މަސީހް އާއި ދެކޮޅަށް ވޯޓް ނުދެއްވައިފި ބޭފުޅަކަށް އަޅުގަނޑުގެ ތާއިދެއް ނޯންނާނެ- މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އާއި ދެކޮޅަށް ވޯޓު ނުދެއްވައިފި ބޭފުޅަކަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމުގެ ތާއިދެއް ނޯންނާނެކަމަށް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މ.ކުނޫޒްގައި އިދިކޮޅު ޕާޓީތަކުން މިހާރު ބާއްވަމުންދާ ޖަލްސާގައި، ދަރިކަނބަލުން ޔުމްނާ މައުމޫން މެދުވެރިކުރައްވާ އިއްވި ބަޔާނެއްގައެވެ.
"މި ވޯޓުގައި ޤައުމު އިސްލާޙުކުރުމަށް ވޯޓު ނުދެއްވާ މެންބަރުންނަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ. އަދި މި ހަތަރު  ޕާޓީގެ ތާއީދެއްވެސް ނޯންނާނެ. އަދި ދިވެހި ރައްޔިތުންގެ ތާއީދެއްވެސް ނޯންނާނެކަން އަޅުގަނޑަށް ޔަޤީން" މައުމޫންގެ ބަޔާނުގައި ވެއެވެ.
މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކާއެކު ސޮއިކުރެވުނު އެއްބަސް ވުމަކީ ވަރަށް މުހިންމު އެއްބަސް ވުމެއް ކަމަށެވެ. އެއީ މާތްވެގެންވާ އިސްލާމް ދިނާ ދިވެހިރާޢްޖޭގެ މިނިވަންކަމާ ސިޔާދަތާ ގައުމިއްޔަތު ހިމާޔަތް ކުރުމަށާއި ބިންބިމާއި ފަޅުތަކާއި ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަމުގެ މިލްކުވެރި ކަން ހިމާޔާތް ކުރުމަށާއި ދިވެހިރާއްޖޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ހައްލުކުރުމަށް ވެވުނު އެއްބަސްވުމެއް ކަމުގައެވެ. އަދި ދިވެހިންގެ އަތުން ނިގުޅައިގަނެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތައް ރައްކާތެރި ކުރުމަށް ކަމުގައެވެ.
"ދިވެހިރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން ހަތަރު ޕާޓީ މި އެއްބަސްވެފައިވާއިރު ކަންކަން އިސްލާޙުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެންނަށް ލިބޭ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފުރުސަތަކީ މާދަމާ ނެގޭ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާޜު ނެތް ކަމުގެ ވޯޓު" މައުމޫން ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރައީސް އެ މަގާމުން ދުރު ކުރަން ޖެހެނީ ޤާނޫން އަސާސީގައި ކަނޑައެޅިފައިވާ ޒިންމާތައް ރައްޔިތުންގެ މަޖިލީހުން އަދާކުރުމުގެ ފުރުސަތު އެ މަޖިލީހުގެ މެމްބަރުންނަށް ނުދެއްވާތީއާއި ޤަވާއިދުތަކާއި އުސޫލުގެ ބޭރުން މަޖިލީހުގެ ކަންކަން މަޖިލީހުގެ ރައީސް ގެންދަވާތީ ކަމުގައެވެ.
އަދި ޤައުމަށް ދިމާވާ ބޮޑެތި ކަންކަމާ މެދު މަޖިލީހުގައި މެންބަރުން މިނިވަންކަމާއި އެކު ޚިޔާލު ފާޅުކޮށް ބަހުސް ކުރުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ނުދެއްކަމަށާއި ސަރުކާރު ފުރިހަމަޔަށް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ނުދެއްވާކަމަށާއި ޤައުމު އިސްލާޙު ކުރެވޭނީ އެންމެ ފުރަތަމަ މަޖިލީހުގެ ތެރެ އިސްލާޙުކޮށްގެން ކަމަށް ޤަބޫލު ކުރެވޭކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރުން ފަހަކަށް އައިސް ސަރުކާރުގެ ޢަމަލުތައް ހުރި ގޮތުން، ތިން ބާރު ރަނގަޅަށް ވަކިކޮށް، ޤާނޫނު ހެދުމުގެ ބާރާއި ޝަރުޢީ ދާއިރާ ސަރުކާރުގެ އަތްދަށުން ސަލާމަތްކުރުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން އިތުރަށް ސާބިތުކޮށްދީފައިވާކަމަށްވެސް ރައީސް މައުމޫނުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މައުމޫންގެ ބަޔާނުގައި ވިދާޅުވީ، މަސީހުގެ ވޯޓުގައި ފަސްޖެހިއްޖެ ނަމަ އަދުގެ ޖީލު އަދި އަންނާން އޮތް ޖީލުތައް މައާފެއް ނުކުރާނެ ކަމަށާއި ބިރާ ހެދި މިކަމުގައި ފަސްޖެހިގެން ނުވާނެ ކަމަށެވެ. މާތް ﷲ މެނުވީ އެހެން އެއްވެސް ފަރާތެއްދެކެ މުސްލިމުން ބިރެއް ނުގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ