ޒަރިޔަންދުގެ ކެމްޕޭން ޕޯސްޓަރުތަކެއް ބަޔަކު ނެގި މައްސަލަ ފުލުހަށް ހުށަހަޅައިފި

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދުގެ ކެމްޕޭން ޕޯސްޓަރުތަކެއް ބަޔަކު ނެގި މައްސަލަ އޭނާގެ ފަރާތުން ފުލުހަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ޒަރިޔަންދު އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި ހުރި އޭނާގެ ކެމްޕޭން ޕޯސްޓަރުތައް "އެޗްޑީސީ ހެދުމުގައި ތިބި ބަޔަކު" މެދުވެރިކޮށް "ސިއްރިއްޔާތުގައި" ނަގާފައިވާ ކަމަށެވެ. އަދި ސަޕޯޓަރުންގެ އަމިއްލަ ބިންތަކުގައި ހުރި ޕޯސްޓަރުތަކެއް ވެސް ވަގަށް ނާގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފްސީލް - އެއީ ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން ކުރައްވާ ކަމެއް ކަމަށް އިޝާރާތްކުރައްވައި ޒަރިޔަންދު ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކާއި ގާނޫނާ އެއްގޮތަށް ރާއްޖޭގެ ވެރިކަންކުރުމުގެ ނަފްސާނީ ގާބިލުކަމެއް އެމަނިކުފާނަށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 
"މި ޒަމާނުގައި ހުދުމުހުތާރު ހަމަތަކެއްގައި ހިނގާ ވެރިކަމުގެ އުމުރު ކުރުކަން އެނގޭތީ، މާތްﷲގެ މިންވަރުފުޅުން ރައީސް މުހައްމަދު މުއިއްޒަށް ހެޔޮވިސްނުން ދެއްވާ، ޑިމޮކްރެޓިކް ހަމަތަކާއި ގާނޫނާއި އެއްގޮތަށް ރާއްޖޭގެ ވެރިކަންކުރުމުގެ ނަފްސާނީ ގާބިލުކަމެއް މިންވަރުކޮށްދެއްވުމަށް އެދެމެވެ،" ޒަރިޔަންދުގެ ޕޯސްޓުގައިވެ އެވެ.
ގުޅުންހުރި ކަމެއް - ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ހުޅުމާލޭގައި އެމްޑީޕީން ދަމާފައި ހުރި ގިނަ ބެނާތަކެއް ވެސް އެޗްޑީސީގެ މުވައްޒަފުން ހޯމަ ދުވަހުގެ ރޭ ފަތިހު ނުކުމެ ވަނީ ނަގާފަ އެވެ. ބައެއް ބެނާތައް ނަގާފައި ވަނީ ދެވަނަ ފަހަރަށް ބޭނުން ނުކުރެވޭ ގޮތަށް ވަރަށް ބޮޑަށް ހަލާކުކޮށްލައިގެން ނުވަތަ އިރާލައިގެންނެވެ. މިއީ މީގެ ކުރިން އެޗްޑީސީން އަމަލު ކުރި ގޮތެއް ނޫނެވެ.
އެޗްޑީސީން ހަލާކުކޮށްލި ބެނާތަކުގެ ތެރޭގައި މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ޕޯސްޓަރުތައް ހިމެނެ އެވެ. އެހެންވެ، ބޮޑެތި ޕޯސްޓަރުތައް ފިޔަވައި، ހުޅުމާލޭގެ މަގުތަކުގައި މިހާރު އެއްކޮށްހެން ހުރީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ކެންޑިޑޭޓުންގެ ބެނާތައް އެކަންޏެވެ.
އެޗްޑީސީން ބުނީ އެ ޕޯސްޓަރުތައް ނެގީ ހުއްދަ ނުނަގާ ޕޯސްޓަރު ޖަހާފަ ހުރުމުން ކަމަށެެވެ.
އެކަމަކު އެމްޑީޕީން ބުނީ ޕޯސްޓަރުތައް ޖަހަން ހުއްދައަށް އެދުމުން، ހުއްދަ ނުދީ ގަސްތުގައި އެޗްޑީސީން ލަސްކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ