"މެޑަމް ފާތުން ގުރައިދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ވެއްޖެ"

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ކ.އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންގެ ހާލު ވަނީ އޮޅުންފިލުއްވާފައެވެ. އެކަމަނާ ކ. ގުރައިދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެރަށުން ވާހަކަ ދެއްކި މީހުން ބުނީ ގުރައިދޫގެ ރައްޔިތުން ތިބީ މެޑަމް ފާތުން އެރަށަށް ވަޑައިގެންނެވުމުން ވަރަށް އުފަލުން ކަމަށާއި، އެކަމަނާގެ ދަތުރުފުޅާއެކު އެރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަވެއްޖެ ކަމަށެވެ.ފަސްޓްލޭޑީ ފާތިމަތު އިބްރާހީމް ކ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިއަދު ވަނީ އެ އަތޮޅު ގުރައިދޫއަށާއި، މާފުއްޓަށާއި ގުޅިއަށް ވަޑައިގެންފައެވެ. އެތިން ރަށުންވެސް މެޑަމް ފާތުންއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. ކޮންމެ ރަށަކަށްވެސް ވަޑައިގެން މެޑަމް ފާތުން ވަނީ އެރަށެއްގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެރަށްރަށުގެ ޒުވާނުންނާއި، އަންހެން ކަނބަލުންނާއި، އިސްރަށްވެހިންނާއި ބައްދަލުކުރައްވާ، އެފަރާތްތަކަށް ދަތިވާ ކަންކަން އެކަމަނާ ވަނީ އޮޅުންފިލުއްވާފައެވެ. އޭގެ އިތުރުން ކެމްޕެއިން ޓީމްތަކާއިވެސް ބައްދަލު ކުރައްވާފައިވެއެވެ. މެޑަމް ފާތުންގެ ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރާއި، ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ބައިވެރިވެވަޑައިގެންފައިވެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ