ފާޑުކިޔުންތައް އަމާޒުވި ފަހުން ބައްސާމް އަލުން ޖަލު ބަންދަށް ބަދަލުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ވަގުތީގޮތުން ގެއަށް ބަދަލުކުރީ ސާޖަރީއަކަށްފަހު ޑޮޮކްޓަރުގެ ލަފާގެ މަތިން ކަމަށާއި މިހާރު އޭނާ ހުރީ ޖަލުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ހާމަކޮށްފި އެވެ.ބައްސާމް ގޭބަންދަށް ބަދަލު ކުރަން ކަރެކްޝަންސްއިން ނިންމާފައި ވަނީ އިއްޔެ އެވެ. އެ ނިންމުން ރޭ ސޯޝަލް މީޑިއާގައި ތިލަވި އެވެ. އެއާ އެކު އާންމުންގެ ފާޑުކިޔުން ކަރެކްޝަންސްއަށް އަމާޒުވި އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބައްސާމް ވަގުތީ، ޒަރޫރީ ގޮތުން ގޭބަންދަށް އިއްޔެ ބަދަލުކުރީ އޭނާގެ ސާޖަރީއަކަށް ފަހު ޑޮކްޓަރުންގެ ސިއްހީ ލަފާގެ މަތިން، ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލުކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށެވެ.ނަމަވެސް، ސާޖަރީއަށް ފަހު ދޭ ފަރުވާ އަށް އޭނާ މިވަގުތު ޖަލުގައި ބަހައްޓައިގެން އަވަސްކޮށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމުން އަލުން ޖަލަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލް މިއަދު ވިދާޅުވި އެވެ.ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުން ބޮޑު ޖަލު ހުކުމެއް އިއްވީ ފީފާއިން އެފްއޭއެމަށް ފޮނުވި 1.2 މިލިއަން ޑޮލަރާއި އިތުރު 10,000 ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވުމާ ގުޅިގެންނެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތަރު ދައުވާވެސް ވަނީ ސާބިތުވެފައެވެ.މި މައްސަލައިގެ ތެރެއިން ބައްސާމް އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެއް ފުލުހުން ހިފަހައްޓާފައިވާއިރު، މިހާރު މި މައްސަލަތައް އޮތީ ހައިކޯޓުގައި އިސްތިއުނާފު މަރުހަލާގައެވެ. މީގެ އިތުރުން، މި މައްސަލާގައި ހިމެނޭ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމްވެސް ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ