ފަލާހުގެ މައްޗަށް އަބުރުގެ ދައުވާ އުފުލާދިނުމަށް އުމަރު އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ މައްޗަށް އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫންގެ ދަށުން ދައުވާކޮށްދިނުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެދިވަޑައިގެންފިއެވެ.
ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި އުމަރު ނަސީރަކީ "ވަގެއް"ކަމަށް ފަލާހު ވިދާޅުވެފައިވާކަމަށް ވިދާޅުވެ ކޮމިޝަނަރު އޮފް ޕޮލިސްއަށް އުމަރު ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އުމަރު ނަސީރު ފޮނުއްވި ސިޓީގައި ވާގޮތުގައި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެމަނިކުފާނަށް ވަރަށް ސަރީޙަބަހުން "ވަގަށް" ގޮވާ އަބުރަށް އަރައިގެންފައިވެއެވެ. އަދި މިސަބަބަށްޓަކައި އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ ގާނޫންގެ ދަށުން އެ މައްސަލަ ތަހުގީގްކޮށް، މިފަދަ މައްސަލަތަކުގައި ޕީޖީ އޮފީހަށް މައްސަލަ ހުށައަޅަންޖެހޭނެކަމަށް ބުނެފައިވާތީ ފަލާހުގެ މައްސަލަ ޕީޖީއަށް ފޮނުވައިދިނުމަށް އެދޭކަމަށްވެސް އުމަރުގެ ސިޓީގައި ވެއެވެ.
ފަލާހު އުމަރުގެ އަބުރަށް އަރައިގެންފައިވަނި ސާބިތުނުހިފޭ ދޮގު ވާހަކައެއްގެ މައްޗަށް ބިނާކޮށްކަމަށާ، އެމަނިކުފާނުގެ މައްޗަށް ރާޢްޖޭގައި ހުރި އެއްވެސް މުއައްސަސާއަކުން އެފަދަ ކަމެއް ސާބިތުވެފައިނުވާކަމަށް އުމަރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން, މިނިވަން50 ގެ އެއްވެސްކަމެއް އުމަރުގެ ނުވަތަ އެމަނިކުފާނުގެ, އަނބިކަނބަލުންގެ, ދަރިއެއްގެ ހިއްސާއެއް އޮތް ކުންފުންޏަކަށްވެސް ހަވާލުކޮށްފައިނުވާނެކަަމަށާއި, ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އެއްވެސް ބިޑަކަށްވެސް ކުރިމަތިލައްވާފައިނުވާނެކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ މި މައްސަލަ ފުލުހަށް ހުށައެޅީ "ވަކަރަށްޖަހާލަން"ކަމަށާއި, މައްސަލަ ހުށައަޅަން ނުކުރޭނެކަމަށް މެންބަރު ފަލާހު ވިދާޅުވެފައިވާތީކަމަށެވެ.
މިރޭ ބޭއްވި ޖަލްސާގައި ފަލާހު ވަނީ މިނިވަން50 ގެ ހަރަކާތްތަކަށް އުމަރު އަމިއްލައަށް ކުންފުނިތަކެއް ހަދާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރައްވާފައިވާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ