(ނ.ވެލިދޫ) ރާއްޖޭގައި ވެސް ވަރަށް ގިނަ ޒުވާން ވިޔަފާރިވެރިން އެބަތިއްބެވިއެވެ. ނަމަވެސް މިއީ އޭގެ ތެރެއިން ތަފާތު ވިޔާފަރިވެރިއެކެވެ. މިއީ ނ.ވެލިދޫ ވެލާނާގެ މުހައްމަދު އައްބާސް އެވެ. އައްބާސް އަކީ މުޅި ނ.އަތޮޅަށް މަޝްހޫރު ވިޔަފާރިވެރިއެކެވެ. މިއަދު އޭނާ އަކީ މުޅި އަތޮޅުގައި ހުރި އެންމެ ކާމިޔާބު އެއްވިޔަފާރިވެރިޔާ އެވެ. މިއަދު އޭނާ އިސްވެ ހިންގަމުންދާ "ސާއްބަ" ވިޔަފާރީގެ ކުޑައިގެ ދަށުގައި 400 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން އެބަތިއްބެވެ.
އައްބާސް އަކީ މިއަދު ކިތަންމެ ކާމިޔާބު ވިޔަފާރިވެރިއެއް ނަމަވެސް އޭނާގެ އެންމެ ދުރު ހަނދާންތައް އެހާ އުފާވެރިއެއް ނޫނެވެ. ނިކަމެތި އާއިލާ އެއްގެ ހަތަރު ކުދިންގެ ތެރޭގައި ހިމެނުނު އައްބާސްގެ އެންމެ ކުޑައިރުގެ ދުވަސްތައް ހޭދަކުރެއްވީ ވަރަށް ހާލުގައެވެ. ދެއިރު ހަމައަށް ކާނެ އެއްޗެއް އޭރު ނުލިބެއެވެ.
ނަމަވެސް އޭރުވެސް އައްބާސް އަށް މުހިންމުވީ މުސްތަޤުބަލަށްތަކައި ޤުރުބާނީއެއް ވެވަޑައިގެންނެވުމެވެ. މަންމަ އާއި އާއިލާ މެންބަރުން ދޫކުރައްވާ ފިލައިގެން އައްބާސް ވަޒީފާ އަކަށް ދިޔައީ އުމުރުން އެންމެ 12 އަހަރުގައެވެ.
"ވަރަށް ދަތި ހާލުގައި މަންމަ އަޅުގަނޑުމެން ބޮޑުކުރީ. އަޅުގަނޑު އުމުރުން 12 އަހަރުގައި ކިޔެވުން ދޫކޮށްލާފައި އާއިލާ އަށް ވަގަށް ފިލައިގެން ދިޔައީ ކްލަބްމެޑް ފަރުކޮޅުފުށީގެ ދޯންޏެއްގެ ކްރޫއަކަށް 300 ރުފިޔާގެ މުސާރައަކަށް. އަޅުގަނޑު ދިޔައީ މަންމަ އަށް ސިޓީއެއް ލިޔެފައި. ދޯނީގެ ވަޒީފާ ދޫކޮށްލާފައި ރިސޯޓް ވަޒީފާ އަށް ގޮސް ރިސޯޓްގެ ތަފާތު ވަޒީފާތައް އަދާކުރިން." އައްބާސްގެ އެންމެ ދުރުހަނދާންތައް އަޅުގަނޑާއި ހިއްސާކޮށްދެއްވަމުން ވިދާޅުވިއެވެ.
ގާތްގަނޑަކަށް ނުވައަހަރު ދުވަހު ވަޒީފާ އަދާކުރުމަށް ފަހު އައްބާސް އެނބުރި ރަށަށް ވަޑައިގެންނެވިއެވެ. އޭރު އުމުރުން 21 އަހަރެވެ. ދެން އޭނާ ވެންނެވީ ވިޔަފާރީގެ ދާއިރާ އަށެވެ. އެފެއްޓެވި ވިޔަފާރި މަޑުޖެހުމެއް ނެތި ދަނީ ކުރިއަށެވެ.
"އުމުރުން 21 އަހަރުގައި ވިޔަފާރި ފެށީ 50 ހާސް ރުފިޔާއިން. އަޅުގަނޑު އަމިއްލަ ނަމުގައި ކުރަމުން އައި ވިޔަފާރި އާއިލީ ވިޔަފާރިއަކަށް ބަދަލުކޮށް ސާއްބަ ބްރަދާސްގެ ނަމުގައި ވިޔަފާރި ކުރަމުން މިދަނީ. މިހާރު އަޅުގަނޑުމެންގެ ޝޮޕިން ސެންޓަރަކާއި ހާޑްވެއާއަކާއި ލޯންޗް ސެކްޝަނެއް އެބައޮތް. އެކި ސައިޒްގެ ހަތަރު ވަރަކަށް ލޯންޗް އެބައުޅޭ. އަޅުގަނޑުމެން ސާއްބަ ކޮންސްޓްރަކްޝަންގެ ނަމުގައި ކޮންސްޓްރަކްޝަން މަސައްކަތް ފަށައިގެން ކުރަމުންދާތާ އަށެއްކަ އަހަރުވެއްޖެ." ވިޔަފާރީތަކުގެ މައުލޫމާތު ދެއްވަމުން އައްބާސް ވިދާޅުވިއެވެ.
ވިޔަފާރީގެ ތެރެއަށް ވަދައިވަޑައިގެންނެވުނު ގޮތް ހިއްސާކުރަމުން އައްބާސް ވިދާޅުވީ "އަޅުގަނޑު ރިސޯޓް ލައިފް ދޫކޮށްލާފައި އައިއިރު އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮމެން ބޭނުން ނުވީ އިތުރަށް އަޅުގަނޑު ވަޒީފާއަކަށް ދާން. ދެން ކޮއްކޮމެން ބުނީ ވިޔަފާރިއެއް ފަށަން. އޭރު އަޅުގަނޑުގެ އަތުގައި ހުރި ރައްކާކޮށްފައި އެއްހާސް ޑޮލަރު. ދެން އަޅުގަނޑުގެ ކޮއްކޮ އަބްދުލްލަތީފް އައްބާސް އާއި އަބްދުﷲ އައްބާސް އާއި އެދެބެންގެ ތެރެއިން ކޮންމެ ކުއްޖެއްގެ އަތުގައި ވެސް ހުރި އެއްހާސް ޑޮލަރު. ތިން ހާސް ޑޮލަރު މާރުކުރީ. އެއިން އަޅުގަނޑުމެން ގެނައީ ގާތްގަނޑަކަށް 27000 ރުފިޔާގެ މުދާ." ކަމަށެވެ.
އޭގެ ފަހުން ޔޫއެންޑީޕީން ހިންގި ޕްރޮގްރާމަކުން ނެގި ފަންސާސް ހާހުގެ ފަސްވަރަކަށް ލޯނާއި ބީއެމްއެލްގެ ނައިފަރު ބްރާންޗުން ނެގި ހަތަރުލައްކަ ރުފިޔާގެ ލޯނާއި އެކު މެކުހަށް ޖެހި ވިޔަފާރި ހުރީ މިހާރު ވަރަށް އުހުގައެވެ.
މިހާރު ސާއްބަ ބްރަދާސްގެ ކެޕިޓަލްގެ އަގު 18 މިލިއަން ރުފިޔާ އަށް އަރައެވެ. ސާއްބަ ކޮންސްޓްރަކްޝަންގެ ކެޕިޓަލްގެ އަގު ފަސް ވަރަކަށް މިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރުން މިވިޔަފާރީގެ ތެރެއިން ލިބުނު ފައިސާ އިން އިމާރާތް ކޮށްފައިވާ އާއިލާގެ މެންބަރުން ދިރިއުޅޭ ގޭގެ އަގު ވެސް ފަސްމިލިއަން ރުފިޔާ އަށް އަރައެވެ.
އައްބާސްގެ އަމާޒު މިހާރު ހުރީ ފަތުރުވެރިކަމުގެ ދާއިރާ އަށް ވެންނެވުމަށެވެ. "ފަތުރުވެރިކަމުގެ ދާއިރާ އަށް ޝައުގުވެރިކަން އެބަހުރި. ދެތިން ފަހަރެއްގެ މަތިން ގެސްޓްހައުސް ވިޔަފާރީގެ ތެރެއަށް ދާން ވެސް މަސައްކަތް ކޮށްފިން. ނަމަވެސް އަޅުގަނޑުމެން ކުރި ދިރާސާތަކުން ޓްރާންސްޕޯޓްގެ ކަންތައްތައް ހުރިގޮތުން ވެލިދޫގައި އަދި ކާމިޔާބު ވިޔަފާރިއަކަށް ވެދާނެ ކަމަކަށް ނުބެލެވޭ. އެއީ މާލެ އާއި އަޅުގަނޑުމެން ދުރުވުމާއި އަދި އެއާޕޯޓާއި އަޅުގަނޑުމެން މިރަށް ދުރުގައި އޮތުން. އެހެންނަމަވެސް އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް އަހަރު ސިޓީ ހޮޓަލެއްގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން." އައްބާސް ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ އަހަރު މާލެ ނުވަތަ ހުޅުމާލޭގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ފަށަން ވެސް ސާއްބަ ބްރަދާސް އިން ވަނީ ނިންމާފައެވެ. އެކަމަށް ބޭނުންވާ ތައްޔާރީތައް އެކުންފުނިން ދަނީ ވަމުންނެވެ. މިހާރު އެކަމަށް ބޭނުންވާ ފައިނޭންސް ވެސް ވަނީ ހަމަޖެހިފައެވެ.
އެއްބަނޑު އެއްބަފާ ހަތަރު ބޭފުޅުންނާއި އެއްބަފާ ބޭފުޅެއް ހިމެނޭ ގޮތައް ކުރަމުން އަންނަ ވިޔަފާރި ދުވަހުން ދުވަހަށް ކުރިއަރަމުން ދިޔަ ނަމަވެސް ރަށް ދޫކޮށް އެހެން ތަނަކަށް ހިޖުރަ ކުރުމުގެ ވިސްނުމެއް އައްބާސް ނުގެންގުޅުއްވައެވެ.
"އަޅުގަނޑުގެ ވިސްނުމެއް ނެތް ރަށްދޫކޮށް އެހެން ތަނަކަށް ހިޖުރަކުރާކަށް. އަޅުގަނޑަކީ ރަށާއި އަތޮޅުދެކެ ވަރަށް ލޯބިވާ މީހެއް. އެހެންވީމާ އަޅުގަނޑު ބޭނުންވަނީ މިއަތޮޅާއި ރަށް ތަރައްޤީ ކުރަން. ވިޔާފާރި ކުރިއަށް ގެންދާނީ ވެސް އަތޮޅުގައި." އައްބާސް ވިދާޅުވިއެވެ.
އައްބާސްގެ ސިޔާސީ ޚިދުމަތްތައް
ވެލިދޫގައި ހުރި އެންމެ ވަރުގަދަ އެއްސިޔާސީ ބޭފުޅަކީ އައްބާސް އެވެ. އޭނާ އަކީ ސިޔާސީ ދާއިރާގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިވަޑައިގެން ހުންނެވި ވަރަށް "ސިޔާސީ" ބޭފުޅެކެވެ. އައްބާސްގެ ސިޔާސީ މަސައްކަތްތައް ވަނީ މަލްޓިޕާޓީ ޑިމޮކްރަސީ އާއި އެކު ފެށިފައެވެ.
ރައީސް ޔާމީން ވިދާޅުވެގެން ޑީއާރްޕީ އުފައްދަން މަސައްކަތް ފެއްޓެވިގޮތައް އައްބާސްގެ ސިޔާސީ މަސައްކަތްޕުޅަށް އަދި މަޑުޖެހުމެއް ނާދެއެވެ.
"އަޅުގަނޑު ނ.އަތޮޅުގެ ހުރިހާ ރަށަކަށް ގޮސްގެން ޑީއާރްޕީގެ ގޮފިތައް ނ.އަތޮޅުގައި އުފެއްދީ. އަޅުގަނޑު ޑީއާރްޕީގައި ގިނަ މަސައްކަތްތަކެއް ކުރިން. ދެން އެއަށްފަހު ރައީސް ޔާމީން ޑީއާރްޕީ ދޫކުރައްވާ ވަޑައިގެން ޕީޕަލްސް އެސޯސިއޭޝަން އުފައްދަން ވެސް އަޅުގަނޑު އުޅުނިން. އެއެސޯސިއޭޝަންގެ ފައުންޑަރ މެންބަރެއް އަޅުގަނޑަކީ. ދެން ޕީއޭ އުފެއްދިއިރު ޕީއޭ ގެ ވެސް ފައުންޑަރ މެންބަރެއް އަޅުގަނޑަކީ. ދެން ބައެއްކަން މެދުވެރިވި ގޮތުން އަޅުގަނޑު ޕީއޭ ދޫކޮށް އަނެއްކާވެސް ޑީއާރްޕީ އާއި ގުޅުނީ." ސިޔާސީ މަސައްކަތްތައް ފެށިގެން އައިގޮތް ހިއްސާ ކުރައްވަމުން އައްބާސް ވިދާޅުވިއެވެ.
އައްބާސްގެ ސިޔާސީ މަސައްކަތްތައް އޭގެ އެންމެ ބާރުމިނުގައި ކުރިއަށް ދުއްވައިގަތީ އައްބާސް ވިދާޅުވާ ގޮތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އޭނާ އާއި ގާތްކަން އުފެދުނު ބޭފުޅެއް ކަމަށްވާ ސަންޓްރެވަލް ސިޔާމް އާއި އެކު މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ.
"ސިޔާމް އަކީ ނ.އަތޮޅުގެ ތަރައްޤީ އަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅަކަށް ވާތީ އަޅުގަނޑުގެ ސިޔާސީ މަސައްކަތްތައް ބަދަލުކޮށްލީ ސިޔާމް ވިދާޅުވާ ގޮތައް. ސިޔާމް އާއި އެކު އެމްޑީއޭ އުފައްދަން އަޅުގަނޑު މަސައްކަތް ކުރިން. އެމްޑީއޭގެ ފައުންޑަރ މެންބަރެއް އަޅުގަނޑަކީ. ދެން ޕާޓީގެ އިންތިގާލީ މަރުހަލާ އިން ފެށިގެން އަޅުގަނޑަކީ އެމްޑީއޭގެ ކައުންސިލް މެންބަރެއް. މިސަރުކާރު ގެނައުމަށް ވެސް އަދި ކައުންސިލް އިންތިޙާބާއި މަޖިލިސް އިންތިޙާބު ގައި ވެސް އަޅުގަނޑު ވަރަށް މަސައްކަތް ކުރިން." އައްބާސް ވިދާޅުވިއެވެ.
މީގެ ކުރިން ސިޔާސީ ޕާޓީ ބަދަލުކުރައްވާފައި ވީނަމަވެސް ދުވަހަކު ވެސް އެމްޑީޕީ އަށް ވަޑައިގަތުމުގެ ވިސްނުމެއް އައްބާސްގެ ނެތެވެ. އެމްޑީޕީ އަށް ވަޑައިނުގަންނަވާނެ ސަބަބު އައްބާސް އަޅުގަނޑާއި ހިއްސާ ކުރެއްވެވިއެވެ.
"އަޅުގަނޑު ޑީއާރްޕީ އަށް މެންބަރުން ހޯދަން މަސައްކަތް ކުރި ދުވަސްވަރު މިރަށުގައި ތިބި އެމްޑީޕީ މެންބަރުންގެ ފަރާތުން އަޅުގަނޑަށް ތަފާތު އިންޒާރުތައް ދިން. އެކަމަކު އަޅުގަނޑު އުންމީދެއް ނުކުރަން އެފަދަ ކަމެއް ދިމާވެދާނެ ކަމަކަށް. އެއީ އަޅުގަނޑަކީ ވެލިދޫގެ ތަރައްޤީ އަށް އިޖުތިމާޢީ ގޮތުން ކުރެވުނު ކޮންމެ ކަމެއްގައި އަދި ވަކިވަކި ފަރުދަކަށް ދިމާވި ކޮންމެ ކަމެއްގައި އެހީތެރިވި މީހަކަށް ވާތީ. އެހެން ހުއްޓާ އަޅުގަނޑުގެ ގެއަށް ދަގަނޑު ބުރިތަކުން ގެއްލުންދީ ފިހާރައިގައި ހުރި ދިހަވަރަކަށް ސީޓް ބިއްލޫރި ތަޅާލާ. ފިހާރަތެރެއަށް ގޭސްފުޅިތައް އުކާލާ. އަޅުގަނޑުގެ އަންހެނުންނަށް ބިރުދައްކާ އަޅުގަނޑުގެ ދޮށީ ދަރިފުޅަށް ހަތަރު އަހަރުގައި އެދަރިފުޅު ދެގަޑިއިރު ވަންދެން ރަހީނުކޮށް އަދި އަޅުގަނޑުގެ ދެބެންގެ ދެދަރިކޮއްކޮއެއް މިތަނުގައި ހަމަނުޖެހުމެއް ހިނގާ ކަމުގެ މައުލޫމާތު ލިބިގެން އަންނަނިކޮށް އެކޮއްކޮގެ ގަޔަށް ވަޅިއެއް ޖަހާ އެކަމުގެ ސަބަބު ސްޓްރޯކެއް ޖެހި އުމުރުން 24 އަހަރުގައި އެކޮއްކޮ ވަނީ ނިޔާވެފައި. އެހެންކަމުން އެމްޑީޕީ އަކީ ސިޔާސީ ގޮތުން އަޅުގަނޑަށް ވަރަށް އަނިޔާވެރިވި ޕާޓީއެއް. އެހެންވީމާ އެވިސްނުމާއި އެއްކޮޅަށް އަޅުގަނޑު ނުދާނަން."
އައްބާސް މިހާރު ތައްޔާރުވެ ވަޑައިގަންނަވަމުން ދަނީ ދެން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ވާދަކުރެއްވެވުމަށެވެ. ނަމަވެސް މިއީ އޭނާ ކުރިން ވިސްނާ ވަޑައިގެންފައި އޮތް ކަމެއް ނޫނެވެ. "އަޅުގަނޑުގެ ވިސްނުން ހުރީ އަޅުގަނޑު ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭނީއޭ. ދޭދޭ ފަރުދުންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދޭނީއޭ. ރަށުގެ ތަރައްޤީ އަށް ކުރެވޭ ކަންކަމުގައި ދެވެން ހުރި އެހީތެރިކަން ފޯރުކޮށްދޭނީއޭ."
އެމަސައްކަތް އޭނާ ވަނީ މީގެ ކުރިން ވަރަށް ބޮޑަށް ކުރައްވާވެސް ފައެވެ. "މިހާތަނަށް އަޅުގަނޑު މެދުވެރިގެން ތަފާތު ރިސޯޓްތަކުން ވެލިދޫގެ 80 ވަރަކަށް ޒުވާނުންނަށް ވަޒީފާ ހޯދައިދީފައި ވާނެ. ރަށުގެ ތަރައްޤީ އަށް ކުރެވުނު ކޮންމެ ކަމަކަށް އަޅުގަނޑަށް ވީވަރަކުން ޚަރަދު ކުރިން. އާސަންދަ އައުމުގެ ކުރިން ވެސް މިރަށުގެ އެއްވެސް ރައްޔިތަކަށް ބަލިވެގެން ރަށުން ފުރައިގެން ނުދެވިފައެއް ނޯންނާނެ. އެކަމަށް ބޭނުންވާ އެހީތެރިކަމެއް ވިއްޔާ އަޅުގަނޑު ވާނީ ދީފައި." އައްބާސް ވިދާޅުވިއެވެ.
އެހެންނަމަވެސް މިހާރު ކަންތައްތައް ކުރެވެން މިއޮތީ ސިޔާސީ މަދަދު ހޯދައިގެން ކަން އައްބާސް ވެސް ގަބޫލު ކުރައްވައެވެ.
ވެލީދޫގައި ތަރައްޤީގެ ކިތަންމެ މަސައްކަތްތަކެއް ކުރިއަށް ދިޔަ ނަމަވެސް މިއަދުވެސް އިތުރަށް ބޭނުންވާ ކަންތައްތައް އެބަހުރި ކަމަށް އައްބާސް ގަބޫލު ކުރައްވައެވެ. ފޮއްދޫ ކިތަންމެ ކުޑަނަމަވެސް އެރަށަށް ބޭނުންވާ ތަރައްޤީ އެބަހުރިކަމަށާއި ޅޮއްސަށް ވެސް ބޭނުންވާ ތަރައްޤީ އެބަހުރި ކަމަށް އައްބާސް ގަބޫލު ކުރައްވައެވެ.
"އެހެންވެ އަޅުގަނޑުގެ ވިސްނުން ހުރީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާން. ސަރުކާރު ކޯލިޝަންގެ ޓިކެޓް ޔަގީންކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން." އައްބާސް ވިދާޅުވިއެވެ.
މިހާރު ދާއިރާގެ މެންބަރު ފޯނު ނުނެންގެވުމާއި ރަށުގައި ދިހަވަރަކަށް ދުވަސް ވެސް ހޭދަނުކުރެއްވުމާއި ރައްޔިތަކަށް ދިމާވާ އެއްވެސް ކަމެއްގައި މެންބަރުގެ އެހީތެރިކަމެއް ނުލިބުމާއި ރަށުގެ ޒުވާނުން ހިންގާ ކުޅިވަރުގެ އެއްވެސް ކަމަކަށް އެހީއެއް މެންބަރު ނުވުން އެއީ އައްބާސް މަޖިލިސް ގޮނޑިއަށް ކުރިމަތިލައްވާ ބައެއް ސަބަބުތަކެވެ.
"މަޖިލީހަށް ނިކުންނައިރު އަޅުގަނޑުވާ ވައުދެއް އެއީ އަޅުގަނޑުގެ ދިރިއުޅުން އަތޮޅާއި ރަށް ދޫކޮށެއް ނުލާނަން. އަޅުގަނޑުގެ ވައުދެއް އެއީ އަޅުގަނޑު މަހަކު އެއްފަހަރު މަދުވެގެން އަޅުގަނޑު ތަމްސީލް ކުރާ ދާއިރާގެ ހުރިހާ ރަށެއްގެ ހުރިހާ މުއައްސަސާ އަކާއި ރައްޔިތުންނާއި ބައްދަލުކޮށް މިދާއިރާގެ ރަށްރަށަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރާނަން."
މެންބަރުކަމަށް ކުރިމަތިއްލާއިރު އައްބާސް އަށް ލިބިވަޑައިގެންފައިވާ އެންމެ ބޮޑު އުންމީދަކީ ވެލިދޫ އަކީ އެމްޑީޕީ އުފެދުނު އިރު 70 އިންސައްތަ ތާއިދު އެމްޑީޕީ އަށް އޮތް ރަށެއް ނަމަވެސް އައްބާސް އާއި އޭނާގެ ޓީމްގެ މަސައްކަތުން މިހާރު ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ އާއި ދެކޮޅަށް ނަގާ އެމްޑީޕީ އަށް އޮތް ތާއިދު އަނބުރާލެވިފައި އޮތުމެވެ.
"މިހާރު އެމްޑީޕީ އަށް މިރަށުން 300 ވޯޓް ވެސް ނުލިބޭނެ." އައްބާސް ވަރަށް ޔަޤީންކަމާއި އެކު ވިދާޅުވިއެވެ.
އައްބާސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލައްވަނީ ވިޔަފާރީގެ ރޮނގުން ހޯއްދަވާފައިވާ ކާމިޔާބީ ސިޔާސީ މައިދާނުގައި ތަކުރާރު ކުރައްވާށެވެ. އޭނާ ދަންނަ މީހުންނަށް ޔަޤީންވާ ކަމަކީ އޭނާ އަކީ ކުރަން ކުރިމަތިލި ކަމެއް ކާމިޔާބު ކޮށްފައި ނޫނީ ހުއްޓާލާނެ މީހެއް ނޫންކަމެވެ. އޭނާ ވަނީ އެކަން ސާބިތުކޮށްދީފައެވެ.
އައްބާސް - ވިޔަފާރީގެ އެންމެ އުހުން ސިޔާސީ ދާއިރާގެ މަތިފަޑިއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ