43 މެންބަރުން ނެތަސް ގާނޫނު ފާސްކުރެވޭ ގޮތް ހަދަން ސަރުކާރުން ސުޕްރީމް ކޯޓަށް އެބަދޭ: އަލީ

ގާނޫނު އަސާސީގައި ބައެއް ކަހަލަ ބިލްތައް މަޖިލީހުން ފާސްކުރުމުގައި އަމަލުކުރަން ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް ބިލްތައް ފާސްކުރެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.
ގުޅިފައިވާ ޕާޓީ ތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގައި ބުނާ ގޮތާ ހިލާފަށް މަޖިލީހުން ބިލްތައް ފާސްކުރެވޭނެ ގޮތެއް ހެދުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 87 ވަނަ މާއްދާގައި= ބުނެފައިވަނީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ އެއްވެސް ކަމެއް މަޖިލީހުން ފާސްކުރަން ވޯޓަށް އެހޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބަވާ ޖަލްސާއެއްގައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 85 މެމްބަރުން ތިއްބަވާއިރު މަޖިލީހުގެ ދެ ބައިކުޅަ އެއްބައި މެންބަރުންނަކީ 43 މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ އިދާރާއަށް އަންގާފައިވާތީ މަޖިލީހުގައި މިވަގުތު ތިއްބެވީ 73 މެންބަރުންނެވެ.
އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީގައި ބައެއް ކަހަލަ ބިލްތައް މަޖިލީހުން ފާސްކުރުމުގައި އަމަލުކުރަން ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް މަޖިލީހުން ބިލްތައް ފާސްކުރެވޭނެ ގޮތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަނީ ސަރުކާރުން ފާސްކުރަން ބޭނުންވާ ބައެއް ބިލްތައް ފާސްކުރަން ބޭނުންވާ 43 މެންބަރުންގެ ވޯޓް މަޖިީހުގެ ތެރެއިން ނުލިބޭނެތީ ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނާއި، މަޖިލީހުގެ އިދާރާއިން ބުނަމުންދާއިރު އެފަދަ ހާލަތެއްގައި ވަކި މުއްދަތެއްގައި ބައި އިލެކްޝަން ބާއްވަން ގާނޫނު އަސާސީ ލާޒިމުކުރާ ކަމަށެވެ. ނަމަވެސް މިހާރު ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެންބަރުންގެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަންޖެހޭ މުއްދަތު ފަހަނައަޅާފައިވާ ކަމަށާއި އެ މުއްދަތުގައި އެ ދާއިރާތަކުގެ ބައި އިލެކްޝަން ނުބޭއްވުނީ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް ސަރުކާރާއި އިލެކްޝަންސް ކޮމިޝަނަށް ނުފެންނާތީ ކަމަށްވެސް ވިދާޅުވި އެވެ.
އަލީ ވިދާޅުވީ މަޖިލީހުގެ އެތައް މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާއިރު ގެއްލުވާލެވިފައި އެވަނީ 60،000 އަށް ވުރެ ގިނަ ރައްޔިތުންގެ ހައްގު ކަމަށެވެ. އެގޮތަށް އަމަލުކުރަމުން އެދަނީ އެތައް ބައެއްގެ އަޑު ކަނޑުވާލުމަށް ކަމަށްވެސް ވިދާޅުވި އެވެ.
އިންތިހާބާ ބެހޭ ގާނޫނުތަކަށް ރިޔާސީ އިންތިހާބުގެ ކުރިން ބަދަލު ގެންނާނެ ކަމަށް ދައުލަތުގެ ބަންޑާރަނައިބް މިދިޔަ ހަފްތާގެ ތެރޭގައި ވިދާޅުވެފައިވާތީ އަލީ ހުސައިން ވަނީ އެކަމަށްވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އަލީ ހުސައިން ވިދާޅުވީ އިންތިހާބާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެންނަން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން ނިޒާމު ބޭނުންކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ