އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ ހެދުނު ގޯހެއް - ނަޝީދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރެއްވުމަކީ ހެއްދެވުނު ގޯހެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއުތިރާފުވެވަޑައިގެންފިއެވެ.
ދެކުނު ކޮރެޔާގައި އޮތް އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގެން މިއަދު ހެނދުނު ނޫސްވެރިންނާ ބައްދަލުވުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި 2011 ވަނަ އަހަރުގެ ތެރޭގައި އަބްދުﷲ ގާޒީ ހައްޔަރު ކުރެވުނީ، އެގާޒީ މައްސަލައެއްގައި ނިންމެވި ނިންމެވުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އޭރުގެ ޑިފެންސް މިނިސްޓްރީއިން އެރުވި ލަފާއެއްގެ މަތިން ކަމަށެވެ.
"އަޅުގަނޑުގެ ސަރުކާރުގައި އަބްދުﷲ މުހައްމަދު ނިންމެވި ނިންމެވުކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައި އޭރުގެ ދައުލަތުގެ ބޭފުޅުން ހާއްސަކޮށް މިނިސްޓްރީ އޮފް ޑިފެންސުން ދެކިވަޑައިގެންނެވި. އެއީ [ގާޒީ ހައްޔަރު ކުރުމަކީ] އަޅުގަނޑު ދެކޭ ގޮތުގައި ގޯހެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ތިނަދޫގެ މައްސަލަތައް ކްރިމިނަލް ކޯޓުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާލާފައި ކަމަށާއި، ނަމަވެސް އަލުން އަނބުރާ ކޯޓަށް މިމައްސަލަ ފޮނުވުމަކީ ޤާނޫނީ ނިޒާމަށާއި ކޯޓުގެ ހުރުމަތަށް އިހްތިރާމް ނުކުރެވޭކަން ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
"އަބްދުﷲ މުހައްމަދު ނިންމަވާފައި އެވަނީ އެއީ ބާޠިލު މައްސަލައެއްގެ ގޮތުގައި. ދެން ޕީޖީ ކުއްލިއަކަށް ނިކުންނަވައި އެބޭފުޅާގެ މޭޒުމައްޗަށް ދަުލަތުގެ އާރާއި ބާރު ބޭނުންކުރައްވައިގެން ފޮނުއްވީމާ އަޅުގަނޑު ދެކޭގޮތުގައި އެއީ ޤާނޫނީ ނިޒާމަށް ހުރުމަތް [ކުރުމެއް ނޫން]"
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އަބްދުﷲ ގާޒީ ކަންކަން ނިންމަވަނީ ވަރަށް ފުންކޮށް ވިސްނަވާފައި ކަމަށް މިހާރު ޤަބޫލުކުރައްވާ ކަމަށާއި، އަބްދުﷲ ގާޒީ ނިންމަވާ ކަންކަމަށް ސިޔާސީ ބޭފުޅުން ކުއްލި ހަރަކާތް ގެނައުމަކީ ބުއްދިވެރި ގޮތެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު މީގައި ދަންނަވާލަން ބޭނުން އެނގިވަޑައިގަންނަވާނެ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދަކީ ވަރަށް ފުންކޮށް ކަންކަމުގައި ވިސްނަވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑު މިހާރު ދެކެނީ. އެބޭފުޅާ ނިންމަވާ ނިންމުންތަކަށް ސިޔާސީ ބޭފުޅުން ކުއްލި ހަރަކާތް ގެނައުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން ވަނީ، ފެބްރުއަރީ 8 ވަނަ ދުވަހު ގދ.ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ހެކިން ހާޒިރުކުރުމަށް ހުށަހަޅައި ތާވަލު ކުރި އަޑުއެހުމަށް، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުން ހާޒިރު ނުވުމުގެ ސަބަބުން އެމައްސަލަ އަނބުރާ ފޮނުވާލާފައެވެ.
ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން ވަނީ 89 މީހުންގެ މައްޗަށް ދަޢުވާ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ