލްޓެއް ގުޅުވާލައިފައި ހުއްޓެވެ. ބައެއް މީހުން އެ ސްޓައިލުގެ ބެލްޓު އެ ހެދުމާ ނުގުޅޭ ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ. އެކަމަކު މުޅި ހެދުމާއި ސްޓައިލް އެ ހަފްލާއާ ގުޅެ އެވެ.
'ބެސްޓް އެކްޓްރެސް'ގެ އެވޯޑް މިފަހަރު ކާމިޔާބު ކުރި ޖެސީ ބަކްލީ ލައިގެން ހުރީ ޑިޒައިނަރު މެތިޔު ބްލޭޒީ، ޝެނަލް ބްރޭންޑަށް ފަރުމާކޮށްފައިވާ ހެދުމެކެވެ. ހެދުމުގެ 'ސިލުވޭޓު' އަކީ ވަރަށް 'ކްލެސިކް' ސްޓައިލް އެކެވެ. އެއީ އުނަގަނޑުން ފެށިގެން ދޫ ކޮށް، 'އޯފް ޝޯލްޑާ' އެއް ލައިފަ އެވެ. 
'ކްލެސިކް' ސްޓައިލްއެއް ޒަމާނީ ކޮށްލަން މެތިޔު ބްލޭޒީ ވަނީ ފިޔާތޮށި އަދި ގަދަ ރަތް، ލަތީފީ ކުލަތަކެއް ބޭނުންކޮށްގެން 'ކަލާ ބްލޮކް' ސްޓައިލްއަކަށް ތައްޔާރުކޮށްފަ އެވެ. 
ހުނަރުވެރި އެކްޓްރެސް އެލް ފެނިން އަކީ ކޮންމެ ބޮޑު ހަފްލާއަކަށް ވަކި ގޮތަކަށް ހެދުން ސްޓައިލްކުރާ ތަރި އެކެވެ. އޭނަ އާއްމުކޮށް ލައި އުޅޭ ސްޓައިލްތައް ވައްތަރު ވަނީ 'ޑިޒްނީ ޕްރިންސެސް'އެއްގެ ހެދުން ސްޓައިލްއާ އެވެ. އޮސްކާ އެވޯޑްސްއަށް އެލް ލައިގެން ހުރީ ޑިޒައިނަރު ސާރާ ބާޓަން ދާދި ފަހުން ޖިވޯންޝީ ބްރޭންޑަށް ފަރުމާކުރި ހެދުމެކެވެ. އެއީ 'ބޯލް ގައުން' ސްޓައިލްގެ ހުދު ހެދުމެކެވެ.
ތާރީހީ ގޮތުން ބަލާއިރު އޮސްކާ އެވޯޑަކީ ހޮލީވުޑްގެ އެންމެ ރަސްމީ އިވެންޓެވެ. އަދި ޑްރެސް ކޯޑް އަކީ 'ބްލެކް ޓައި' އެވެ.
އާދަޔާހިލާފު ކުލަތަކާއި ހެދުން ސްޓައިލްތައް މިކަހަލަ އިވެންޓަކަށް ކަމަކުނުދެ އެވެ. މައިގަނޑު ކުލަތަކެއްގެ ގޮތުގައި ފެންނާނީ ކަޅު، ރަތް، ނޫ އަދި ހުދު ކުލަ އެވެ. ހުދު ކުލައިގެ ހެދުންތަކަކީ އާއްމުކޮށް ބޮޑެތި ބްރޭންޑުތަކުން 'ބްރައިޑަލް' ސްޓައިލްގެ ގޮތުގައި ތައާރަފު ކުރާ ވައްތަރެކެވެ.
މި އަހަރުގެ އޮސްކާ އެވޯޑްސް ރަތް ދޫލަ މަތިން ކައިވެނި ހަފްލާއަކަށް ވެސް އެކަށީގެންވާ ހެދުންތަކެއް ފާހަގަވި އެވެ.
އެކްޓްރެސް އެލް ފެނިންގެ ހުދު ޖިވޯންޝީ ހެދުމުގައި ރިހި ކުލައިގެ މާ ކޯނިތަކެއްގެ 'އެޕްލީކް' ހަދާފައިވެ އެވެ. މިއީ ވަރަށް ކްލެސިކް ސްޓައިލްެއެއްގެ ކައިވެނި ހެދުމެކެވެ. ޕްރިޔަންކާ ޗޯޕްރާ ވެސް ހަފްލާގައި އޭނާގެ ފިރިމީހާ ނިކް ޖޯނަސްއާ އެކު ބައިވެރިވި އިރު ލައިގެން ހުރި ހުދު ހެދުން ޒަމާނީ ވެފައި 'ވެޑިން' ސްޓައިލުގެ ހެދުމަކާ ގުޅެ އެވެ.
ފިލްމު 'ފްރެންކެންސްޓައިން'ގެ އެކްޓްރެސް އަދި ބިރުވެރި ފިލްމުތަކަށް މަޝްހޫރު މިއާ ގޮތުގެ ލޭސް ގައުން ވަރަށް ޗާލެވެ. މިއީ ޒަމާނީ ވެޑިން ހެދުމަކަށް އެކަށީގެންވާ ލަތީފީ ހެދުމެކެވެ.
މިއާ ގޮތު އާއްމުކޮށް ލައި އުޅެނީ ގަދަ ކުލަތަކެވެ. އެކަމަކު މިފަހަރު އޭނާ ލީ ޑިއޯ ބްރޭންޑުގެ ހެދުން އޭނާގެ ހަށިގަނޑައި ބައްޓަމާ ވެސް ގުޅެ އެވެ. އެއީ ވަރަށް ބުއްދިވެރި ތަފާތު ސްޓައިލެކެވެ.
'ވެޑިން ލުކްސް'ގެ ތެރޭގައި މަގުބޫލު އެކްޓަރު ޓިމޮތީ ޝަލަމޭގެ ހުދު ކުލައިގެ ސޫޓު ހިމެނެ އެވެ. ދާދި ފަހުން އޭނާ 'ބެލޭ' އަދި 'އޮޕެރާ'އަށް ހަޖޫޖަހައި ކީ ފާޑުކިއުންތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުންނާއި ހޮލީވުޑް ތެރެއިން ވެސް ގިނަ ބަޔަކު ނުރުހުން ފާޅު ކުރި އެވެ. ޓިމޮތީ އަކީ އަބަދުވެސް އެކި ކަހަލަ 'ސެންސިޓިވް' މައުލޫތަކަށް ނުރަނގަޅު ހިޔާލު ފާޅު ކުރާ އެކްޓަރެކެވެ. 
ފިލްމު 'މާޓީ ސުޕްރީމް'ގެ އެކްޓަރު އޮސްކާ އެވޯޑްސްއަށް ލައިގެން ދިޔަ ޖިވޯންޝީ ހުދު ސޫޓު ހީވަނީ ލަސް ވެގަސްގައި އަވަހަށް އަދި އަގުހެޔޮކޮށް ކައިވެނި ކޮށްލެވޭނެ ކުޑަ ފައްޅިއަކަށް ތައްޔާރު ވެގެން ހުރި ހެނެވެ. މަގުބޫލު ފެޝަން މަޖައްލާ ވޯގް އިން ބުނިގޮތުގައި ޓިމޮތީ އޭނާގެ ހުދު ސޫޓު، 'ގޯޓީ' ސްޓައިލުގެ ތުނބުޅި އަދި ހުދު ބޫޓަށް އަރައިގެން ހުރުމުން ހީވަނީ 90ގެ އަހަރުތަކުގެ ބޯއި ބޭންޑެއްގެ މެމްބަރެއް ހެނެވެ.
މި އަހަރުގެ އޮސްކާ އެވޯޑްސްގެ ރަތް ދޫލަ މަތީ ފިރިހެން ތަރިންގެ ސްޓައިލް އެހެން އެވޯޑް ހަފްލާތަކާ ދާދި އެއްގޮތެވެ. ގިނަ ތަރިން ތިބީ ކަޅު ނުވަތަ ގަދަ ކުލައިގެ ބޯ ޓައި ސޫޓާއި ފަޓުލޫނު ލައިގެނެވެ.
އެކަމަކު މިފަހަރު ކުޑަ ބަދަލެއް އެ މީހުންގެ ސޫޓަށް ގެނެސްފައިވެ އެވެ. އެއީ މޭގައި ޖަހާ ދައްޗެކެވެ. ގަޔަށް ރީތިކޮށް ފަހާފައި ހުރި ސޫޓަކާ އެކު ގަހަނާއެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ހަމައެކަނި އަގު ބޮޑު ވިދާ ގަޑިއެއް އެކަންޏެއް ނޫނެވެ. ސޫޓުގެ 'ލޭޕަލް'ގައި ނަލަ ޑިޒައިނެއްގެ 'ބްރޫޗް' ހަރުކޮށްފައި ހުއްޓެވެ.
އެގޮތުން ޓީވީ ސީރީޒް 'ހީޓެޑް ރައިވަލްރީ'ގެ އެކްޓަރު ހަޑްސަން ވިލިއަމްސްގެ ބެލެންސިއާގާ ސޫޓުގެ ގިރުވާނުގައި ރިހިކުލައިގެ، ކުޑަ ދޫންޏެއް ގޮފި ކޮޅެއްގައި ޖައްސާލައިގެން އިން ޑިޒައިންގެ ބްރޫޗްއެއް ހަރުކޮށްފައިވެ އެވެ.
އެކްޓަރު ޖެރެމީ ޕޯޕްގެ ކަޅާއި ހުދު ސޫޓުގައި ހަރުކޮށްފައި ހުރީ ދެ ބަޔަކަށް ބެހިފައިވާ ބްރޫޗް އެކެވެ. އޭގެ ރިހި ގޮފިކޮޅުތައް ޖަރީކޮށްފައިވަނީ ޖަވާހިރުންނެވެ.
ލަވަކިއުންތެރިޔާ އަދި ރެޕާ ޝަބޫޒީގެ ހިތްގައިމު 'ކްލެސިކް' ސޫޓާ ގުޅުވާލައިގެން އޭނާ ހުރީ 'ހައި ކޮލާ' ގަމީހެއް ލައިގެނެވެ. ސޫޓުގެ ގިރުވާނުގަ އާއި ގަމީހުގެ ގިރުވާނުގައި ވެސް ރިހި ކުލައިގެ ބްރޫޗް ހަރުކޮށްފައިވެ އެވެ. އޭނާ ތައްޔާރުވެގެން ހުރީ މިނަށްވުރެން ގޮތް ބޮޑު ނޫން، ރަސްމީ އަދި މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅޭ ސްޓައިލްއަކަށެވެ.
ބްރޫޗް ހަރުކޮށްފައި ތިބި ތަރިންގެ ތެރެއިން އެންމެ ތަފާތު ސްޓައިލްތަކެއް ބޭނުންކޮށްފައި ވަނީ އެކްޓަރު ޕެޑްރޯ ޕެސްކަލް އާއި އޭޑްރިއަން ބްރޯޑީ އެވެ.
ޕެޑްރޯ ޕެސްކަލް ސޫޓު ޖެކެޓެއް ނުލައި ހަމައެކަނި ލައިގެން ހުރީ އަތްދިގު އަދި ގިރުވާނުގެ ގޮށްތައް އަޅުވާފައި ހުރި ރަސްމީ ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. މި ސާދާ 'ލުކް'އާ އެކު ބޮޑު މަލެއްގެ ސިފަޔަށް ދޫނި ފަތުން ފަރުމާކޮށްފައިވާ ބްރޫޗްއެއް ޖަހާފައި ވެ އެވެ.
ހުނަރުވެރި އެކްޓަރު އޭޑްރިއަން ބްރޯޑީ އޭނާގެ ކަޅު ޖިވޯންޝީ ސޫޓުގެ ސާދާ ސްޓައިލްއާ ގުޅުވާލައިފައި ހުރީ ބޮޑު ރިހި ބްރޫޗް އެކެވެ.
މި އަހަރުގެ އޮސްކާސް ރަތް ދޫލަ މަތިން ދެން ފާހަގަވި ޓްރެންޑަކީ ދޫނި ފަތް ޖަހާފައި ހުންނަ ހެދުންތަކެވެ. ދާދި ފަހުން ބޭއްވި 'ކުޗުއާ' ފެޝަން ވީކްގައި ވެސް ދޫނި ފިޔަ ހަރުކޮށްފައިވާ ގިނަ ޑިޒައިންތަކެއް ދައްކާލި އެވެ. މި ސްޓައިލް ތަރިންނަށް ހާއްސަ ބޮޑު ހަފްލާއަކުން ވެސް ފެނުން އެކަށީގެންވެ އެވެ.
އެކްޓްރެސް ނިކޯލް ކިޑްމަން އާއި ޓެޔާނާ ޓޭލާ ލައިގެން ތިބީ ޑިޒައިނަރު މެތިޔު ބްލޭޒީގެ 'ކަސްޓަމް' ޝެނަލް ހެދުމެވެ. އަދި މަޝްހޫރު ބިރުވެރި ފިލްމު 'ސަބްސްޓެންސް'ގެ ތަރި ޑެމީ މޯ ލައިގެން ހުރީ ފެހި ކުލަ އާއި ކަޅު ކުލައިގެ ދޫނި ފިޔަތަކެއް ޖަހާފައި ހުރި، ގުޗީ ބްރޭންޑުގެ ހެދުމެކެވެ.
މި ލިސްޓުގެ އެއްވަނަ ހައްގުވަނީ 'ވަން ބެޓްލް އާފްޓާ އަނަދާ' އިން ވިދާލި އެކްޓްރެސް ޓެޔާނާ ޓޭލާ އަށެވެ. ޓެޔާނާގެ ޝެނަލް ބްރޭންޑުގެ ހެދުން އޭނާގެ އަމިއްލަ ސްޓައިލްއާ ވެސް ގުޅެ އެވެ. އަދި ޒަމާނީ ވެފައި ނަލަ އެވެ. ޓެޔާނާގެ 'ރެޑް ކާޕެޓް' ސްޓައިލް ކޮންމެ ހަފްލާއެއްގައި ވިދާލަ އެވެ. 
ފިލްމު 'އިފް އައި ހެޑް ލެގްސް އައި ވުޑް ކިކް ޔޫ' އިން އޮސްކާ އެވޯޑަށް ނޮމިނޭޓުވި އެކްޓްރެސް ރޯސް ބާންގެ ހިތްގައިމު ޒަމާނީ ސްޓައިލުގެ 'އޯލްޑް ހޮލީވުޑް' ހެދުން އޭނާގެ ޝަހުސިއްޔަތާއި ރޫފައާ ގުޅެ އެވެ. ޑިޒައިނަރު ޖޮނަތަން އޭންޑަސަން ޑިއޯ ބްރޭންޑަށް ފަރުމާކޮށްފައިވާ ހެދުމުގައި ނަލަ މާ ކޯނިތަކެއް ޖަރީ ކޮށްފައި ވެ އެވެ. އޮސްކާ އެވޯޑްސް ފަދަ ބޮޑު ހަފްލާއަކަށް މި ހެދުން ވަރަށް އެކަށީގެން ވެ އެވެ.
އެންމެ އާދަޔާހިލާފު ލިސްޓުގައި މިފަހަރު ހިމެނެނީ މަޝްހޫރު ފިލްމު 'ހެމްނެޓް'ގެ ޑިރެކްޓަރު ކްލޯއީ ޒާއޮ އެވެ. އޭނަ ލައިގެން ހުރީ މުޅީން ކަޅު ކުލައިގެ ހެދުމެކެވެ. އެއީ ބޮލުގައި ފޮތުގަނޑެއް ވެސް އަޅާފައި އަތް ކުރި ފުޅާކޮށް، 'ރަފްލްސް' ނަގާފައި ހުރި ހެދުމެކެވެ. އޭނާ އެ އައީ އޮސްކާ އެވޯޑްސް ހަފްލާއަށްތޯ ނުވަތަ މީހެއްގެ ޖަނާޒާއަށް ބާވައޭ ސުވާލުކުރެވެ އެވެ. ގިނަ އެވޯޑްތަކެއް ކާމިޔާބު ކުރި ފިލްމެއްގެ ޑިރެކްޓަރެއްގެ ޝަހުސިއްޔަތު މި ހެދުމަކުން ނުދައްކަ އެވެ. އަދި މިފަދަ ބޮޑު ހަފްލާއަކަށް މުނާސަބެއް ވެސް ނޫނެވެ. 
ކްލޯއީގެ ޖަނާޒާ ސްޓައިލް އަކީ މިވަގުތު އެމެރިކާގެ ހާލަތަށް ނިސްބަތްކޮށްގެން ލީ ހެދުމެއްތޯ ވެސް ސުވާލު ކުރެވެ އެވެ. އެމެރިކާގެ ސިޔާސީ ލީޑަރުންގެ ހަރުކަށި ލާއިންސާނީ ހަނގުރާމަ އާއި މިހާރު ހިނގަމުންދާ ބޮޑެތި އެކި މައްސަލަތަކާ މެދު ކްލޯއީ ހިތާމަ ފާޅުކުރާ ކަމުގެ ރަމްޒީ ސްޓައިލްއެއް ބާވަ އެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ