ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި އިސްލާހު ބަލައިގެންފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފިއެވެ.
ސްޕްރީމު ކޯޓުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ބަދަލުގައި ފަސް ފަނޑިޔާރުން ބޭތިއްބުމަށް ކޯޓުތަކާއި ބެހޭ ގާނޫނަށް މިއިސްލާހު ހުށަހަޅާފައިވަނީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.
މި ބިލު ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 43 މެންބަރުން ވޯޓުދެއްވީ އިސްލާހު ބަލައިގަތުމަށެވެ. އަދި އެ ބިލް ފާސް ކުރުމާ ދެކޮޅަށް 22 މެމްބަރުން ވޯޓު ދެއްވިއެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވާ ހަތް ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަހްމަދު މުއުތަސިމެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ޝަރީފް ހުށަހެޅުއްވި އިސްލާހަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މީގެކުރިން ފާސްކޮށްފައިވާއިރު މި އިސްލާހަށް ތާއީދުކުރުމާއި ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ވަކި ގޮތެއް ނުނިންމައެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ޕީޕީއެމް މެންބަރުން ވަނީ މި އިސްލާހަށް ތާއީދުކޮށް ވާހަކަދައްކަވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އެއީ ޕީޕީއެމުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ.
ނަޝީދު މިހެން ވިދާޅުވިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މީގެކުރިން ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ