ކަރަންޓަށް ތެޔޮ އެތެރެކުރަން މަހަކު ކުރާ ހޭދަ 110 ޕަސެންޓު އިތުރުވެ، 116މިލިއަނަށް އުފުލިއްޖެ: ސަރުކާރު

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން، ސަރުކާރުން ތެޔޮ އެތެރެކުރުމަށް ޓަކައި ކުރާ ހޭދަ ކުރިއަށްވުރެ 110 ޕަސެންޓު އިތުރުވެ، މިހާރު މަހަކު 116 މިލިއަން ޑޮލަރު މިހާރު ޚަރަދުކުރަންޖެހިފައިވާ ކަމަށް، އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގައި ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، މެދުއިރުމަތީ ހަނގުރާމައިގެ ކުރިން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ޓަކައި މަހަކު ހޭދަވަނީ 50 މިލިއަނެއްހާ ޑޮލަރު ޚަރަދުކުރާ ކަމަށެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން މާޗު މަހުން ފެށިގެން މަހަކު 116 މިލިއަން ޑޮލަރު ތެޔޮ އެތެރެކުރުމަށް ޚަރަދުވާ ކަމަށް، އަޙްމަދު ޢަލީ ވިދާޅުވިއެވެ. އެއީ 110 ޕަސެންޓުގެ އިތުރުވުމެކެވެ. ނުވަތަ ޚަރަދަށް އިތުރުވި 61 މިލިއަން ޑޮލަރެވެ. "މީގެ ކުރީގަ މެދުއިރުމަތީގަ ދިމާވެގެން އުޅޭ މައްސަލައިގެ ކުރިން ގާތްގަނޑަކަށް 50އަކަށް މިލިއަން ޑޮލަރު މަހެއްގެ މައްޗަށް އެބަ ޚަރަދުކުރަންޖެހޭ ތެޔޮ އެތެރެކުރުމަށް، އެކަމަކު މިހާރު އެ އަދަދު 116 މިލިއަން ޑޮލަރު މަހަކު، އެއީ މަހު މާޗު ހިސާބަށް ބެލިކަމަށްވާނަމަ،" އަދިވެސް ހަނގުރާމަ ކުރިއަށްދާތީ ތެލަށް ކުރާ ޚަރަދު އިތުރުވުން އެކަށީގެންވާ ކަމަށް، އޭނާ ވިދާޅުވިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަޙްމަދު ޢަލީ: ވިދާޅުވީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން މަހަކު ތެލަށް ކުރާ ޚަރަދު 116 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް އަޙްމަދު ޢަލީ ވިދާޅުވިގޮތުގައި، ރާއްޖޭގައި ފޮސިލް ރިޒާވެއް ނެތުމާއި، ބޭރު ގައުމުތަކުން ގެންނަ ތެލަށް ބަރޯސާވާތީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބަދަލު އައުމުން އޭގެ އަސަރުކުރެއެވެ. "އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ޑީސަލް، ނޫނީ ރާއްޖޭން ބޭރުން އިމްޕޯޓުކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭން ލިބެން ހުރި އިޔާދަކުރުވަނިވި ހަކަތައިގެ ވަސީލަތްތަކަށް ދާން،" އަޙްމަދު ޢަލީ ވިދާޅުވިއެވެ. ރާއްޖެއަށް އެތެރެކުރާ ތެލުގެ 98 އިންސައްތަ ހިއްސާކުރަނީ އޮމާނުންނެވެ. މެދުއިރުމަތީގައި ބޮޑެތި ހަމަނުޖެހުންތައް ހިނގުމުން، ތެލުގެ ޝިޕްމެންޓުތަކަށް ބުރޫ އެރުމުގެ ފުރުސަތު އޮވެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން މިދިޔަ ފެބްރުވަރީ މަހުގެ 28ގައި ފެށި ހަނގުރާމައަށް ފަހު ދިވެހި ސަރުކާރުން ވަނީ ތެޔޮ ގެނައުމުގައި އޮމާނަށް ބަރޯސާވުން ކުޑަކޮށް، އެހެން ބައެއް ގައުމުތަކުން ވެސް ތެޔޮ ގެނެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް ބުނެފައެވެ. މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާއިން މި މެއި މަހު ބައި މިލިއަން ޓަނުގެ ތެޔޮ، ހޮންކޮންގް ނޫން އެހެން ސަރަހައްދުތަކަށް ބޭރުކުރަން ވަނީ ހުއްދަ ދީފައެވެ. އެ ގައުމުން އެގޮތަށް ނިންމައިފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ ބޭރު ނުކުރަން މިދިޔަ މަހު ނިންމުމަށް ފަހެވެ. މިދިޔަ މަހު އެ ގައުމުން ކޮންމެވެސް މިންވަރަކަށް ތެޔޮ ބޭރުކުރަން ނިންމައިފައިވާއިރު، މި މަހަށް ކަނޑައަޅައިފައިވާ އަދަދަކީ އޭގެ ދެގުނަ އަދަދެއް ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. އެ ނޫހުގައި ވަނީ ޗައިނާއިން އެ ތެޔޮ ވިއްކާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއުޒިލެންޑް އަދި ސްރީ ލަންކާ ހިމެނޭ ކަމަށެވެ. އެގޮތުން ވިއްކާ ބައި މިލިއަން ޓަނުގެ ތެރެއިން 40 ޕަސެންޓް ހިއްސާކުރާނީ ޑީސަލާއި ޖެޓް ފިއުލް ކަމަށް ވެސް، ނަން ހާމަ ނުކުރާ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްގައިވެއެވެ. https://sun.mv/221332 ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ މި ދަނޑިވަޅުގައި ތެލުގެ އަގު އުފުލި ރާއްޖޭގައިވެސް ތެލަށް ކުރާ ޚަރަދު ބޮޑުވެފައިވާއިރު، ސަރުކާރުން ވަނީ ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަން ހާމަކޮށްފައެވެ. އަދި ތެލުގެ ގައުމީ ރިޒާވެއް ގާއިމްކުރުމަށް ދިރާސާކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްްޒު މިދިޔަ މާރިޗު މަހު ހާމަކުރައްވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ