ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ފާއިތުވެދިޔަ ދެ އަހަރު ތެރޭގަ 157 ޖެނެރޭޓަރެއް އެތެރެކޮށް، އެކި ރަށްރަށުގައި ބެހެއްޓިފައިވާނެކަމަށް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ބުނެފިއެވެ.
ސަރުކާރުގެ އެކި މިނިސްޓްރީ ތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ އެއްމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބާއްވަމުންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ، މި 157 ޖެނެރޭޓަރުން 115 މެގަވޮޓްގެ ކަރަންޓް އުފައްދާނެކަމަށެވެ.
މީގެ އިތުރުން އެކި ރަށްރަށުގެ ތަރައްގީއާއެކު އިތުރުވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް މުޅިން އައު 06 އިންޖީނުގެއެއް އިމާރާތް ކުރެވިފައިވާނެކަމަށާއި، އިގްތިސާދީ ކުރިއެރުމާއި، އުމްރާނީ ތަރައްގީ އަދި ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ ސަބަބުން އިތުރުވާނެ ޑިމާންޑަށް ބަލައި، އިތުރު 48 އިންޖީނުގެއެއް އިމާރާތްކުރުމަށް ރޭވިފައިވާކަމަށްވެސް އަހުމަދު އަލީ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން އަހުމަދު އަލީ ވިދާޅުވީ، ދިވެހިރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކި ރަށްރަށުގައި ކުރެވިފައި ހުރި އިންވެސްޓްމަންޓްތަކަކީ، އެވަގުތެއްގައި ހާލަތު އޮތްގޮތަކަށް ބަލައި ކުރެވިފައި ހުރި އިންވެސްޓްމަންޓްތައް ކަމުން، އެކި ރަށްރަށުގައި އެޅިފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯކްތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެ ތެރޭގައި، އަޅާފައިހުރި ކޭބަލް ތަކަކީ އެކި ސައިޒުތަކުގެ އަދި އެކި އުމުރުތަކުގެ ކޭބަލްތަކައްވުން ހިމެނޭކަމަށާއި، މިހެންވުމާއެކު ބައެއް ރަށްރަށުގެ ޑިސްޓްރިބިއުޝަން ލޮސް 20 އިންސައްތައިގައިވެސް ހުންނަކަމަށެވެ.
"އެއްވެސްކަހަލަ ރޭވުންތެރިކަމެއް ނެތި އެކިއިރަށް، އެކި ބޭނުމަކަށް ބަލާފަ ގާއިމްކޮށްފަ ހުރި ސިސްޓަމްތަައް. އެހެންވީމަ ރަށްރަށުގަ މިހުރީ، އެކި ސައިޒުގެ ކޭބަލްތަކާއި، އެކި ސައިޒުގެ ޖެނެރޭޓަރުތައް. ވަރަށް އިންއެފިޝިއެންޓްކޮށް އޮޕަރޭޓްކުރާކަމަށް އަޅުގަނޑުމެން ބެލިބެލުމުންވެސް އަދި ޔޫޓިލިޓީ ކުންފުނިތަކުންވެސް މައުލޫމާތު ދީފައިވޭ. ޑިސްޓްރިބިއުޝަން ލޮސް ބައެއް ރަށްރަށުގައި 20 އިންސައްތައިގައިވެސް އެބަހުރި. އެކަމަކު ގަވާއިދު ތަންދެނީ 5 އިންސައްތަ އާއި ހަމައަށް". އަހުމަދު އަލީ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަހުމަދު އަލީ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެތެރެކުރެވުނު 157 ޖެނެރޭޓަރަކީ، މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށާއި، ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ދިރުއުޅުމުގެ ފެންވަރަށް އަންނަމުންދާ ބަދަލުތަކާއި، އަދި ރަށްރަށުގެ ތަރައްގީއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް ބިނާކޮށް ކުރެވޭ މަސައްކަތްތަކެއްކަމަށްވެސް އަހުމަދު އަލީ ވިދާޅުވެފައިވެއެވެ.
ފާއިތުވެދިޔަ ދެ އަހަރު ތެރޭގަ 157 ޖެނެރޭޓަރެއް އެތެރެކޮށްފަވޭ: އެނާޖީ މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ