ދިވެހިން އަދިވެސް ތިބީ އަމާންކަމަށް އެދިއެދި: އުމަރު

ރާއްޖޭގައި މިއަދު ހުރަވީ ދުވަސް ފާހަގަ ކުރަމުން އަންނައިރު ދިވެހިން އަދިވެސް ތިބީ އަމާންކަމަށް އެދިއެދި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.ހުރަވީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު ވިދާޅުވީ ގާނޫނުތަކުގައި ހުރި ލޯވަޅުތައް ބައްދައި، އަމަލުވާ އެއްޗެހި ބޭނުންކުރުމާއި މީހުން މެރުމާއި ލޫޓުވާ މީހުންނަށް "ބޯދަމައި ނުގަނެވޭ" ވަރަށް، ގާނޫނުތަކުގައި ހުރި "ހިންމިތައް ހިމުން ކުރަން ޖެހޭ" ކަމަށެވެ. އެއާއެކު ކުށުން ބަރީއަވާން ބޭނުންވާ މީހުންނަށް ދިފާއު ވެވޭނެ މަގުތައް ވެސް ގާނޫނުތަކުން ފަހިވާންޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ. "މިކަމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގިނަ މަސައްކަތްތަކެއް މި ސަރުކާރުން މިގެންދަނީ ކުރަމުން. އާ ގާނޫނުލް އުގޫބާތް އެވަނީ މިގޮތަށް ފަރުމާ ކުރެވިފައި. މީގެ އިތުރަށް މޮނިކޮން ބިލް މިހާރު އެވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ މަގުމަތީގައި. މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ފާރަގެމަ އުފައްދައި އެކަމަށް ބޭނުންވާ ކުއްތާތައް މިހާރު އެދަނީ މާލެ ގެނެވެމުން،" މިނިސްޓަރު ވިދާޅުވި އެވެ. ހުރަވީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވާހަކަ ދައްކަވަނީ.---ހަވީރު ފޮޓޯ: ނިޝާން އަލީ އޭނާ ވިދާޅުވި ގޮތުގައި ކުށްކުށަށް އަރައިގަތުމާއި ކުށްކުށަށް އަރައިގަތުމަށް ހިތްވަރު ދިނުމާ ކޮންމެ ދިވެއްސަކު ވެސް ދުރުވާންޖެހެ އެވެ. އުމަރު ވިދާޅުވީ ގާނޫނީ އެހީތެރިކަން ދިނުމުގެ ނަމުގައި، ކުށްކުރާ މީހުންނާ މެދު ބާއްވާ ގުޅުމާ މެދު ވެސް ވިސްނަންޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ. "ގާނޫނުން ރެކިގެން ކުށްކުރާ ގޮތް ބުނެދިނުމަކީ ގާނޫނީ ލަފާދިނުމެއް ނޫން. އަދި އެއީ ގާނޫނީ އެހީތެރިކަން ދޭ ފަރާތްތަކުގެ ވާޖިބެއް ވެސް ނޫން. މިފަދަ ކަންތައްތައް ކުރާ ގާނޫނީ ވަކީލުން މިފަދަ ކަންކަމާ ދުރުހެލިވާން ވެސް އެބަޖެހޭ،" އުމަރު ވިދާޅުވި އެވެ. "ގައުމު އަމާން ކުރެވޭނީ އެންމެންގެ މަސައްކަތުން. އެންމެންގެ އެއްބާރުލުން ލިބިގެން. އެންމެންގެ ގައުމު ކަމުގައި އެންމެން ދެކިގެން."މިނިސްޓަރު ވިދާޅުވި ގޮތުގައި ކުށްކުރުމަށް ހިތްވަރު ނުދޭ އަދި ކުށްކުރުމަށް ނަފުރަތު ކުރާ މުޖުތަމައެއް އުފެދެންޖެހެ އެވެ. އަދި ގާނޫނު "އޭގެ އިންސާފުވެރި ތޫނު ލޮލުން ބަލާލާފައި" ކޮންމެ ފަދަ ކުށްވެރިއެއް ކަމަށް ބުންޏަސް ގާނޫނަށް އިހުތިރާމް ކުރަންޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ. "ސަބަބަކީ އެއީ ރައްޔިތުންނަށްޓަކައި އުފައްދާފައިވާ ރައްޔިތުންގެ ދުސްތޫރު ކަމަށް ވާތީ،" މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ މަލާބާރީންގެ އަތްދަށަށް ރާއްޖެ ދިޔަ ހާދިސާ އަށް ބަލާއިރު އެކަން ދިމާވީ، ދިވެހިންގެ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވެއްދުމުން ކަމަށެވެ. އަދި ދިވެހިންގެ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވަންނަން ފުރުސަތު ނުދިނުމަކީ ޒިންމާދާރު ކޮންމެ ސަރުކާރަކުން ކުރާނެ ކަމެއް ކަން ހުރަވީ ދުވަހުގެ ފިލާވަޅުން ލިބޭ ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިގުތިސޯދީ ގޮތުން ދުނިޔެ ބަވަނަ ވިޔަސް، ސިޔާސީ ގޮތުން ހުރިހާ ގައުމަކުން ވެސް އެ ގައުމެއްގެ އަމިއްލަ ވަންތަކަން ދަމަހައްޓާނެ ކަމަށެވެ. "...އަޅުގަނޑުމެން ބޮނީ އެމެރިކާގެ ކުންފުންޏަކުން އުފައްދާ ކޮކާކޯލާ. އަޅުގަނޑުމެން ކަނީ ބަރުމާގައި އުފައްދާ ހަނޑޫ. އަޅުގަނޑުމެން ލަނީ ތައިލެންޑުގައި އުފައްދާ ހެދުން. ނަމަވެސް ބަދަލު ނާންނަ ހަގީގަތަކީ އަދިވެސް އަޅުގަނޑުމެންގެ ގައިގައި ހިނގަނީ ދިވެހި ލޭކަން. އުފަން ވަނީ މި ފަސްގަނޑަށް ކަން. އަދި މަރުވާން އެދެނީ، މަރުވުމަށް ފަހު ވަޅުލާން އެދެނީ ވެސް މި ފަސްގަނޑުގައިކަން. މިއީ ހަމައެކަނި މި ގައުމުގައި މިކަން ހިނގާ ގޮތެއް ނޫން. އެހެން ގައުމުތަކުގައި ވެސް މިކަން ހިނގަނީ މި ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ. ހުރަވީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ބައެއް ވަޒީރުން.---ހަވީރު ފޮޓޯ: ނިޝާން އަލީ އުމަރު ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް، އެހެން ގައުމުތަކަށް ހުރަސް ނުކުރެވޭނެ ސިޔާސީ ރޮނގުތަކެއް ހުރެ އެވެ. އަދި އެކުވެރި ގައުމުތަކަށް ވެސް ނުވަދެވޭނެ ދޮރުތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މި ދެންނެވި ދޮރުތައް ތަންމިނަށް ހުޅުވައި ނުދޭތީ އެކަމާ ކަންބޮޑުވާ އަހުން އަޅުގަނޑުމެންގެ ތެރޭގައި މިއަދު ވެސް އެބަތިބި. އަހަރެންގެ ފުންނާބު އުސްކަމުން، މީނާ ދުފާއިރު ދުންފަތްގަނޑު ބޮޑުކަމުން ނުވަތަ އޭނާގެ ބަރުދަން ބޮޑުކަމުން، އެމީހަކު ފާޅުގައި އެންމެންގެ ކުރިމަތީގައި ކުރާ ކުށަކަށް ޝަރީއަތް ހިނގައިގެން ނުވާނެ ކަމަށް ވާހަކަ ދެއްކެވޭ ފަހަރު ވެސް އެބައާދޭ. މި ކަހަލަ ހިޔާލު ތަފާތުވާ ދަނޑިވަޅުތަކުގައި ބޭރުގެ އެހީތެރިކަމަށް އެދި ގޮވާ އަޑު އެބައިވޭ،" އުމަރު ވިދާޅުވި އެވެ. ހުރަވީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގަތެވެ. އެކަމަކު ރައީސް ޔާމީން ވާހަކަފުޅެއް ނުދައްކަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ