ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް މި މަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.
މި ދެ މުއައްސަސާގެ މުސާރަތައް ބޮޑު ކުރުމަކީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ޕޭ ހާމަނައިޒް ކުރަން ހަރަދުކުރާ 1.6 ބިލިއަން ރުފިޔާގެ ތެރޭގައި ބަޖެޓުކޮށްފައި އޮތް ކަމެކެވެ. މިހެން ނަމަވެސް، ފުރަތަމަ ދެ މަހު މިކަން ތަންފީޒުނުކޮށް ތިބެފައި، މި ބަދަލު ގެނެސްފައި މި ވަނީ އަންނަ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމް ވޯޓު ބޯމަތިވެފައި އޮއްވަ އެވެ.
މިކަމާ ގުޅިގެން އަދަދު ނޫހުން ވާހަކަ ދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ އިންތިހާބު ކުރިމަތީގައި އޮއްވާ މި ބަދަލު ގެނައުން ސިފަކުރީ އިއްތިފާގެއްގެ ގޮތުގަ އެވެ. އޭނާ ބުނި ގޮތުގައި މިއީ އެ މުއައްސަސާތަކުގެ މުސާރަތައް ބޮޑުކުރަން ތާވަލުކުރި ޕްލޭނާ އެއް ގޮތަށް ގެނެސްފައިވާ ބަދަލެކެވެ.
މި ދެ މުއައްސަސާގެ މުސާރަތައް ބޮޑުކުރުމާއެކީ ދައުލަތުގެ ހުރިހާ ޔުނީފޯމް ބޮޑީސްތަކުގެ މުސާރަތައް، "ނޭޝަނަލް ޕޭ ހާމަނައިޒޭޝަން" ސިޔާސަތާ އެއް ގޮތަށް އެއް ހަމަކުރެވުނީ އެވެ. މިހާރު ފުލުހުންނާއި ސިފައިންނާއި އިމިގްރޭޝަން އޮފިސަރުންނާއި ކަސްޓަމްސް އޮފިސަރުންނާއި ކަރެކްޝަންސްގެ އޮފިސަރުންގެ މުސާރަ ލިބޭނީ ނޭޝަނަލް ޕޭ ފްރޭމްވާކްގެ ދަށުންނެވެ.
މުސާރަތައް އެއް ހަމަ ކުރުމުގެ ސިޔާސަތުގެ ބިންގަލަކީ، މީގެ ދިހަ އަހަރު ކުރިން ފާސްކޮށްފައިވާ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނެވެ. މި ގާނޫނު 2016 ގައި ފާސްކުރި ނަމަވެސް ފުރަތަމަ ދެ އަހަރު މި ގާނޫނުގައި ބުނާ މަގުސަދުތައް ހާސިލުވާނެ އެއްވެސް ބަދަލެއް މުސާރަތަކަށް ނުގެނެ އެވެ.
މި މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެ ސަރުކާރުގެ ދައުރުގެ ވަރަށް ކުރީކޮޅު ނޭޝަނަލް ޕޭ ކޮމިޝަނަށް އާ މެންބަރުން ނަގައި، އެ ކޮމިޝަނުގެ މައިގަނޑު މަސައްކަތަކީ "ޕަބްލިކް ސާވިސް ޕޭ ފްރޭމްވާކް" އެއް އެކުލަވާލުން ކަމުގައި ކަނޑައެޅި އެވެ.
އޭރު ސަރުކާރުން ބުނީ 2020 ވަނަ އަހަރުން ފެށިގެން މުސާރަތައް ބޮޑުކުރަން ފަށާނެ ކަމަށެވެ. ނަމަވެސް އެ އަހަރު ލައިގަތް ކޮވިޑު19 ބަލިމަޑުކަމުގެ ތެރޭގައި އިގުތިސޯދު އަޑިއަޅާލުމުން މި ސިޔާސަތު ތަންފީޒުކުރުން ފަސްކުރި އެވެ.
ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ފުރަތަމަ ބޮޑު ކުރީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކެވެ. އެއީ މެއި، 2022 ގައި، އެވެ. އެ ފަހުން މާޗު، 2023 ގައި މަތީ ތައުލީމު ދާއިރާގެ މުސާރަތައް ބޮޑުކުރި އެވެ. އަދި މެއި، 2023 ގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރި އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މި ސިޔާސަތު ކުރިއަށް ގެންދަން ނިންމަވައި، މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފަ އެވެ. އޭގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީ މުވައްޒަފުންނާއި ކައުންސިލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެ އެވެ.
މި އަހަރުގެ ތެރޭގައި ބޮޑުކުރަން ހުރި މުސާރަތައް ބޮޑުކުރުމާއެކީ، ހުރިހާ ދާއިރާއެއްގެ މުސާރަތައް އެއްހަަމަ ކުރެވުނީ އެވެ.
ކަސްޓަމްސް އާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި ކަސްޓަމްސް އާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ