ޑްރޯން ހަމަލާއަކާ ގުޅިގެން ޔޫއޭއީގެ ޝާހް ގޭސް ފީލްޑްގެ މަސައްކަތްތައް މެދުކަނޑާލާފައިވާއިރު، ފުޖައިރާ ބަނދަރަށް ދިން އެހެން ހަމަލާއެއްގެ ސަބަބުން އެ ތަނުގައި އަލިފާން ރޯވެ، ތެޔޮ ބަރުކުރުމުގެ މަސައްކަތްތައް ހުއްޓާލަން މިއަދު މަޖުބޫރުވެއްޖެ އެވެ.
މި ހުރަސްތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައި އިތުރަށް ތާށިވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އެއީ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޔޫއޭއީގެ ބާކީ ހުރި އެކްސްޕޯޓް ރޫޓްތަކަށް ކުރިމަތިވަމުންދާ ފިއްތުންތައް ބޮޑުވަމުންދާތީ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ގޭސް ފެސިލިޓީ ކަމަށްވާ ޝާހް ގޭސް ފީލްޑުން ދުވާލަކު މަދުވެގެން 500 މިލިއަން ކިއުބިކް ފޫޓުގެ ގޭސް ގައުމީ ގްރިޑަށް ފޯރުކޮށްދެ އެވެ. އެތަން ބަންދުކުރުމަކީ އެ ގައުމުގެ ހަކަތައިގެ ދާއިރާއަށް ކުރިމަތިވެފައިވާ ތާށިކަން އިތުރަށް ބޮޑުވެގެންދާނެ ކަމެކެވެ.
ހޮރްމުޒް ކަނޑުއޮޅީގެ ބޭރުގައި އޮންނަ މުހިންމު އެކްސްޕޯޓް ޓާމިނަލެއް ކަމަށްވާ ފުޖައިރާގައި، ދައުލަތުގެ ކުންފުނި އެޑްނޮކުން ތެޔޮ ބަރުކުރުން ވެސް ވަނީ މެދުކަނޑާލާފަ އެވެ. ނަމަވެސް ބަނދަރުގެ އޮޕަރޭޝަންތައް ކޮންމެވެސް މިންވަރަކަށް ކުރިއަށްދެ އެވެ.
ހަމަނުޖެހުންތައް ފެށުނު ފަހުން ޔޫއޭއީގެ ސާފުނުކުރާ ތެޔޮ އުފައްދާ މިންވަރު ވަނީ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ދަށްވެފަ އެވެ. އެއީ އީރާނުން ހޮރްމުޒް ކަނޑުއޮޅި އަމަލީ ގޮތުން ބަންދުކުރުމާ ގުޅިގެން، ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑަށް މަދުކުރަން މަޖުބޫރުވުމުންނެވެ.
ގަލްފް ސަރަހައްދަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މި ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ. މިދިޔަ މަހުގެ 28ގައި ހަނގުރާމަ ފެށުނު ފަހުން، ގަލްފްގެ ގައުމުތަކުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާ، ބަނދަރުތައް، އެއާޕޯޓްތައް އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް 2،000އަށް ވުރެ ގިނަ މިސައިލް އަދި ޑްރޯން ހަމަލާ ވަނީ ދީފަ އެވެ.
މުހިންމު އެކްސްޕޯޓް ރޫޓްތަކަށް އޮތް ނުރައްކާ ބޮޑުވަމުންދާތީ، މި ހުރަސްތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ހުރި ހުރަސްތައް އިތުރަށް ބޮޑުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އެނަލިސްޓުން ދެ އެވެ.
ހަމަލާތަކާ ހެދި ޔޫއޭއީން ތެޔޮ ބަރުކުރުން ހުއްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ