ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ މާލީ ބަޔާންތައް އިއްޔެ އާންމުކުރައްވައިފިއެވެ.
ގާނޫނުއަސާސީގެ 120 ވަނަ މާއްދާގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކުރައްވައި ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވަން ޖެހެއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މާލީ ބަޔާނުގައި ވަނީ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އާމްދަނީ އާއި އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދަށް ލިބިވަޑައިގެންފައިވާ އާމްދަނީ އާއި މިލްކިއްޔާތުގައި ހުރި މުދާ/ވިޔަފާރި މަސްލަހަތާ ގުޅޭ މާލީ ތަފްސީލުތަކެވެ.
ރައީސް ޑރ. މުއިއްޒަށް މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 282,024.00ރ. ލިބިވަޑައިގެންފައިވެއެވެ. އަދި ހުޅުމާލޭ ރޯހައުސް އަކުން ކުލީގެ ގޮތުގައި 240,000ރ. ލިބިވަޑައިގެންނެވިއިރު، އާއިލާގެކޮޅު މ. ފިގް އިން 180,000ރ. ލިބިވަޑައިގެންފައިވެއެވެ.
ފަސްޓްލޭޑީ ސާޖިދާއަށް ލިބިވަޑައިގެންނެވި އާމްދަނީއަށް ބަލާއިރު، ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާއަށް ލިބޭ އެލަވަންސްގެ ގޮތުގައި މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 199,99.98ރ. ލިބިވަޑައިގެންފައިވެއެވެ. އަދި ސާޖިދާގެ ނަންފުޅުގައިވާ ދިމްޔާތު ޕްރައިވެޓް ލިމިޑެޓް އިން ލިބޭ މުސާރައިގެ ގޮތުގައި 78,000ރ. ލިބިވަޑައިގެންފައިވެއެވެ. ހެލްތު މިނިސްޓްރީގެ ފެމިލީ އެންޑް ވެލްފެއަގެ ކޮންސަލްޓަންޓްގެ މުސާރައިގެ ގޮތުގައި 4,927.32ރ. ލިބިވަޑައިގެންފައިވެއެވެ.
ރައީސް ޑރ. މުއިއްޒުގެ މިލްކިއްޔާތުގައިވާ މ. ދިމްޔާތަކީ ވާރުތައިން ލިބިވަޑަައިގެންފައިވާ ބިމެކެވެ. ހުޅުމާލޭގައި ހުންނަ އެމްބަ ޓެރަސް 2 ރޯހައުސްގެ އަގަކީ 5,919,500.00ރ. އެވެ. ހއ. ވަަށަފަރުގައިވާ ރައީސްގެ ދިމްޔާތު ނަމަކަށްކިޔާ ބިމުގެ އަގަކީ 150,000ރ. އެވެ. މ. ފިގްގެ ބައެއް ރައީސަށް ހިބައިން ލިބިވަޑައިގެންފައިވާ ކަމަށްވެސް މާލީ ބަޔާނުގައިވެއެވެ. އަދި 260,000ރ. ކާރެއް އެމަނިކުފާނުގެ މިލްކިއްޔާތުގައިވެއެވެ.
ބޭންކުގައި ހުރި ފައިސާގެ ތަފްސީލަށް ބަލާއިރު ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްގައި 184,845.52ރ. ހުރިއިރު ބީއެމްއެލްގެ ސޭވިންގް އެކައުންޓްގައި 1,701,470.44ރ. އެބަހުއްޓެވެ. އަދި އިސްލާމިކް ބޭންކުގެ ސޭވިންގްސް އެކައުންޓްގައި 1,000ރ. އެބަހުއްޓެވެ. އެހެންކަމުން އެމަނިކުފާނުގެ ތިން ބޭންކް އެކައުންޓެއްގައި ޖުމްލަ ހުރީ 1.8 މިލިއަން ރުފިޔާއެވެ.
ލޯނާއި ދަރަންޏަށް ބަލާއިރު މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީން ނަންގަވާފައިވާ ލޯންގައި ބާކީ ނުދައްކަވާ އޮތީ 1,319,265.13ރ. އެވެ. އަނބިކަނބަލުން ސާޖިދާގެ ލޯނެއް ނެތެވެ.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ މާލީ ބަޔާން ދައްކާ ގޮތުން، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ 314,664 ރުފިޔާއެވެ.
ނައިބު ރައީސްގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ނެތް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގެ ތަފްސީލަށް ބަލާއިރު، ބީ.އެމް.އެލް އެކައުންޓުގައި ހުރީ 8,390 ރުފިޔާ އާއި 61 ޑޮލަރެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އެކައުންޓުގައި ހުރީ 39 ރުފިޔާ އާއި 397 ޑޮލަރެވެ. މީގެ އިތުރުން، އެމަނިކުފާނުގެ އަނބިކަނބަލުންނަށް އާމްދަނީގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭ ކަމަކަށް މާލީ ބަޔާނުގައި ހިމަނާފައެއް ނުވެއެވެ.
ރައީސް އާއި ނައިބު ރައީސްގެ މާލީ ބަޔާން އާންމުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ