ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް މިއަދު ހާޒިރުކުރީ ފޮޓޯއެއް ޓްވީޓް ކުރެއްވުމުގެ ތުހުމަތުގައި ޝަމީމު ވިދާޅުވެއްޖެ އެވެ.
ޑީޖޭއޭއަށް މިއަދު ބަޔާނެއް ދެއްވުމަށްފަހު ވީނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޝަމީމް ވިދާޅުވީ އޭނާއާ ސުވާލުކުރީ މިމަހުގެ އެއްވަނަ ދުވަހު އޭނާގެ ޓްވިޓާ އެކައުންޓުން ފޮޓޯއެއް ޓްވީޓް ކޮށްފައިވާތީ އެ ޓްވީޓާ ގުޅިގެންނެވެ.
ޝަމީމް މިމަހުގެ އެއްވަނަ ދުވަހު ޓްވީޓް ކުރެއްވި ފޮޓޯ އިން ފެންނަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު މޯލްޑިވިއަންގެ ފްލައިޓެއްގައި ނިދިޖެހިފައި އިންނަވާ މަންޒަރެވެ. މިފޮޓޯ ވަނީ ފަހުން ފޮހެލާފަ އެވެ.
ޝަމީމް މިއަދު ވިދާޅުވީ އޭނާއަކީ ފެތުމާއި ކަސްރަތު ޕްރޮމޯޓްކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ބޭފުޅަކަށްވާތީވެ އޭނާގެ ޓްވިޓާ އެކައުންޓުން ކުރާ ފެތުމާއި ކަސްރަތާ ގުޅޭ ޓްވީޓްތަކަކީ އޭނާ ކުރައްވާ ޓްވީޓްތަކެއް ކަމަށެވެ. ޝަމީމުގެ ޓްވިޓާ އެކައުންޓް ބޭނުންކުރުމުގެ ހުއްދަ އޭނާގެ އޮފީހުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ވެސް އޮންނާނެ ކަން ފާހަގަކުރައްވަމުން ޝަމީމު ވިދާޅުވީ ބައެއް މުވައްޒަފުން އެ އެކައުންޓް ބޭނުންކޮށްގެން ކުރާ ބައެއް ޓްވީޓްތައް އޭނާއަށް ކަމުނުދާ ނަމަ ފޮހެލާ ކަމަށާއި އެގޮތުން ސުޕްރީމް ކޯޓުން ފާހަގަކުރާ ފޮޓޯ ވެސް އޭނާއަށް ކަމުނުދާތީ ފޮހެލާފައިވާނެ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑަކީ ފެތުމާއި ކަސްރަތު މާބޮޑަށް ކުރާ ހިތްވާ މީހަކަށް ވެފައި އެކަމަށް މީހުން ހޭލުންތެރިކުރުމަށް އަޅުގަނޑު ޓްވިޓާ ބޭނުންކުރަނީ. އެނޫން ކަމެއްގައި ޓްވީޓްކޮށް ނުހަދަން،" ޝަމީމް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަަގަކޮށް ޝަރުއީ ދާއިރާ މިނިވަންކުރުމަަށާއި އިސްލާހުކުރުމަށް އޭނާ ގެންދަވަނީ އަބަދުވެސް ވަކާލާތު ކުރައްވަމުންނެވެ. މީގެއިތުރުން ވަކީލަކު ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ނެތް މީހުންނަށްވެސް ޝަމީމު ގެންދަވަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.
ރައީސް މައުއުމޫންގެ ގާނޫނީ ޓީމުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ޝަމީމުގެ ބައެއް މައްސަލަތައް ބެލުމަށްފަހު އޭނާއަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް މީގެކުރިން އެތައް ފަހަރަކު ސަސްޕެންޑް ވެސް ކޮށްފައިވެ އެވެ.
ޝަމީމް ޑީޖޭއޭއަށް ހާޒިރުކުރީ ގާޒީ ނަޖީބުގެ ފޮޓޯއެއް ޓްވީޓް ކުރުމުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ