މަޖިލީހުން މިހާރު ކުރަމުން ގެންދާ ކަންތައްތައް ރައްޔިތުން ބަލައި ނުގަނެ - ޔާމީން

ރައްޔިތުންގެ މަޖިލީހުން މިހާރު ކުރަމުން ގެންދާ ކަންތައްތައް ރައްޔިތުން ބަލައި ނުގަންނަ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ
މާފަންނު އިއްޒުއްދީން މަގުގައި ހުންނަ ޕީޕީއެމްގެ ކެމްޕެއިން ޖަގަހައިގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މިހާރު އެމްޑީޕީ އަށް ލިބުމާ އެކު އެ ޕާޓީގެ ތެރޭގައި ތިބި ކުށުގެ ތުހުމަތު ކުރެވޭ މެމްބަރުންނަށް ފައިދާވާނެ ގޮތަށް ކަންކަން ބަދަލުކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވަނީ މައްސަލަތައް ހައްލުކުރުމަށެވެ.
މަޖިލިހުގެ މެމްބަރަކަށް އަދަބެއް ލިބޭ ކޮންމެ ފަހަރަކު ގާނޫނުގެ ހުކުމް ނުހިނގައި، އާއްމު ރައްޔިތުންނަށް އަދަބު ލިބޭ ނަމަ ރާއްޖޭގައި ސުލޫކީ މައްސަލަތައް އިތުރުވާނެ ކަން ޔާމީން ފާހަގަކުރެއްވި އެވެ. އަދި އޭނާ ވިދާޅުވީ އެފަދަ ބަޔަކު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންނަށް މިސާލު ދައްކަން ތިބެގެން މައްސަލަތައް ހައްލެއް ނުވާނެ ކަމަށެވެ.
ރާއްޖެއަކީ ޒަމާނުއްސުރެ ވެސް އަހުވަންތަ ބައެއް ދިރިއުޅެމުންދާ ތަނެއް ކަމަށާއި އެކަން އެގޮތުގައި ދެމެހެއްޓުމަށް ހުރިހާ އެންމެން ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ . އެގޮތުން، ސިޔާސީ ހަރާކާތް ހިންގާނެ ޖާގަ ހުރިހާ ފަރާތްތަކަށް ވެސް ލިބެން ޖެހޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
އިންތިޚާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް މިމަހުގެ ނުވަ ވަނަ ދުވަހު އިންތިޚާބު ނުބޭއްވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގ ބައެއް މީޑިއާ ތަކުގައި ވިދާޅުވެފައިވާތީ އެކަމަށް ވެސް ޔާމީން ފާޑުވިދާޅުވި އެވެ.
ރޭގެ ވާހަކައިގައި ޔާމީން ވަނީ އޭނާ އާއެކު އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދަށާއި ޖުމްހޫރީ ގުޅުމުގެ ގާސިމް އިބްރާހިމް އަށް އާއްމު ބަހުސަކަށް ވަޑައިގަތުމަށް ގޮވާލައްވައިފަ އެވެ.
އެގޮތުން، ޔާމީން ވިދާޅުވީ ކޮންމެ ކެންޑިޑޭޓަކަށް ވެސް އެބޭފުޅެއްގެ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކުރެވޭނެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި އެ ސިޔާސަތުތަކާ މެދު އެންމެ ފަހު ބަސް ބުނާނީ މިމަހުގެ ނުވައެއްގައި ބާއްވާ އިންތިޚާބުގައި ރައްޔިތުން ލާ ވޯޓުން ކަމަށެވެ.
ޔާމީން ވިދާޅުވީ ފެންވަރު ރަނގަޅު ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ލިބޭ މުސާރަ އާއި ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ރަނގަޅު ކަމަށެވެ. ނަމަވެސް، ތަރީގެ ފެންވަރު ނުޖެހޭ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންނަށް ލިބެނީ ވަރަށް ކުޑަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ބޮޑު ބައެއް ހިއްސާކުރަނީ ޒުވާނުން ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ އެ ފަރާތްތަކަށް ލިބޭ އާމްދަނީ ގުޅިފައިވަނީ ޒުވާނުންގެ ތަރައްގީއާ ކަމަށެވެ.
ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ސާވިސް ޗާޖުގެ ގޮތުގައި ލިބެނީ ވަރަށް މަދު އަދަދެއް ކަމަށާއި ޕީޕީއެމްގެ ސަރުކާރެއްގައި ރިސޯޓުތައް ހިންގާ ފަރާތްތަކާ މަޝްވަރާކޮށްގެން އެކަން ހައްލުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވ
ޕީޕީއެމުން ވެރިކަމަށް އަންނަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަތައް އެނގި، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ރައީސްކަމުގެ މަގާމާ ހަވާލު ވާން މަސައްކަތްކުރަނީ އެ ކަންތައްތައް ހައްލުކުރެވޭނެ އިލްމީ ތަޖުރިބާ އާއި ގާބިލްކަމާ އެކީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ