މިދިޔަ އާދިއްތަ ދުވަހުގެ ރޭ ލޮސް އެންޖެލިސްގެ ޑިޖިޓަލް ޑޮލްބީ ތިއޭޓަރުގައި ބޭއްވި، މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ހަފްލާގައި ދުނިޔޭގެ އެންމެ އަލިގަދަ ތަރިން ބައިވެރިވި އެވެ. ޖަލްޕަރީ ހެދުންތައް ދައްކާލުމާއި އުފާ ފާޅުކުރުމުގެ އިތުރުން ގިނަ އަދަދެއްގެ ފަންނުވެރިން ވަނީ ވަރަށް ސީރިއަސް މެސެޖްތަކެއް ދީ، ދުނިޔޭގައި ހިނގަމުންދާ ބޮޑެތި ކަންކަމާ މެދު ހޭލުންތެރިވާން ގޮވާލާފަ އެވެ.
އޮސްކާ އެވޯޑްގެ 'ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމް'ގެ ކެޓެގަރީއަށް ނޮމިނޭޓު ވި 'ދަ ވޮއިސް އޮފް ހިންދު ރަޖަބް'ގެ ޑިރެކްޓަރާއި ކާސްޓު ހަފްލާގެ ރަތް ދޫލަ މަތިން ފެނުނެވެ. އަދި، އެ ފިލްމަށް އެވޯޑް ނުލިބުނު ކަމުގައިވިއަސް، އެ މީހުންގެ ހިޔާލު ފާޅު ކުރި އެވެ.
އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކެއްގައި ކާރެއްގައި ތާށިވެފައި އޮތް 6 އަހަރުގެ ފަލަސްތީނު އަންހެންކުއްޖަކު ޝަހީދުކޮށްލި އަނިޔާވެރި ގޮތް ކިޔައިދޭ ޑޮކިއުޑްރާމާ 'ދަ ވޮއިސް އޮފް ހިންދު ރަޖަބް' މިދިޔަ އަހަރު ވެނިސް ފިލްމް ފެސްޓިވަލްގައި ޕްރިމިއާކުރި އިރު 23 މިނިޓްގެ 'ސްޓޭންޑިން އޮވޭޝަން'އަކައި ހަތް އެވޯޑު ލިބިފައިވެ އެވެ.
ފިލްމުގެ ޑިރެކްޓަރު ކައުސަރް ބެން ހާނިއާ ބުނީ އޭނާގެ ލީޑް އެކްޓަރު މުއުތާޒް މަލްހީޒްއަށް ހަފްލާއަށް ނާދެވުނީ އޭނާ އަކީ ފަލަސްތީނުގެ މީހަކަށް ވާތީ ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަލަސްތީން މީހުންނަށް އެމެރިކާއަށް އެތެރެވުން މަނާ ކުރެއްވިކަމާއި މުއުތާޒް މި ހަފްލާއިން ނުފެނުނީ އޭނާ އަންނަން ބޭނުންނުވާތީ ނޫންކަމާއި އޭނާއަށް އެމެރިކާއަށް ދަތުރު ކުރަން ހުރަސްއަޅާފަ ވާތީކަން ކައުސަރް ކިޔައިދިނެވެ.
އޮސްކާ އެވޯޑްސްގެ ދުވަސްކޮޅެއް ކުރިން މުއުތާޒް މަލްހީޒް ވެސް ވަނީ ހަމަ އެ ސަބަބު ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި ޓްރަމްޕްގެ ސަރުކާރުން ދަތުރު ކުރުން މަނާ ކުރުމުގެ ސަބަބުން އޮސްކާ އެވޯޑްސްގައި އޭނާއަށް ބައިވެރިއެއްނުވެވޭނެ އެވެ. އިންސްޓަގްރާމްގައި މުއުތާޒް ބުނީ ފަލަސްތީނުގެ ރަށްވެއްސަކަށް ވުމުން އެމެރިކާއަށް ވަނުމުގެ ހުއްދައެއް ނެތް ކަމަށެވެ.
ޓްރަމްޕް މިދިޔަ ޑިސެމްބަރު މަހު ނެރުއްވި އެންގުމެއްގައި ވަނީ ފަލަސްތީނު އޮތޯރިޓީން ދޫކޮށްފައިވާ ނުވަތަ އެންޑޯސްކޮށްފައިވާ ޓްރެވަލް ޑޮކިއުމަންޓްތައް ބޭނުންކޮށްގެން ޖެނުއަރީ 1 އިން ފެށިގެން އެމެރިކާއަށް މީހުން އެތެރެވުން މަނާ ކުރައްވައިފަ އެވެ.
އޮސްކާ އެވޯޑްސް ހަފްލާގައި ބައިވެރިވި އެ ފިލްމުގެ އެހެން ކާސްޓުން ކަމަށްވާ ސަޖާ ކިލާނީ، ކްލާރާ ކޫރީ އަދި އާމިރް ހެލެލް ތިބީ 'އާޓިސްޓްސް ފޮ ސީޒްފަޔާ' ޕިން އެ މީހުންގެ ހެދުމުގައި ހަރުކޮށްގެންނެވެ. ސަޖާ ކިލާނީ އެ ޕިންގެ ފަހަތުގައިވާ މެސެޖު ކިޔައިދިނެވެ.
"އަޅުގަނޑުމެން ގޮވާލަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް، ސަބަބަކީ އަދިވެސް ހަނގުރާމަ ހުއްޓައެއް ނުލާ،" އޭނާ ބުންޏެވެ. "މިއަދާ ހަމައަށް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮމުގެ ހަމަލާތައް އެބަދޭ. ފަލަސްތީނާއި ލުބްނާން އާއި އީރާނާއި ވެނެޒުއޭލާ އާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް."
މީގެ އިތުރުން ކްލާރާ ކޫރީ 'އައިސް އައުޓް'އަށް ވެސް ގޮވާލި އެވެ. އަދި އާމިރް ހެލެލް ބުނީ ލީޑް އެކްޓަރު މުއުތާޒް ނެތުމުން ވަރަށް ބޮޑު އުނިކަމެއް އިހުސާސުކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހަފްލާގައި ބައިވެރިވާން ފުރުސަތު ލިބުމުން ވަރަށް އުފާވޭ އެކަމަކު ފިލްމުގެ މުހިއްމު ރޯލްއެއް ކުޅޭ ލީޑް މޭން އެމެރިކާއަށް ވަނުން މަނާ ކުރީމަ އޮސްކާ އެވޯޑްސްގައި ބައިވެރިނުވެވޭތީ ހިތްދަތިވޭ،" އޭނާ ބުންޏެވެ. "އެއީ މިއަދު އަހަރެމެންގެ 'ސެލެބްރޭޝަން' ފުރިހަމައަށް ކުރިއަށް ނުގެންދެވޭނެ ކަމެއް، އޭނާ މަތީން ވަރަށް ބޮޑަށް ހަނދާންވޭ."
އޮސްކާޒްގެ ރަތް ދޫލަ މަތީގައި ސިޔާސީ ވާހަކަ ދެއްކީ އެ ތިން ފަންނުވެރިން އެކަންޏެއް ނޫނެވެ. ގިނަ އަދަދެއްގެ އެކްޓަރުން 'އައިސް އައުޓް' ޕިން ޖަހައިގެން ތިބިކަން ފާހަގަވި އެވެ. އަދި 'ސީޒްފަޔާ' ޕިން ވެސް ގިނަ ބަޔަކު ބޭނުންކުރި އެވެ.
އެކްޓަރު ހާވިއޭ ބާޑެމް އޮސްކާ އެވޯޑެއް ޕްރެޒެންޓު ކުރަން އަރާފައި ހަނގުރާމަ ހުއްޓާލުމަށާއި ފަލަސްތީން މިނިވަންކުރަން ގޮވާލި އެވެ. އޭނާ ހުރީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޕިންއެއް ވެސް ޖަހައިގެންނެވެ. އެއީ 2003 ވަނަ އަހަރު އިރާގު ހަނގުރާމައާ ދެކޮޅަށް މުޒާހަރާ ކުރިއިރު އޭނާ ބޭނުންކުރި ޕިން އެކެވެ.
'ދަ ވޮއިސް އޮފް ހިންދު ރަޖަބް'ގެ ކާސްޓް އޮސްކާ ހަފްލާގައި ވެސް ވަރުގަދަ މެސެޖަކާ އެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ