ގާޒީ ޝުޖޫންގެ ހިދުމަތުގެ އަގު ވަޒަންކޮށްފި
ސިވިލް ކޯޓުގެ ގާޒީގެ މަގާމުން އާއިޝާ ޝުޖޫން މުހައްމަދު އިސްތިއުފާ ދެއްވާފައިވާތީ އޭނާގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ހަފްލާއެއް އެ ކޯޓުގައި ބާއްވައިފި އެވެ. ސިވިލް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ވޭތުވެދިޔަ ހަތް އަހަރު އެ ކޯޓުގައި މަސައްކަތްކުރައްވާފައިވާ ރާއްޖޭގެ ފުރަތަމަ އަންހެން ފަނޑިޔާރު ގާޒީއެއްގެ ގޮތުގަ އާއި އެކި ފަހަރުމަތިން، ދިގު މުއްދަތެއްގައި ކޯޓު ހިންގަވާ ގާޒީއެއްގެ ގޮތުގައި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ކޯޓުގެ ފަރާތުން އޭނާ އަށް ވަނީ އަރުވާފަ އެވެ. މި ހަފުލާގައި ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ހުސައިނާއި އެ ކޯޓުގެ އެހެން ގާޒީންނާއި ބައެއް މުވައްޒަފުން ޝުޖޫނާ މެދު އެބޭފުޅުންގެ ޝުއޫރުތައް ފާޅުކުރެއްވި އިރު ޝުޖޫން ވެސް ވާހަކަދެއްކެވި ކަމަށް އެ ބަޔާނުގައިވެ އެވެ. ޝުޖޫން އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައި ނުވާ އިރު ސިވިލް ކޯޓުގެ ބަޔާނުގައި ވެސް އެކަމާ ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ. ޝުޖޫން ދައުލަތަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 1997 ގަ އެވެ. އަދި މަދަނީ ކޯޓުގެ ގާޒީކަން ލިބިވަޑައިގަތީ 2007 ގަ އެވެ. ސިވިލް ކޯޓުން ބުނިގޮތުގައި ކިޔަވާވިދާޅުވުމަށްޓަކައި ފެބްރުއަރީ 2008 އިން ޖެނުއަރީ 2009 އާ ހަމައަށް ޝުޖޫން އުޅުއްވީ ރާއްޖެ އިން ބޭރުގަ އެވެ. ނަމަވެސް އެނބުރި ވަޑައިގަތް މަހުގައި ދެވަނަ ފަހަރަށް މަދަނީ ކޯޓުގެ ގާޒީގެ މަގާމަށް އޭނާ އައްޔަންކުރި އެވެ. އޭގެ ފަހުން މެދުކެނޑުމެއްނެތި މަދަނީ ކޯޓުގައި، އަދި ސިވިލް ކޯޓު އުފެދުމުން ސިވިލް ކޯޓުގައި ޝުޖޫން މަސައްކަތްކުރެއްވި އެވެ. އެ ކޯޓުގެ ގާޒީކަމުން ޝުޖޫން އިއްޔެ އިސްތިއުފާ ދެއްވި އިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އޭނާ ހިލާފު ވެފައިވޭތޯ ބަލަން ޖޭއެސްސީން މިދިޔަ ފެބްރުއަރީ މަހު ފެށި އެވެ. އެއީ، ރިޝްވަތުގެ ގޮތުގައި މީހަކު އޭނާ އަށް ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ވިދާޅުވުމާ ގުޅިގެންނެވެ. އެހެން ނަމަވެސް، އެ މައްސަލަ ގޮސްފައިވާ ހިސާބެއް ޖޭއެސްސީން ފަހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި ޝުޖޫންގެ އިސްތިއުފާއާ މި މައްސަލައާ ގުޅުމެއް އޮތް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެނގިފައެއް ނުވެ އެވެ. މޯލްޑިވްސް ޑީޓެއިނީ ނެޓްވޯކްގެ ފައުންޑަ މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޝުޖޫން ގެންދަވަނީ، އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ އދ.ގެ ސަބް-ކޮމެޓީ (އެސްޕީޓީ)ގައި ރާއްޖެ ތަމްސީލް ކުރައްވަމުންނެވެ. އެކި ގައުމުތަކުގައި ހިންގާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާއި ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވޭނެ ގޮތެއް ގާއިމް ކުރުމަށް މަސައްކަތް ކުރާ އެ ކޮމެޓީގައި އޭނާ މަސައްކަތް ކުރައްވާ މިއީ ދެވަނަ ދައުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ