އީރާނުގެ މިސައިލް ހަމަލާތައް މިއަދު ވެސް ގަތަރާއި ޔޫއޭއީއަށް
އީރާނުން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް މިއަދު ވެސް ދެމުންގެންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެއްޖެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި، އީރާނުން ދަނީ މެދުއިރުމަތީގެ އެކި ގައުމުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިއަދު، ގަތަރާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ފަދަ ގައުމުތަކަށް އަމާޒުކޮށް ފޮނުވާލި ގިނަ މިސައިލްތަކެއް ވަނީ ވައިގެ ތެރޭގައި ގޮއްވާލާފައެވެ. ނަމަވެސް، މި ހަމަލާތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް އެޅި، ބައެއް ސަރަހައްދުތަކަށް ގެއްލުންވެ، މީހުންގެ ފުރާނައަށްވެސް ވަނީ ނުރައްކާވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ގަލްފުގެ ސަރަހައްދަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ހާލަތެވެ. މި ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާއިރު، ސަރަހައްދީ ސަރުކާރުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. ގަތަރުގެ ދިފާއީ ވުޒާރާއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ވެރިރަށް ދޯހާއަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލްތަކެއް ވަނީ ވައިގެ ތެރޭގައި ހުއްޓުވައި ގޮއްވާލާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އީރާނުން ވަނީ ގަތަރަށް އަމާޒުކޮށް 14 ބެލިސްޓިކް މިސައިލާއި ގިނަ އަދަދެއްގެ ޑްރޯން މިއަދު ފޮނުވާލާފައެވެ. ދޯހާގެ މަތިން މިސައިލްތައް ގޮއްވާލުމުގެ ސަބަބުން ފޭބި ބައިތައް ވެއްޓިފައިވަނީ އެ އަވަށުގެ އިންޑަސްޓްރިއަލް ސަރަހައްދަށެވެ. މި ތަކެތި ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، އަލިފާން ނިއްވާ ފަރާތްތަކުން ވަގުތުން ހަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް ގަތަރުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ގަތަރަކީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގައުމަކަށް ވުމާއެކު، އީރާނުގެ ހަމަލާތައް އެ ގައުމަށް އަމާޒުވުމަކީ ސަރަހައްދީ ނުތަނަވަސްކަން އިތުރުވެގެންދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ގަތަރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުން ސަމާލުވެ ތިބުމަށާއި، ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީއަށްވެސް ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާކަން ރިޕޯޓުތަކުން ދައްކައެވެ. އީރާނުގެ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ އިންޒާރާއެކު، ޔޫއޭއީއިން ވަނީ މިއަދު ހެނދުނު އެ ގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. ގަޑިއިރުތަކަކަށްފަހު ވައިގެ ސަރަހައްދު އަލުން ހުޅުވާލި ނަމަވެސް، ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް އެއާޕޯޓު ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ގިނަ ފްލައިޓުތަކެއް ކެންސަލްކޮށް އަދި ޝެޑިއުލްތަކަށް ބަދަލު ގެންނަން ޖެހުމުގެ ސަބަބުން އެތައް ހާސް ފަސިންޖަރުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މިދިޔަ އަހަރު އެކަނިވެސް 95 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވާ މި އެއާޕޯޓުގެ ހިދުމަތްތަކަށް ބުރޫއެރުމަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. މީގެ އިތުރުން، އަބޫދާބީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އީރާނުން ފޮނުވާލި މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލުމުން ފޭބި ބައިތައް ވެއްޓި، އަބޫދާބީގެ ބަނީ ޔާސް ސަރަހައްދުގައި ޕާކިސްތާނަށް ނިސްބަތްވާ ފިރިހެނަކު މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އިއްޔެގެ ވަގުތެއްގައި، މީހުން ދިރިއުޅޭ ސަރަހައްދަކަށް ރޮކެޓެއް ވެއްޓުމުގެ ސަބަބުން ފަލަސްތީނަށް ނިސްބަތްވާ ފިރިހެނަކުވެސް ވަނީ މަރުވެފައެވެ. ހަމައެހެންމެ، ފުޖައިރާގެ ތެޔޮ ރައްކާކުރާ ސަރަހައްދަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަންވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވި ނަމަވެސް، ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް ހަމަލާ ދިނުމަކީ އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ. އީރާނުން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކަކީ މުޅި ސަރަހައްދުގެ ސަލާމަތާއި އިގުތިސާދަށް އޮތް ވަރަށް ބޮޑު ނުރައްކާއެކެވެ. ޚާއްސަކޮށް ދުނިޔޭގެ ތެލުގެ ބާޒާރަށް މިކަމުގެ ސަބަބުން ދަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން، ހޮރްމޫޒް ކަނޑުއޮޅި ގާތްގަނޑަކަށް ބަންދުވެފައިވުމާއި، ތެޔޮ އުފައްދާ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވުމުގެ ސަބަބުން ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، އިންފްލޭޝަން މައްޗަށް ދިއުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށްވެސް މިކަމުގެ ސަބަބުން ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. މި ހަމަލާތަކަކީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދެމުންގެންދާ ހަމަލާތަކެއް ކަމަށްވާއިރު، މިކަން ހުއްޓުމަކަށް އަންނާނެ ދުވަހެއް އަދި ނޭނގެއެވެ. ގަލްފުގެ ގައުމުތަކުން ދަނީ އެ ގައުމުތަކުގެ ދިފާއީ ނިޒާމުތައް ވަރުގަދަކޮށް، ރައްޔިތުންގެ ސަލާމަތަށް ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް، ވައިގެ ދަތުރުފަތުރަށާއި ވިޔަފާރިއަށް ކުރިމަތިވަމުންދާ ހުރަސްތަކުގެ ސަބަބުން، މި ހާލަތު ދިގުލައިގެން ހިނގައްޖެނަމަ މުޅި ދުނިޔޭގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ފޯރާނެކަން ޔަގީނެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ އިތުރު ފުރާނަތަކެއް ގެއްލުނަ ނުދީ، އާންމު ހާލަތަކަށް ގައުމުތައް ގެނައުމަށެވެ. މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ، މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން އަޅާނެ ފިޔަވަޅުތަކަށާއި، ސަރަހައްދީ ސަލާމަތް ކަށަވަރުކުރުމަށް ކުރެވޭނެ މަސައްކަތްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ