އީރާނާ އެއްކޮޅަށް ވާހަކަދެއްކުމުން ހޮންޑާގެ އެމެރިކާ ސްޕޮންސާޝިޕް ހުއްޓުމަކަށް
ޖަޕާނުގެ ގައުމީ ޓީމުގެ ކުރީގެ ތަރި ކެއިސުކޭ ހޮންޑާ، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ޓީމު ބައިވެރިވުމަށް ތާއީދުކޮށް ވާހަކަދެއްކުމާ ގުޅިގެން، އެމެރިކާގެ ކުންފުންޏަކުން އޭނާއާއެކު ހަދަން އުޅުނު އިޝްތިހާރުގެ އެއްބަސްވުމެއް ބާތިލުކޮށްފިއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހޮންޑާ ކުރި ޕޯސްޓެއްގައި ބުނީ، އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި މުބާރާތުގައި އީރާނުން ވާދަކުރުމަށް އޭނާ އެދޭކަމަށް ބުނުމުން، އެމެރިކާގެ ކުންފުންޏެއްގެ އިޝްތިހާރެއް މަޑުޖައްސާލާފައިވާ ކަމަށެވެ. އުމުރުން 39 އަހަރުގެ ހޮންޑާ ލިޔެފައިވަނީ މިއީ ވަރަށް ނާޒުކު މައްސަލައެއްކަން އެނގޭ ކަމަށާއި، ނަމަވެސް އަމިއްލަ ގޮތުން އޭނާ ބޭނުންވަނީ އީރާނުގެ ޓީމު ވޯލްޑް ކަޕްގައި ބައިވެރިވާން ކަމަށެވެ. ހޮންޑާ މިހެން ބުނެފައިވަނީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއި، އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން، ވޯލްޑް ކަޕްގައި ބައިވެރިނުވެވޭނެ ކަމަށް އީރާނުގެ ކުޅިވަރާބެހޭ ވަޒީރު ވިދާޅުވެފައިވަނިކޮށެވެ. އީރާނުން ވަނީ މީގެ ރައްދުގައި އޒްްރޭލާއި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. މިއަހަރުގެ ޖޫން 11 އިން ޖުލައި 19 އަށް ބާއްވާ 48 ޓީމު ހިމެނޭ ވޯލްޑް ކަޕްގައި އީރާން ކުޅެން ހަމަޖެހިފައިވާ ހުރިހާ މެޗެއްވެސް އޮތީ އެމެރިކާގެ ހުޅަނގު އައްސޭރީގެ ސްޓޭޑިއަމްތަކުގައެވެ. ނަމަވެސް މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އެ ޓީމަށް މުބާރާތުގައި ބައިވެރިވެވޭނެކަމާމެދު ވަނީ ޝައްކު އުފެދިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ޓީމު ވޯލްޑް ކަޕްގައި ބައިވެރިވުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ އީރާން ޓީމަށް މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް އެ ކުޅުންތެރިންގެ ފުރާނައާއި ސަލާމަތަށްޓަކައި އެމީހުން އެތަނުގައި ތިބުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދުދީ އީރާނުގެ ގައުމީ ޓީމުގެ އިންސްޓަގްރާމް އެކައުންޓުން ބުނީ، ވޯލްޑް ކަޕަކީ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށާއި އޭގެ ކަންކަން ނިންމާނީ ފީފާއިން ކަމަށެވެ. އަދި މުބާރާތް ބާއްވާ ގައުމުގެ ނަން އޮވެފައި، ކުޅުންތެރިންނަށް ސަލާމަތްތެރިކަން ފޯރުކޮށްނުދެވޭނަމަ މުބާރާތުން ބާކީކުރަންޖެހޭނީ އެ ގައުމު ކަމަށް އީރާނުން ބުނެފައިވެއެވެ. އޭގެ ފަހުން ޓްރަމްޕް ވަނީ މުބާރާތަކީ ހުރިހާ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށްވެސް ރައްކާތެރި މުބާރާތަކަށް ވާނެކަމަށް ވިދާޅުވެ އިތުރު ޕޯސްޓެއް ކުރައްވާފައެވެ. 2008 އިން 2018 އަށް ޖަޕާނުގެ ގައުމީ ޓީމަށް ކުޅެދީ، 38 ލަނޑު ކާމިޔާބުކޮށްފައިވާ ހޮންޑާއަކީ ޖަޕާނުގެ ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ 2010، 2014 އަދި 2018 ގެ ވޯލްޑް ކަޕްގައި ޖަޕާނު ތަމްސީލުކޮށްފައެވެ. އަދި 2011 ވަނަ އަހަރު ޖަޕާނުން އޭޝިއަން ކަޕް ކާމިޔާބުކުރިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދިއެވެ. ދުނިޔޭގެ ފަސް ބައްރެއްގައި 11 ކުލަބަކަށް ކުޅުމަށްފަހު، ހޮންޑާ ފުޓުބޯޅަ ކުޅުން ހުއްޓާލައި ކޯޗިންގެ ދާއިރާއަށް ނުކުމެފައިވަނީ 2024 ވަނަ އަހަރުގައެވެ. އޭނާ ބުނި ގޮތުގައި މީހުންގެ ވިސްނުން ހުންނަ ގޮތުން ކަންކަމުގެ އަސްލު އޮޅޭގޮތަށް ނިންމުންތައް ނިންމާ ކުންފުނިތަކާއެކު މަސައްކަތްކުރަން އޭނާ ބޭނުމެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ