ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލި މުއްދަތު ހަމަވިއިރު 3،058 ބައިވެރިން ނަން ހުށަހަޅާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 18ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށެވެ. މި މުއްދަތު ހަމަވިއިރު މުބާރާތުގައި ބައިވެރިވާން 3،058 ބައިވެރިން ނަން ހުށަހެޅި ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
38ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ގެނައި ބަދަލާއެކު 26 އަހަރު ނުފުރޭ، ޝަރުތު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށް މުބާރާތުގައި ބައިވެރިވެވެއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުން ކަމަށް ކަނޑައަޅާފައިވާއިރު ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، ޤައުމީ ޤުރްއާން މުބާރާތަށް ބަދަލު ގެނައީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަޤްޞަދުގައި ކަމަށެވެ.
މިއަހަރުން ފެށިގެން ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ދެން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން އެހެން އަހަރުތަކާ ޚިލާފަށް މުބާރާތުގެ އޮޑިޝަން ބުރަކާއި މުބާރާތުގެ ސެމީ ފައިނަލްގެ އިތުރުން މުބާރާތުގެ ފައިނަލް ބުރެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އޮޑިޝަން ބުރު ކުރިއަށް ގެންދަނީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާ މުއްދަތުގެ ތެރޭގައި ފޯމް ހުށައަޅާ ފަރާތްތަކުގެ މެދުގައެވެ. މި އޮޑިޝަން ބުރު ކުރިއަށް ގެންދާނީ ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ. ފޯމު ހުށައަޅާ ފަރާތްތަކަށް ހާޒިރުވާން އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެއެވެ.
ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން %80 ވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރަށް ދާނީ ސެމީ ފައިނަލުގެ ކޮންމެ ކެޓަގަރީއަކުން %85 އަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.
މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ގެންދާނީ މާލޭގައެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް އެލަވަންސެއް ދޭން ވަނީ ނިންމާފައެވެ. ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ އުމުރުފުރާތަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބޭނީ ދެ ގޮފިންނާއި ހާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހާފިޘުންގެ ބައިގެ އިތުރުން 8 އުމުރުފުރާއަކަށް ބަހާލައިގެންނެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެކި ބައިތަކުން 1ވަނަ ހާސިލުކުރާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަޔަށް ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ވަނީ ނިންމާފައެވެ.
38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި 3،053 ބައިވެރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ