އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ

މިިދިޔަ ޖެނުއަރީގައި ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.
ޑީޕީއީން ބުނީ އެސްއެސްސީ އަދި ކެމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރު 12:00 އިން ފެށިގެން ލިބޭނެ ކަމަށެވެ.
އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ އައިޑީކާޑު ގެންދިއުމުންނެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ، ދަރިވަރުގެ އައިޑީކާޑާއި ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަންޖެހެ އެވެ.
އެސްއެސްސީ އާއި ކެމްބްރިޖު އައިޖީސީއެސްސީ އިމްތިހާނުގައި 267 ސެންޓަރަކުން 8،218 ދަރިވަރުން މި އަހަރުގެ ބައިވެރިވި އެވެ. މާލޭގައި އިމްތިހާންތައް ކުރިއަށް ގެންދިޔައީ 21 ސެންޓަރެއްގަ އެވެ. އަދި އަތޮޅުތަކުގެ 246 ސެންޓަރެއްގައި އިމްތިހާން ހެދި އެވެ.
އެއީ މި އަހަރު އޯލެވެލް ހަދި ފުރަތަމަ ބެޗްގެ ދަރިވަރުންނެވެ. މި ދިރާސީ އަހަރު ގްރޭޑް 10ގައި އުޅޭ ދަރިވަރުން އަންނަ އޮކްޓޫބަރު/ނޮވެމްބަރުގައި އޯ ލެވެލް ހަދާނެ އެވެ.
ސަރުކާރުން މިދިޔަ އަހަރު ވަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ ގޮތަށް ބަދަލުކޮށް، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ވެސް ނިންމައިފަ އެވެ. އެއީ ދިވެއްސާއި އިސްލާމާއި އިނގިރޭސި އަދި ހިސާބު މާއްދާ އެވެ.
އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނުގައި ދިވެހި ދަރިވަރުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އިމްތިހާނުގެ ގަދަ 10 ގައި ހިމެނޭ ކުދިންގެ އަދަދު އިތުރު ވަމުން އަންނައިރު ދުނިޔޭގެ ފެންވަރުގެ ވަނަތައް ވެސް ހޯދަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ