އިންޑިއާ ސުޕްރީމް ކޯޓް: ބަބްރީ މިސްކިތް ހުރީ "ހިންދޫ ކަލާނގެ" އުފަންވި ތަނުގައި

އިންޑިއާގެ އުއްތަރ ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ އަޔޯދިޔާގައި ހުރި 16 ވަނަ ގަރުނުގެ މިސްކިތެއް ކަމަށްވާ، މަސްޖިދް ބަބްރީ ހުރި ތަނަކީ، "ހިންދޫ އިންގެ ކަލާނގެ" އުފަންވި ތަން ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.
މަސްޖިދް ބަބްރީ ހުރި ބިމުގައި ހިންދޫ ދީނުގެ ފައްޅިއެއް އެޅުމަށް ނިންމައި މިއަދު އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ނިހާއީ ހުކުމުގައި ބުނެފައިވަނީ، އެ މިސްކިތް ހުރި ބިމަކީ، މިސްކިތް އެޅުމުގެ ކުރީން ހިންދޫންގެ ދީނީ ތަނެއް ކަމަށެވެ. އަދި އެތަނަކީ ހިންދޫން ކަލާނގެއެއް ކަމަށް ބުނާ "ރާމާ" އުފަންވި ސަރަޙައްދު ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
ބަބްރީ މިސްކިތް ހުރި ބިމާއި މެދު ގޮތެއް ނިންމުމަށް ކުރިޔަށްގެންދިޔަ ޝަރީޢަތަށްފަހު މިއަދު އިއްވި ހުކުމުގައި ސުޕްރީމް ކޯޓުން ވަނީ، މިސްކިތް ހުރި ބިން ހިންދޫންނަށް މިލްކުކޮށްދީ، އެ ބިމުގައި ފައްޅިއެއް އެޅުމުގެ ފުރުސަތު ހިންދޫންނަށް ދިނުމަށް ނިންމާފައެވެ. އަދި މި ބިމުގެ ބަދަލުގައި މުސްލިމުންނަށް އިންޑިއާގެ އެހެން ހިސާބަކުން ބިމެއް ދިނުމަށްވެސް އެ ޙުކުމުގައި ނިންމާފައި ވެއެވެ.
ބަބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދިނުމަކީ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި އޭނާ ނިސްބަތްވާ ބީޖޭޕީގެ ވައުދެކެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު މި ވައުދު ފުއްދިފައިވުމުން، ހިންދޫންގެ ތަރުޚީބު އޭނާއަށް ވަނީ އިތުރުވެގެން ގޮސްފައެވެ.
ބަބްރީ މިސްކިތުގެ މައްސަލައަކީ އިންޑިއާގައި މުސްލިމުންނާއި ހިންދޫންނާއި ދެމެދު ދެކޮޅުވެރިކަން އެންމެ ބޮޑުވި އެއް މައްސަލައެވެ. 1992 ވަނަ އަހަރުގެ ޑިސެމްބަރު 6 ވަނަ ދުވަހު، އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ހިންދޫ ދީނުގެ މީހުން އަޔޯދިޔާއަށް އަރައި އެ ސިޓީގެ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާގައި މިސްކިތް ވަނީ ތަޅައި ސުންނާފަތިކޮށްލާފައެވެ.
މުސްލިމުންނަށް އޭރު އޮތް ރުޅިވެރިކަމުގައި އާމިރާއި އޭނާގެ ބައިވެރިން ބަބްރީ މިސްކިތަށް އަރައި އެތަނަށް ބޮޑެތި ގެއްލުންދީ ބޭނުން ނުކުރެވޭވަރު ކޮށްލިއެވެ.
ބަބްރީ މަސްޖިދަށް ހިންދޫ ދީނުގެ މީހުން އަރައިގަނެ ހިންގި ހަމަނުޖެހުންތަކުގައި 2000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ މުސްލިމުން ހިމެނެއެވެ.
ހިންދޫން ބުނާގޮތުގައި، ބަބްރީ މިސްކިތް ހުރި ތަނުގައި ކުރިން އެބައި މީހުންގެ ފައްޅިއެއް ހުއްޓެވެ. ނަމަވެސް 16 ވަނަ ޤަރުނުގައި މުސްލިމުން އެތަނަށް ވެރިވެގަނެ، ފައްޅި ތަޅާލީ ކަމަށް އެމީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ