އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާގެ މޭޒަށް ދިއުމަށް ގޮވާލަން ސަރުކާރު ލަދުގަންނަން ޖެހޭނެ ކަމަށާއި , ސަރުކާރުން އިޙްލާސްތެރި ނިޔަތަކާއި އެކު މަޝްވަރާ ކުރުއްވަން އުޅުއްވާ ނަމަ މިއަދު ގައުމު މިހާލަތަށް ނުދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ އިދިކޮޅު ފަރާތްތައް ކުނޫޒްގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ސަރުކާރުން ކޮންމެ ފަހަރަކު ވެސް މަޝްވަރާ އަށް ގޮވާލަނީ އިހްލާސްތެރިކަމެއް އޮވެގެން ނޫން ކަމަށާއި ސަރުކާރުން އެކަން ކުރަނީ "ދަޅަކަށް ބޮލި އަޅައިގެން ތަޅުވާހެން، ތަޅުވާ" އުސޫލުންނެވެ.
ގާސިމް ވިދާޅުވީ ސިޔާސީ މީހުން ހައްޔަރު ކުރުން ނޫން ކަމެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކަށް ނުކުރެވޭ , ކަމަށާއި އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރުމުގެ އެއްވެސް ކެތްތެރިކަމެއް، ހިތްވަރެއް ވެސް ސަރުކާރުގެ ކިބައިގައި ނެތް ކަމަށެވެ.
"ތިކަމެއް ނުވާނެ، މިކަމެއް ނުވާނެ، މިހެން ގޮސް ހުށަހެޅި އެއްވެސް ކަމެއް ސަރުކާރުން ބަލައިގަންނާކަށް އޭރު ބޭނުމެއް ނުވި. ދެން ކޮން ބަޔަކާ، ކިހިނެތް، ކޮން ވާހަކައެއް ދައްކަންތޯ ތި އުޅުއްވަނީ؟. ހުރިހާ ޕާޓީތަކުގެ ލީޑަރުން ތިބީ އަސީރުންގެ ގޮތުގައި ހިފައި ހައްޔަރުކޮށްފައި، ފާރިސް މައުމޫން ފުލުސް އޮފީހަށް ދަމަނީ. ނަޝީދާ ދެކޮޅަށް އަނެއްކާ އަނެއް މައްސަލަ ހުށަހަޅައިފި. އިމްރާން ގޭގައި ހައްޔަރުކޮށްފައި."" ގާސިމް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މަޝްވަރާގެ ދޮރު ހުޅުވިފައިވާ ކަމަށް ބުނެފައެވެ.
"ޑިމޮކްރަސީ އަށް އިހްތިރާމް ކުރާކަށް އެމަނިކުފާނަށް އެނގިވަޑައެއް ނުގަންނަވާނެ. ރައީސް ޔާމީން ލަދުފުޅުގަންނަވަން ވާނެ ޑިމޮކްރަސީއޭ މަޝްވަރާއަށް އަންނާށޭ ވިދާޅުވާން. އެއީ އިހްލާސްތެރި ނިޔަތާ އެކު އެމަނިކުފާނު ވިދާޅުވާ އެއްޗެއް ނަމަ މިއަދު މި ހާލަތަށް މިގައުމު އަންނާކަށް ނުޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށް، މުދާ ހިފަހައްޓަން އުޅޭއިރު ސަރުކާރުން ވިލާ އަށް ދޭން ޖެހިފައި ހުރި ފައިސާ ވެސް އެބަހުރި ކަމަށެވެ.
އަދި ރައީސް ޔާމީން ވެރިކަމަށް ގެނައި މީހުން މިހާރު ތިބި ހާލަތަށް ބަލައި، އެކަމުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އޭގެ މިސާލެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
އިޙްލާސްތެރި ނިޔަތަކާއިއެކު މަޝްވަރާ ކުރުމަށް ގޮވާލާނަމަ މިއަދު ގައުމު މިހާލަތަކަަށް ނައީސް :ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ