ހެލްތު މިނިސްޓަރުކަމަށް ޑރ. ޖަމްޝީދުގެ ނަން ހުށަހެޅީ އަޅުގަނޑު: ގާސިމް
ހެލްތު މިނިސްޓަރުކަމަށް ޑރ. އަހުމަދު ޖަމްޝީދު އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް މުހައްމަދު ވަހީދަށް ނަން ހުށަހެޅުއްވުމުން ކަމަށް ގާސިމް މިރޭ ވިދާޅުވެއްޖެ އެވެ. ހެލްތު މިނިިސްޓަރު ކަމުގެ މަގާމަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ކަމަށް އެ ޕާޓީން ބުނަމުންދާ މައްސަލަ ހޫނުވެފައިވާއިރު، "ހަވީރު" ން ކުރި ސުވާލެއްގެ ޖަވާބުގައި ގާސިމް ވިދާޅުވީ އެ މަގާމަށް ޑރ. ޖަމްޝީދު އައްޔަން ކުރައްވާފައިވަނީ "އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި އެސްއެމްއެސްއަކުން" ކަމަށެވެ. "އަޅުގަނޑު އެ އެސްއެމްއެސް ]ރައީސް ވަހީދަށް[ ފޮނުވީ ޑޮކްޓަރުންތަކެއްގެ މަޝްވަރާގެ މަތިން. އަޅުގަނޑުގެ ރައްޓެހި ބޭފުޅަކު ފޮނުވި އެސްއެމްއެސްގައި އޮންނަނީ އެ ބޭފުޅާ ]ޑރ. ޖަމްޝީދު[ އަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށް. އެ އެސްއެމްއެސް އަޅުގަނޑު ފޯވާޑްކޮށްލީ އަށެއް ފެބްރުއަރީގައި ރައީސް ވަހީދަށް،" ޖުމްހޫރީ ޕާޓީއަށް ގދ. ތިނަދޫން ސޮއިކުރި 270 މީހުންގެ ފޯމް ހަވާލުކުރުމަށް އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި "ހަވީރު"ން ކުރި ސުވާލެއްގެ ޖަވާބުގައި ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހެލްތު މިނިސްޓަރުކަމުގެ މަގާމުން ޑރ. ޖަމްޝީދު ވަކިކުރުމަށް ރައީސް ވަހީދަށް ހުށަހެޅުމާ މެދު ޕާޓީގެ ކައުންސިލުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ޑރ. ޖަމްޝީދަށް ރުހުން ދިނުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީން ތްރީ ލައިން ވިޕް ނެރުނީ އޭނާއަށް ރުހުން ނުދިނުމަށެވެ. މިރޭ "ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމްޝީދު ވިދާޅުވެފައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި މަގާމު ދިފާއު ކުރުމަށްޓަކައި ޕާޓީއަކާ ގުޅުމުގެ ސިޔާސަތު ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. ގާސިމް ވިދާޅުވީ ޑރ. ޖަމްޝީދު އެއްވެސް ޕާޓީއަކާ ގުޅިވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވި ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. "]ޕާޓީއަކާ[ ގުޅިވަޑައިނުގަންނަވާނެ ކަމަށް ]ޑރ. ޖަމްޝީދު[ ވިދާޅުވާނީ ވިސްނުންފުޅު އެގޮތަށް ހުންނެވީމަ. އަޅުގަނޑުމެންގެ ގައުމީ މަޖިލީހުން ދެން އެކަމާ އަޅާނެ ފިޔަވަޅެއް ނިންމާނީ،" ގާސިމް ވިދާޅުވި އެވެ. އަދި ގާސިމް ވިދާޅުވީ އެ މައްސަލައާ މެދު ޕާޓީގެ ކައުންސިލުން ނިންމާ ގޮތަކަށް ކުރިޔަށް ދާން ޖެހޭނެ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވީ ޕާޓީގެ ކައުންސިލުން ނިންމާ ނިންމުމެއް ނިންމާނީ ގައުމީ ހިންގާ ކޮމިޓީގައި މަޝްވަރާކޮށްގެން ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ވެސް އެކަމާ ބެހޭ ގޮތުން އޮތީ ސްޓޭންޑެއް ނެގިފައި ކަމަށް އޭނާ ވިދާޅުވި އެވެ. ޑީޑީ ވިދާޅުވީ ހެލްތު މިނިސްޓަރުކަމުގެ މަގާމަށް އޭނާ ވަޑައިގަތުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ނަމަވެސް ގައުމަށާއި ޕާޓީއަށް ހިދުމަތްކޮށް ދިނުމަށް އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. ހެލްތު މިނިސްޓަރުކަމަށް ޑރ. ޑީޑީ އައްޔަން ކުރެއްވުމަށް ރައީސް ވަހީދަށް ދެންނެވުމަށް، މިދިޔަ މަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށަހަޅާފައިވެ އެވެ. އެކަމަކު އެކަމާ މެދު ވަކި ގޮތެއް އަދި ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ