ކުރީގެ ކޯލިޝަންތައް ރޫޅިގެންދިޔައީ ޖޭޕީގެ އެއްވެސް މައްސަލައެއް އޮވެގެނެއްނޫން: ގާސިމް

ކުރީގެ ކޯލިޝަންތައް ރޫޅިގެންދިޔައީ ޖުމްހޫރީ ޕާޓީގެ އެއްވެސް މައްސަލައެއް އޮވެގެނެއްނޫންކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ، މިއަދު ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގައި ކަންކަން ވެގެންދިޔަގޮތް ދިވެހި ހުރިހާ ރައްޔިތުންނަށް ފެންނާނެކަމަށެވެ. ޖޭޕީން ކޮންމެ ފަހަރަކުވެސް އިންތިހާބުގައި ބައިވެރިވެ، އެއްވަނަ ބުރުން ނާކާމިޔާބުވުމުން ކޮންމެވެސް އެއް ޕާޓީއަކާއެކު ކޯލިޝަން ހަދާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، ކޮންމެ ފަހަރަކުވެސް ވެރިކަން ލިބެނީ ޖޭޕީ ކޯލިޝަން ހަދާ ޕާޓީއަށްކަމަށެވެ.
އެހެންމަވެސް ވެރިކަން ލިބުމަށްފަހު، ކޮންމެ ފަހަރަކުވެސް ކޯލިޝަން ރޫޅެނީ ޖޭޕީގެ އެއްވެސް މައްސަލައެއް އޮވެގެން ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ފަރާތުން، އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ ނިކަމެތިކަމެއް ލިބޭވަރު ކަމެއް ކޮށްފައިނުވާނެކަމަށެވެ. ޕާޓީއަށާއި، އެމަނިކުފާނުގެ އަމިއްލަ ހަށިކޮޅަށާއި މުދަލަށް އެހެން މީހުން ގެއްލުންދޭކަމަށާއި، އެހެންނަމެވެސް އެއްވެސް މީހަކާއި ޒާތީވުމެއް ނެތި މަސައްކަތްކޮށްފައިވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށާއި، ތަނަވަސްކަން ހޯދައިދިނުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ، އަމިއްލަ އެދުމަށްވުރެ މުޖުތަމައުގެ މަސްލަހަތަށްޓަކައި މަސައްކަތްކުރާ މީހެއްކަމަށާއި، އެކަން ހުރިހާ ރައްޔިތުންނަށްވެސް އެނގޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ