މިހާތަނަށް ވެސް ކެތްތެރިކަމާ އެކު ސާބިތުވެ ހުންނެވި ހަމައެކަނި ކެންޑިޑޭޓަކީ މައުމޫން: މިނިސްޓަރު ނަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެތައް ބައެއްގެ ހަޅޭއްކުގެ އަޑަށް ކެތްތެރިކަމާ އެކު މިހާތަނަށް ވެސް ސާބިތުވެ ހުންނެވި އަދި ދިވެހިންނާ އެކު އުޅުއްވި ހަމައެކަނި ކެންޑިޑޭޓަކީ ރައީސް އަދި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމް ކަމަށް ލީގަލް ރިފޯމް މިނިސްޓަރު އަލްއުސްތާޒު މުހަންމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ޑީއާރުޕީގެ ދެ ޖަގަހައެއް ހުޅުއްވައިދެއްވުމަށް ފަހު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެ އަށް އިސްލާހު ނުގެނެވޭނެ ކަމަށާއި އެއް ޕާޓީ އަށް ވުރެ ގިނަ ޕާޓީން ވާދަކުރާ އިންތިހާބެއް ވެސް ނުބޭއްވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރިން ބުނެފައިވިޔަސް އެފުރުސަތު މިއަދު ލިބިފައި މިވަނީ މައުމޫން އެފުރުސަތު ދެއްވުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ނުގެނެވޭނެ ކަމަށް ބުނި ހުރިހާ ބަދަލެއް ރައީސް މައުމޫނު ގެނެސްދެއްވައިފިއޭ. އަޅުގަނޑުމެންގެ ގާނޫނު އަސާސީ އިސްލާހުވެ އިންސާނީ ހައްގުތަކުގެ އާ ޒަމާނަކަށް މިތިބީ ހޭލާ. ރައްޔިތުންގެ މަޖިލިސް މިހާރު އެވަނީ މިނިވަން މަޖިލީހަކަށް ބަދަލުވެ، ފޯރިގަދަ ބަހުސްތަކެއް ހިނގާ ތަނަކަށް ބަދަލުވެފައި،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ އަށް އިސްލާހުތައް ނުގެނެވޭނެ ކަމަށް ބަޔަކު ވާހަކަ ދައްކަމުން ގެންދަނިކޮށް ނުގުޑާ ފަދަ އަޒުމެއްގައި ހުންނަވައިގެން މައުމޫން އެކަން ކޮށްދެއްވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައު ގާނޫނު އަސާސީގެ ދަށުން ރާއްޖެ އަށް އިސްލާހުތަކެއް އަތުވެއްޖެ ކަމަށާއި އެގާނޫނު އަސާސީގެ ބޭރުން ރާއްޖެ އަށް ގެނެވޭނެ އައު އިސްލާހެއް ނެތް ކަމަށެވެ. އަދި އެއީ ދިވެހިން ދެކެން ބޭނުއްވި ހުރިހާ ހުވަފެންތަކަށް މަގު ކޮށައިދޭ، ދިވެހިން ދަތުރުކުރަން ބޭނުންވި ހުރިހާ މިސްރާބުތަކަށް ވާސިލްކޮށްދޭނެ ޒަމާނީ ޑިމޮކްރެޓިކް މުޖުތަމައުއެއް އެކަށައަޅައިދޭ ގާނޫނު އަސާސީއެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ހަތެއް އޮގަސްޓުގައި ރައީސް ތަސްދީގު އެކުރެއްވި ގާނޫނު އަސާސީ އަކީ އެގާނޫނު އަސާސީ އައުމަށް ފަހު ރާއްޖޭގައި ދެން އިތުރު އިސްލާހެއް ގެނައުމަށް ބަޔަކު އިންތިހާދުވާންވީ ސަބަބެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ