އިންޓަ ސްކޫލް ފުޓްބޯޅާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ހިންގާ ސްކޫލްތަކާއި މަދަރުސާ އަދި ކޮލެޖް ފެންވަރުގެ ތަންތަނަށް އަމާޒް ކޮށްގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކުރާ އިންޓަ ސްކޫލް ފުޓްބޯޅާ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުވާލައިފިއެވެ.
އެގޮތުން ބައިވެރިވުމަށް ބޭނުންވާ ތަންތަނުން ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު މެންދުރުފަހު 14:30 ގެ ކުރިން އެފްއޭއެމް އަށް ހުށައަޅަން ޖެހޭނެއެވެ.
14 އަހަރުން ދަށާއި، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމްތަކުގެ ކުޅުން މިއަންނަ މާޗު މަހުގެ އެއްވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު 14 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމްތަކުގެ ކުޅުން ކުރިއަށްދާނެއެވެ. އެންމެ ފަހުން މުބާރާތުގައި ކުޅޭނީ 18 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމްތަކެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފްއޭއެމްގެ އިދާރާއިން އެޕްލިކޭޝަން ފޯމްތައް ލިބެން ހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ