ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުން ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ރައީސް މައުމޫން އެއް އަހަރާ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ސަބިތުވުމުންނެވެ.
ރައީސް މައުމޫންގެ މައްޗަށް މި ދައުވާ އުފުލީ މިއަަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް މައުމޫން ހައްޔަރުކޮށް އެމަނިކުފާނުގެ ފޯނު ފުލުހުންނަށް ދިނުމަށް އެދުމުން އެކަމަށް ދެކޮޅު ހެއްދެވި ކަމަށް ބުނެ އެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރި މިމައްސަލާގައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ރައީސް މައުމޫން ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމުގައި އަމަލުކުރި އިޖުރާއަތް ގޯސް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގައި މިމައްސަލަ ކުރިއަށް ގެންދިޔައީ ޖިނާއީ އިޖުރައާތުގެ ގާނޫނާ ހިލާފަށް ކަމަށްވެސް ހުކުމްގައިވެ އެވެ.
މިމައްސަލަ ދަށު ކޯޓުން ކުރިއަށް ގެންދިޔަ އިރު ޝަރީއަތް ހިންގުމުގެ އިޖުރައާތުތައް ގޯސް ކަމަށް ދައުލަތުން ހައިކޯޓުގައި މީގެ ކުރިން ވަނީ އެއްބަސްވެސް ވެފަ އެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ރައީސް މައުމޫންގެ މައްޗަށް ކުރިމިނަލް ކޯޓުން ސާބިތު ކޮށްފައިވާ ކުށަކީ ކުށެއް ނޫން ކަމަށާ، އެކުށް ސާބިތު ކުރުމަށް ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ. ޖިނާއީ އިޖުރައަތު ގާނޫނުގައި ވަކިގޮތަކަށް ކުރަން ޖެހޭ ކަންތައްތަކެއް އަވަސް އަރުވާލައިގެން ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާ ފޯނެއް ނުދީގެން ދައުވާ ކުރިއިރު ރައީސް މައުމޫން ފޯނެއް ގެންގުޅުއްވި ކަން ދައުލަތައް ސާބިތު ކޮށްދެވިފައި ނުވާ ކަމަށްވެސް ހުކުމްގައިވެ އެވެ.
ޝަރީއަތުގެ މަޖިލީހަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ ގާނޫނީ ޓީމުގައި ހިމެނޭ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމްގައި ހުރި މައްސަލަތައް ހައިކޯޓުގައި ފާހަގަކުރެއްވުމުން ހައިކޯޓުން އިއްވާފައިވާ ހުކުމްގައި ރައީސް މައުމޫންގެ މައްސަލާގައި ޖިނާއީ އިޖުރައާތުގެ ގާނޫނުގައިވާ ގޮތަށް ދައުލަތުގެ ފަރާތުންނާއި ދަށުން ކޯޓުން އަމަލުކޮށްފައި ނުވާ ކަން ވަރަށް ސާފުކޮށް ބުނެފައިވާ ކަަމަށެވެ. އެކަންކަމަށް ޕީޖީގެ ވަކީލުންވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝަމީމު ވިދާޅުވީ ދަށު ކޯޓު މަރުހަލާގައި ރައީސް މައުމޫން ވަކީލަކަށް އެދިވަޑައިގެންފައިވާއިރު ވަކީލެއްގެ ފުރުސަތު ނުދީ މައްސަލަ ނިންމާފައިވާ ކަން ހައިކޯޓުގެ ހުކުމްގައި ފާަހަގަކޮށްފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ރައީސް މައުމޫންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުވެސް ހިމެނޭގޮތަށް އިއްވި ހުކުމެވެ. ނަމަވެސް ހައިކޯޓުން މިއަދު ބާތިލްކުރީ މިހުކުމްގައިވާ ރައީސް މައުމޫނާ ގުޅޭ ބައިތައް އެކަންޏެވެ. ހައިކޯޓުގެ ހުކުމްގައި ވަނީ ދީނީ ނަސޭހަތް ދިނުމަށް ސަރުކާރުން ރައީސް މައުމޫނަށް ދީފައިވާ ހުއްދަ ކްރިމިނަލް ކޯޓުގެ ހުކުމްގައި ހިފަހައްޓާފައިވާތީ ކޯޓުގެ އެ ނިންމުންވެސް ބާތިލްކޮށްފަ އެވެ.
ރައީސް މައޫމޫންގެ ގާނޫނީ ޓީމުގައި ހިމެނޭ މުހައްމަދު ފައިސަލް ވިދާޅުވީ ކޮންމެ މީހަކީވެސް އެމީހެއްގެ ޒާތުގައި ކުށުން ބަރީއަ ވެގެންވާ މީހެއް ކަމަށާ މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރާނަމަ ކުށް ސާބިތު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި ކުށެއް ސާބިތުވެއްޖެ ކަމަށް ކަނޑައެޅޭނީ ދައުލަތުންވެސް ޒިންމާ ނަގައިގެންކަން މިއަދުގެ ހުކުމުން އެނގިގެން ހިނގައްްޖެ ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ރައީސް މައުމޫންގެ މައްސަލަ ދަށު ކޯޓުގައި ފަށައިގެން ކުރިއަށް ގެންގޮސް ހުކުމްކުރީ ގާނޫނުއަސާސީއާއި ގާނޫނު ތަކާއި ހިލާފަށް ކަމަށްވެސް ހައިކޯޓުގެ ހުކުމުން އެނގިގެންދާ ކަމަށެވެެ.
ހައިކޯޓުގެ މިހުކުމްގައި ބުނެފައިވަނީ ގާނޫނީ ވަކީލުންނާއެކު ދައުވާއިން ދިފާއުވުމަށް ރައީސް މައުމޫނަށް އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އަދި އަވަސް އަރުވާަލައިގެން އަޑުއެހުންތައް ބާއްވާ ހުލާސާ ބަޔާން އިއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުކުމް އިއްވާފައިވާ ކަންވެސް ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ އިތުރަށް ރައީސް މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ.
ރައީސް މައުމޫން ހައްޔަރުކޮށް ދައުވާ އުފުލީ މިއަަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުކުރުމަށްފަހު އެވެ.
ރައީސް މައުމޫން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ