ރައީސް އޮފީހުގައި ކޮންމެ ހޯމަ ދުވަހެއްގައި ބާއްވަމުން އަންނަ ރައީސް މުހައްމަދު މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެެއިން މިއަދު ހެނދުނު 10:00 ގައި ބޭއްވުމަށް ތާވަލުކުރި ބައްދަލުވުން ފަހު ވަގުތު ކެންސަލް ކޮށްފި އެވެ.
މިއަދަށް ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ މީޑިއާތަކަށް އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުން ދައުވަތު ފޮނުވި އެވެ. ސަރުކާރުގެ ޕްރެސް ކޮންފަރެންސްތަކުން އަދަދުގެ ނޫސްވެރިން މަނާކޮށްފައި ވާތީ އެ ދައުވަތު މި ނޫހަކަށް ނުލިބެ އެވެ.
މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން މިއަދު ކެންސަލް ކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. މީގެކުރިން މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި "ދަތުރެއް ކުރަންޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރިނުވާހާ ހިނދަކު" ނޫސްވެރިންގެ ބައްދަލުވުން އޮންނާނެ އެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރި ކުރި ދުވަހުގެ ކުރީ ރޭ "އަދަދު" ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓަރީގެ ވާހަކަ ނުދެއްކުމަށް އެންމެހާ ރައްޔިތުންނަށް ރައްދުވާ ގޮތަށް ކްރިމިނަލް ކޯޓުން އަމުރެއް (ގެގް އޯޑަރު) ނެރުނެވެ. އެ ޑޮކިއުމެންޓަރީއަކީ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އެ ވާހަކަތައް ގެނެސްދީފައިވާ ޑޮކިއުމެންޓްރީ އެވެ. އެ އަންހެން މުވައްޒަފުގެ ތުހުމަތުތައް މުއިއްޒު ވަނީ ދޮގު ކުރައްވާފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން މުއިއްޒުއާ ސުވާލުކުރީ ރައީސް އޮފީހުގެ މުވައްޒަފަކަށް ނުގަޑިތަކެއްގައި ސިގްނަލް އެޕްލިކޭޝަން މެދުވެރިކޮށް ގުޅާފައިވޭތޯ ބެލުމަށެވެ. އެ ސުވާލު ކުރަމުން ދަނިކޮށް ކްރިމިނަލް ކޯޓުގެ ގެގް އޯޑަރާ ހިލާފުވެފައިވާ ކަމަށް "ހުކުމް ކުރައްވާފަ" އެވެ. ޝަހުޒާން ސުވާލު ކުރަމުން ދަނިކޮށް މައިކު ކަނޑާލައި ސެކިއުރިޓީ ހިމެނޭހެން ގިނަ އެ އޮފީހުގެ އަދަދެއްގެ މުވައްޒަފުންތަކެއް އައިސް އޭނާ ޕްރެސަް ކޮންފަރެންސުން ބޭރުކޮށްލި އެވެ.
އެ ސުވާލު ކުރި މައްސަލާގައި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއް ޝަހުޒާންގެ މައްޗަށް ހަމަ އެ ދުވަހު ބަލަން ފެށި އެވެ. އަދި ކްރިމިނަލް ކޯޓުގެ ގެގް އޯޑަރާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް ވެސް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި މައްސަލައެއް ބަލަން ފެށި އެވެ. އެއީ ކްރިމިނަލް ކޯޓުން ގެގް އޯޑަރު ނެރެފައިވާ ކަމަށް ބަޔާންކޮށް ލީވާން ލިޔުނު ހަބަރަކާ ގުޅޭ މައްސަލައެކެވެ.
އެ އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހާއި އަދަދު ނޫހުގެ ނޫސްވެރިންނަށް ބައިވެރިނުވެވޭނެ ކަމަށް ރައީސް އޮފީހުން އެންގި އެވެ. އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެމްއެންޑީއެފް ސެކިއުރިޓީން ނޫސްވެރިއެއްގެ ފޯނު ވެސް ޗެކު ކުރި އެވެ. ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޝައިހާން ޒަރީރުގެ ފޯނު އަތުލައި ޗެކުރީ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ވީޑިއޯކުރި ކަމަށް ތުހުމަތުކޮށެވެ.
ޖެހިގެން އައި ދުވަހު ލީވާން އާއި ޝަހުޒާންގެ މައްޗަށް އަވަސް ޝަރީއަތެއް ހިންގައި އެ ދެ މީހުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. ދެ ނޫސްވެރިން ވެސް ތަކުރާރުކޮށް ވަކީލަކު އައްޔަނުކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދުމުން ވެސް މައްސަލަ ބެއްލެވި ފަނޑިޔާރުން ނިންމެވީ އެންމެ ދެ ގަޑިއިރު ދިނުމަށެވެ.
ހަބަރެއް ލިޔެގެން ލީވާންގެ މައްޗަށް 10 ދުވަހުގެ ޖަލު ހުކުމެއް ކޯޓުން އިއްވިއިރު މުއިއްޒުއާ ސުވާލުކޮށްގެން ކުށްވެރިވި ޝަހުޒާންގެ މައްޗަށް އިއްވީ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ މީހުން ހުކުމް ތަންފީޒުކުރަމުން ދަނީ މާފުށީ ޖަލުގަ އެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާތީ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު، އަބްދުالله ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކުގައި މަސައްކަތް ކުރުމަށް ނިންމަވާފަ އެވެ. ތިން ރައީސުންގެ މަންދޫބުންގެ ބައްދަލުވުމެއް މިއަދަށް ވަނީ ތާވަލުކޮށްފަ އެވެ.
މުއިއްޒު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ފަހު ވަގުތު ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ