މެރިޓައިމް ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންގެ ހައްގުތައް ހިމާޔަތް ކުރުމާ ބެހޭ ބައިނަލް އަގުވާމީ އެއްބަސްވުން، މެރިޓައިމް ލޭބާ ކޮންވެންޝަން ގައި މިއަދު ރާއްޖެއިން ސޮއިކޮށްފި އެވެ.
ދުނިޔޭގެ މެރިޓައިމް ދުވަހުގެ މުނާސަބަތުގައި މިއަދު ސްޓެލްކޯގައި ބޭއްވި ހާއްސަ ހަފްލާގައި، އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ކޮންވެންޝަނުގައި ބައިވެރިވުމުން ބޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި ސީމަނުންގެ ހައްގުތައް ހިމާޔަތްކުރެވިގެން ދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ކޮންވެންޝަނުގެ ސަބަބުން ބޯޓު ފަހަރުގައި މަސައްކަތް ކުރުމަށް ބޭނުންވެފައި ތިބި ޒުވާނުންނަށް ވަޒިފާގެ ފުރުސަތުތައް ހޯދައިދިނުމަށްވެސް ފަސޭހަވެގެން ދާނެ ކަމަށެވެ.
އަދި ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް ގިނަ ރޭވުނެތަކެއް ރާވަަމުންދާ މި ދަނޑިވަޅުގައި މެރިޓައިމްގެ ދާއިރާ ހުޅުވާލުމަށާއި ވިޔަފާރިއާއި މަސައްކަތުގެ ގިނަ ފުރުސަތުތަކެއް ހުޅުވާލުމަށް ކޮންވެންޝަނުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
“އޭގެ ތެރޭގައި ބޯޓުފަހަރުގައި މަސައްކަތް ކުރާ މީހުންގެ މަސައްކަތުގެ މާހައުލުން ރައްކާތެރިކަމާއި ވަޒީފާގެ އެއްބަސްވުމަކީ ރަނގަޅު އެއްބަސްވުމަކަށް ވާން ޖެހޭ ކަމުގެ ހައްގާއި ރަނގަޅު މާހައުލެއްގައި އުޅުމާއި ނިދުމުގެ ކަންކަން ހަމަޖައްސަން ޖެހޭ ކަމުގެ ހައްގާއި ބޭސް ފަރުވާއާއި ސޯޝަލް ސެކިއުރިޓީ، ކޮންވެންޝަނާ އެއްގޮތަށް ދިނުމުގެ މަގު ފަހިވެގެންދާނެ،” މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފަހަކަށް އައިސް ދިވެހި ސީމަނުންގެ އަދަދު ވަރަށް މަދުވެފައިވާ ކަމަށާއި އެގޮތުން މިހާރު ސީމަނުންގެ ގޮތުގައި އުޅެނީ ގާތްގަނޑަކަށް 400 އެއްހާ ދިވެހިން ކަމަށެވެ.
“މިއަދަދު އެތަށް ގުނަ އަކަށް އިތުރު ކުރެވެން އެބަ ޖެހޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާގެ މާކެޓުގައި ވިހި ނުވަތަ ފަންސަވީސް ހާސް އޮފިސަރުންގެ ޝޯޓޭޖެއް މިވަގުތުވެސް އެބަ އުޅޭ. މި ޝޯޓޭޖެ ފިލް ކުރަން އަޅުގަނޑުމެންގެ ދިވެހި ޒުވާނުން ތަމްރީން ކޮށް މާކެޓު ކުރުމަކީ މިވަގުތު މެރިޓައިމް ދާއިރާއަށް އެންމެ މުހިއްމުކަން ދޭންވީ އެއް ކަން،” މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މެރިޓައިމް ލޭބާ ކޮންވެންޝަނަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރު ކަމަށެވެ.
މެރިޓައިމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރާ އެއްބަސްވުމުގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ