މޫސުން ގޯސްވެ ދެކުނަށް އިންޒާރު ނެރެފި

ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން އިންޒާރު ނެރެފައިވަނީ ލ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަޙައްދަށެވެ. މި ސަރަޙައްދަށް މުސުމާއި ބެހޭ އިދާރާއިން ނެރެފައި ވަނީ ހުދު އިންޒާރެވެ.
މިރޭ 22:00 އިން ދަންވަރު 02:00 އާއި ހަމައަށް މި ސަރަޙައްދަށް ހުދު އިންޒާރު ނެރެފައިވާއިރު، މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، އިންޒާރުގެ ވަގުތުގައި މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި ދެކުނުގެ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް ވިއްސާރަވެފައި ވާއިރު، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވެފައި ވެއެވެ. މީގެ އިތުރުން މިރޭ އައްޑޫ ސިޓީ ހިތަދޫއަށް އާދަޔާ ޚިލާފަށް ވައިގަދަވެ، ގެއެއްގައި ހުރި ބަނބުކެޔޮ ގަހެއް ވަނީ އެގޭގެ ފުރާޅުމައްޗަށް އަރިއަޅާލާފައެވެ.
މޫސުން ކުރިޔަށް ލަފާކުރާ ގޮތް ހާމަކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ވިދާޅުވެފައި ވަނީ، ކުރިޔަށް އޮތް ވަގުތުތަކުގައި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، މި ސަރަޙައްދުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާއި ބެހޭ އިދާރާއިން މިރޭ ވިދާޅުވެފައިވާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.
މޫސުމާ ގުޅިގެން ނެރޭ އިންޒާރުތައް:
ހުދު އިންޒާރު: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ރީނދޫ އިންޒާރު: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
ރަތް އިންޒާރު: މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
ފެހި އިންޒާރު: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ