ރައީސްގެ އާދޭސް: ގާތް ބޭފުޅުން ދިން ދެރަ ރައްޔިތުން އަޅުގަނޑަށް ނުދޭތި

އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ގާތް އާއިލާ ބޭފުޅުން އެމަނިކުފާނަށް ދެއްވީ ބޮޑު ދެރައެއް ކަމަށާއި އެފަދަ ދެރައެއް ރައްޔިތުން އަންނަ އާދިއްތަ ދުވަހު ނުދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި ވެހެމުންދިޔަ ވާރޭގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ ރައްޔިތުން ކުރިމަތީގައި އޮތީ ދެ ކަމެއް ކަމަށާއި އެއީ އެމަނިކުފާނު ގެނެސްދެއްވާ ތަރައްގީ އާއި އިދިކޮޅު ފަރާތްތަކުން ދައްކާ ޑިމޮކްރަސީ ކަމަށެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ދައްކާ ޑިމޮކްރަސީއަކީ ރައްޔިތުންގެ ވިސްނުމަށް ނުކަތާވަރުގެ ޑިމޮކްރަސީއެއް ކަމަށެވެ. އެމަނިކުފާނު ގެންނަވަނީ ރައްޔިތުން އެދިއެދި ތިބި ތަރައްގީ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ހިންގަވާ ތަރައްގީގެ މަޝްރޫއުތަކަކީ ރައްޔިތުންގެ ހެވާ ލާބައަށް ހިންގާ މަޝްރޫއުތަކެއް ކަމަށާއި އެ މަޝްރޫއުތަކަށް ރައްޔިތުންނަށް ބޭނުން ވަރަކަށް ފާޑުކިޔާނެ ކަމަށެވެ. އަދި ފާޑުކިޔުމަށް ވެސް އެދޭ ކަމަށެވެ.
ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވަން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއިރު ދަރި އުނދަގޫތަކާ ސިޔާސީ ލީޑަރުންގެ ފަރާތުން ކުރިމަތިވަމުން ދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނަށްވުރެ ދަތީގައި ވެރިކަން ކުރެއްވި ވެރިއެއް ރާއްޖޭގައި ނުހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަލާތައް އައީ ހީނުކުރާހާ ކައިރިން، ގޭތެރެއިން އައީ، ހުރިހާ މަރުހަލާއަކުން ހަމަލާދިން، ގާނޫނުތަކުގެ ބޭރުން ސަރުކާރުން ވައްޓާލަން އުޅުނު ނަމަ ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ވިސްނައެއް ނުލާ، އޭރު ވިސްނައެއް ނުލާ ގާނޫނު އަރާ ހަމަ ކުރާ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ގާނޫނީ އިމުން ބޭރުން ސަރުކާރު ވައްޓާލަން އުޅުނު މީހުންނާ ހަމައަށް ގާނޫނު އަރާ ހަމަކުރުމުން ލޮލުން ކަރުނަ ތިކި ވެއްޓޭ ކަމަށާއި އާއިލާތަކުން ޝަކުވާ ކުރުމަށް ވެސް ނުކުންނަ ކަމަށެވެ. އެކަމަކު އެމީހުން ޖަލަށް ވަންނަން ޖެހުނީ ކީއްވެތޯ އާއި އެމީހުން ރައްޔިތުންނަށް ދޭން އުޅުނީ ކިހާ ވަރެއްގެ އަނިޔާއެއްތޯ އެއީ ރައްޔިތުން ސުވާލުކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ވޯޓާ ދެތޭރޭގަ ވިސްނާށޭ، ސިޔާސީ ލީޑަރުންގެ ވާދަވެރިކަމުގެ ރައްޔިތުން ގިލަން އުފުލާކަށް ނުޖެހޭ، އެ ބޭފުޅުންނަށްޓަކައި ރައްޔިތުން އެތައް ގުރުބާނީއެއް ވެއްޖެ، އެ ބޭފުޅުންނަށް ދަންނަވަން ރައްޔިތުން އެބަޖެހޭ އެންމެންގެ ތެރޭގައި ހަމަޖެހުން ގާއިމްކޮށް ރާއްޖެ ދާން ބޭނުންވާ މިނަށް ދާން ޖާގަ އެބަ ޖެހޭ ކަމަށް، ދިވެހި ރައްޔިތުންނަށް ޗާންސެއް އެބަ ލިބެންޖެހޭ، އަބަދު ބޭނުމެއް ނުވޭ ސިޔާސީ ލީޑަރުން ޖަހާ ކުޅީގައި މުގޯލި އަޅާލަ އަޅާލަ ތިބޭކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެދިވަޑައިގަންނަވަނީ ރައްޔިތުން އެމަނިކުފާނާއެކު ތިބުމަށް ކަމަށާއި ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދެއްވަނީ ކޮން ވެރިއެއްކަން ރައްޔިތުން ވިސްނަންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު މަސައްކަތްކޮށްދިން އަޅުގަނޑަކީ އިހްލާސްތެރިއެއް، އަޅުގަނޑު ވަރަށް ގިނަ ކަންކަން ކުރެވޭތޯ ބަލައިފިން، ވަރަށް ގިނަ އުނދަގުލާއެކީގައޭ އަޅުގަނޑު ސަރުކާރު ހިންގީ، ތަރައްގީއަކީ ރާއްޖެއަށް އަންނަން ޖެހޭ އެއްޗެއް، ހުރިހާ ދިމާލަކުން މަސައްކަތް ކޮށްފި އަޅުގަނޑުގެ ވެރިކަން ނިމުމަކަށް ގެންނަން، އެހެންވީމަ ދެ ދުވަސް ފަހުން މިއޮތީ ރައްޔިތުން ވެސް ތިބީ އަޅުގަނޑުގެ ވެރިކަން ނިންމަންތޯ އެ ސުވާލަށް ދެ ދުވަހުގެ ފަހުން އަޅުގަނޑަށް ޖަވާބު ލިބޭނެ، އަޅުގަނޑު އުއްމީދު ކުރަނީ ރައްޔިތުން ތިއްބަވާނީ އަޅުގަނޑާއެކުގަ ކަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
"ކައިރީގަ މަސައްކަތް ކުރި މީހުންނާއި ގާތްތިމާގެ މީހުން އަޅުގަނޑުގެ ވެރިކަން ނިންމަން މަސައްކަތްކޮށްފިއޭ، ހަންޖަރު ޖަހަން މަސައްކަތްކޮށްފި، ގޮއްވާލަން މަސައްކަތް ކޮށްފިއޭ، ރައްޔިތުން އެހެން އަޅުގަނޑަށް ނުހައްދަވާށޭ، ރައްޔިތުން އެހެން އަޅުގަނޑަށް ހައްދަވައިފިނަމަ ދެން ކީއްކުރަންތޯ މީހަކު އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަނީ،"
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ އަޒުމުތަކާއި ހުވަފެންތައް ހާސިލްވެގެން ދަނީ އިހްލާސްތެރި ސިޔާސީ ލީޑަރެއް ގައުމު ހިންގަން ހުރީމަ ކަމަށެވެ. ތަރައްގީ މިހާރު ގެނެސްދެނީ ކާކުކަން ބަލަންޖެހޭ ކަމަށާއި ކުރިން ނުވެ އޮތީ ކީއްވެތޯ ވެސް އަހާލަންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ