ޑީއާރުޕީން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަނި އެ ޕާޓީގެ ލީޑަރަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ނަޝީދު ދައްކަން ޖެހޭނެ ކަމަށް ކުރި ހުކުމް އިސްތިއުނާފް ކުރަން އޭނާ ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރު ހިންގި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި އެޑިޓް ކުރުމާއި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ހިދުމަތްތަކަށް ހަތަރު މިލިއަން ރުފިޔާ އެ ޕާޓީން ދައްކަންޖެހެ އެވެ.
އެ ފައިސާ ހޯދަން އާމިރުގެ ފަރާތުން ސިވިލް ކޯޓަށް ތަންފީޒީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލަ ކޯޓުގައި އޮއްވާ މެމްބަރުންގެ އަދަދު ހަމަނުވާތީ ޑީއާރްޕީ ފަހުން ވަނީ އުވާލައިފަ އެވެ.
އެހެންވެ، ނަޝީދަށް ދައުވާލިބޭ ގޮތަށް ސިވިލް ކޯޓުން ވަނީ ތަންފީޒީ މައްސަލަ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ނަޝީދުގެ ފަރާތުން އެ މައްސަލާގައި ކޯޓުގައި ޖަވާބުދާރީވެފައެއް ނުވެ އެވެ. އެހެންވެ، ނަޝީދު ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ހިދުމަތުގެ އަގަށްވާ ހަތަރު މިލިއަނަށް ވުރެ ރުފިޔާއަކީ ނަޝީދުގެ ފަރާތުން އާމިރަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކަން ހުކުމްކޮށްފަ އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ ސިވިލް ކޯޓުގެ އެ ހުކުމަކީ ނަޝީދުގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމަކަށް ވާއިރު، އެފަދަ ހުކުމްތައް ބާތިލްކުރަން އެ ހުކުމެއް ނެރުނު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު މަދަނީ އިޖުރާއަތުގެ ގާނޫނުން ލިބޭތީ އެވެ.
The most trusted news source in the Maldives
ސިވިލް ކޯޓުގެ ހުކުމްގައިވާ ގޮތުން އާމިރަށް ދައްކަންޖެހޭ ދަރަނި ހައި ކޯޓުން ސާބިތުވިއިރު، ޑީއާރްޕީގެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ ނަޝީދެވެ. އަދި އެކަން ސިޓީއަކުން އިލެކްޝަން ކޮމިޝަނުން ވެސް ކޯޓަށް އަންގާފައިވާ ކަމަށާއި އެހެންވެ، އެ ދަރަންޏަށް ޒިންމާވާން ޖެހެނީ ނަޝީދު ކަމަށް އެ ހުކުމުގައިވެ އެވެ.
The most trusted news source in the Maldives
ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުން ޕާޓީއަކުން ފަހުން ފައިސާ ދައްކާ ގޮތަށް ހޯދާ ހިދުމަތަކަށް ނުވަތަ މުދަލަކަށް ޝަހްސީ ގޮތުން ޒިންމާވާނޭ މީހަކު ކަނޑައަޅައި، އެކަން އަނެއް ފަރާތަށް އަންގަންވާނެ އެވެ. އަދި އަގު ދައްކަން އެއްބަސްވި ގޮތާއި އެކަމުގައި ޝަހްސީގޮތުން ޒިންމާވުމަށް ކަނޑައެޅި ފަރާތަކާއި އެ ފަރާތަކުން އެކަމަށް އެއްބަސްވިކަމުގެ އިގުރާރު އެ މުއާމަލާތެއް ހިންގާ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ.
ނަމަވެސް 2009 ވަނަ އަހަރު އާމިރުއާ އެކު ޑީއާރުޕީން މުއާމަލާތްތައް ހިންގިއިރު އެފަދަ ގަވާއިދެއް ނޯވެ އެވެ.
ނަޝީދުގެ ފަރާތުން ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް ނިންމިއިރު، އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ އެރި ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ ޖޫރިމަނާ އެއްކޮށް އުނި ކުރުމަށްފަހު، ހިދުމަތުގެ އަގު އެކަނި ނަގައިދިނުމަށެވެ. އަދި އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ފަހުން ތާއިދުކުރި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ކުރިން އޮތް ޑީއާރުޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި އެ ޕާޓީ 2011 ވަނަ އަހަރު ބައިބައިވިއިރު، އެ ޕާޓީގެ އެތައް މިލިއަން ރުފިޔާގެ ދަރަނި ހުއްޓެވެ.
އޭގެ ތެރެއިން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަންގެ ދަރަންޏަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން ވެސް އެ ކުންފުނިން މަސައްކަތްކުރި އެވެ. ނަމަވެސް ފަހުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.
ނަޝީދު ހުށަހެޅި ޑީއާރްޕީގެ ދަރަނީގެ މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުން ބަލައިނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ