އަބޫދާބީގައި ހުންނަ ނިއުކްލިއާ ޕަވަ ޕްލާންޓް ކައިރިއަށް ޑްރޯން ހަމަލާއެއް ދީފި ކަމަށާއި، މިއީ ނުރައްކާތެރި ހަމަލާއެއް ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
މި ހަމަލާގެ ސަބަބުން ބަރަކާ ނިއުކްލިއާ ޕަވަ ޕްލާންޓް ކައިރީގައި ހުރި އިލެކްޓްރިކް ޖަނަރޭޓަރެއްގައި އަލިފާން ރޯވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ރޭޑިއޭޝަންގެ ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ހުޅަނގު ބޯޑަރުގެ ފަރާތުން ތިން ޑްރޯން އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައިވެ އެވެ. މީގެ ތެރެއިން ދެ ޑްރޯން ވައްޓާލާފައި ވާއިރު، ތިންވަނަ ޑްރޯން އަމާޒުވީ ނިއުކްލިއާ ޕްލާންޓުގެ ވަށައިގެންވާ ފެންސުން ބޭރުގައި ހުރި ޖަނަރޭޓަރަކަށެވެ.
މި ހާދިސާއާ ގުޅިގެން އަބޫދާބީ މީޑިއާ އޮފީހުން ބުނީ ޕްލާންޓުގެ މަސައްކަތްތައް އާންމު ހާލަތުގައި ކުރިއަށްދާ ކަމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން މި ހަމަލާ ކުށްވެރިކޮށް ބުނެފައިވަނީ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިފަދަ ހަމަލާތަކަށް ރައްދު ދިނުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ.
ސުލްހަވެރި ބޭނުންތަކަށް ބޭނުންކުރާ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދގެ ޗާޓަރާ ހިލާފު ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ. އަދި ގައުމުގެ ސަލާމަތަށް ނުރައްކާވާ ކޮންމެ ކަމަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު އަޅާނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ހަމަލާ ދިނީ ކޮން ބައެއްކަން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ފެބްރުއަރީ މަހު އިރާން ހަނގުރާމަ ފެށުނު ފަހުން ޔޫއޭއީގެ އިގްތިސާދީ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ ފަހަތުގައި ވަނީ އިރާން ކަމަށް އެ ގައުމުން ކުރިން ވަނީ ތުހުމަތުކޮށްފައެވެ.
އިރާނުން ސަރަހައްދީ ގައުމުތަކަށް ހަމަލާދޭން ފަށާފައިވަނީ އެމެރިކާއާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުންނެވެ.
އަބޫދާބީގެ ނިއުކްލިއާ ޕްލާންޓަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ