ސުމޫދު ފްލޮޓިއްލާއަށް ހުރަސް އެޅުން ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ޣާޒާގެ ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެސަރަހައްދަށް ދިއުމަށް ދަތުރުކުރި ގްލޯބަލް ސުމޫދް ފްލޮޓިއްލާ އަށް އިޒްރާއިލުން ހުރަސް އެޅުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ދިވެހިރާއްޖެ ހިމެނޭހެން 10 ގައުމެއްގެ ފޮރިން މިނިސްޓްރީ އިން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން ގްލޯބަލް ސުމޫދު ފްލޮޓީލާއަށް ހުރަސްއަޅައި ހިންގަމުންދާ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މި ހަރަކާތަކީ، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ ސަމާލުކަން ގެނައުމަށް ހިންގާ އަމާން ސުލްޙަވެރި ހަރަކާތެއްކަންވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މި ބަޔާނުގައި ވަނީ، އިސްރާއީލުން މީގެ ކުރިން ފްލޮޓީލާ ހަރަކާތުގައި ދަތުރުކުރި އުޅަނދުތަކަށް އަރައި ހިންގި ޖަރީމާތައްވެސް ކުށްވެރިކުރައްވައި، އިންސާނީ ޙައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި، އާންމުންގެ އުޅަނދުތަކާމެދު އަމަލުކުރަމުންދާ ލާއިންސާނީ އަމަލުތަކާމެދު ކަންބޮޑުވާކަން ފާހަގަކުރައްވާފައެެވެ. އެގޮތުން ބައިވެރިން ހައްޔަރު ކުރުމާއި، އުޅަނދުތަކަށް ޙަމަލާ ދިނުމަކީ ކަނޑައެޅިގެން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތައްކަން ވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ އިތުރުން، ބްރަޒިލްއާއި، އުރުދުންއާއި، ޕާކިސްތާނާއި، ސްޕެއިންއާއި، ބަންގްލަދޭޝާއި، ކޮލަމްބިއާއާއި، އިންޑޮނޭޝިއާއާއި، ތުރުކީވިލާތާއި އަދި ލީބިޔާއިން ވަނީ މިބަޔާނުގައި ބައިވެރިވެ، އިޒްރާއިލްގެ މި އަމަލު ކުށްވެރިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ