މީހުން މެރުން ހުއްޓުވޭނީ ގޭންގްތައް ފުނޑުފުނޑުކޮށްލައިގެން: އުމަރު

ރާއްޖޭގައި މީހުން މެރުން ހުއްޓުވޭނީ ގޭންގްތައް ފުނޑުފުނޑުކޮށްލައިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އުމަރު މިހެން ވިދާޅުވީ އޭނާގެ ޕަބްލިކް ވައިބާ ގުރޫޕްގައި މިއަދު އާންމުކުރެއްވި މެސެޖެއްގަ އެވެ.
އުމަރު ވިދާޅުވީ މީހުން މެރުން ހުއްޓުވުމަށްޓަކައި ގޭންގްތައް ފުނޑުފުނޑު ކޮށްލެވޭނީ ގޭންގްތައް ލުހެލުމުގެ ހިތްވަރު ހުރި ސިޔާސީ ލީޑަރުން މަގާމުތަކަށް އިންތިހާބުކޮށްގެން ކަމަށެވެ.
"ފެއިލްވެފައިވާ ސިޔާސީ ލީޑަރުންނަށް ސަނާ ކިޔާ، އެމީހުން އިންތިހާބު ކުރަމުންދާ ނަމަ މީހުން މެރުމަކަށް ނިމުމެއް ނެތެވެ،" އުމަރުގެ މެސެޖުގައިވެ އެވެ.
އުމަރު ވިދާޅުވީ ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދަކީ އެއްވެސް ގޭންގަކުން ހަމަަލާއެއްދީ މަރާލަން ނުވަތަ ވަގަށް ނަގަން ޖެހޭ ވަރުގެ ދުޝްމަން ކަމެއް އޮންނާނެ ބައެއް ނޫން ކަން ކަށަވަރުވާ ކަމަށެވެ. ނަމަވެސް މި ތިން ބޭފުޅުންނަށް ވެސް ހަމަލާދިނީ ގޭންގްތަކުން ކަމާއި މެދު ޝައްކެއް ނެތް ކަަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ގޭންގްތައް ބާރުވެރިވަނީ ސިޔާސީ މީހުން އެމީހުން ލައްވާ އެކިއެކި ކަންކަން ކުރުވާތީ ކަމަށެވެ. ކޮންމެ އިންތިހާބެއް ތެރޭގައި އާއި ސިޔާސީ ހަލަބޮލިކަން ހިނގާ އިރުވެސް މިކަން ވަރަށް ފާޅުކޮށް ފެނިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އެމްއެމްއޭ ކައިރީ ހިންގި 23 ރޭގެ މުޒާހަރާ ތެރެއަށް ގޭންގްތައް ވަދެ ހަމަލާދިނީ ސިޔާސީ މީހުން ފޮނުވީމައެވެ. އަދި މި ސަރުކާރާ ދެކޮޅަށް ހިންގި ބައެއް މުޒަހަރާ ތަކުގެ ތެރެއަށް ގޭންގްތައް ވަނީވެސް ސިޔާސީ މީހުން ފޮނުވީމަ އެވެ.،" އުމަރުގެ ވައިބާ މެސެޖުގައި ގޭންގް ހަރަކާތްތަކަށް ފާޑުވިދާޅުވެ އުމަރު ވިދާޅުވެފައިވެ އެވެ.
އުމަރުގެ ހޯމް މިނިސްޓަރު ކަމުގައި ގޭންގް ހަރަކާތްތައް ހުއްޓުވުމަށް މޮނިކޮން އަމުރު ނެރެގެން މަސައްކަތްތަކެއް ކުރަމުން ގެންދަނިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ އުމަރުގެ އަތްޕުޅުން އެ ބާރު ނަންގަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ