ރީތި ހަށިގަނޑުގެ ފޮޓޯއަކާ އެކު ސަލްމާން ބުނީ ވަރަށް އެކަނިވެރި ކަމަށް

ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާން އޭނާގެ ރީތި ހަށިގަނޑުގެ ފޮޓޯއެއް ޕޯސްޓުކޮށް، ދިރިއުޅުމުގައި ވަރަށް އެކަނިވެރިކަން އިހުސާސްވާކަން އޭނާ އިއްޔެ ހާމަކޮށްފި އެވެ.
އުމުރުން މިހާރު 60 އަހަރުގެ ސަލްމާން އޭނާގެ އެކްސް އެކައުންޓުގައި ވަނީ ހުސްގަޔާ ހުރި ފޮޓޯއެއް އިއްޔެ ހިއްސާކޮށްފަ އެވެ. އެ ފޮޓޯއާ އެކު އޭނާ ލިޔެފައިވާ މެސެޖުގައި ވަނީ އެކަނިވެރިކަމާއި އެކަނި އުޅުމުގެ ތަފާތާ ބެހޭ ގޮތުން އޭނާގެ ހިޔާލު ފާޅުކޮށްފަ އެވެ.
ކައިވެންޏެއް އަދި ކޮށްފައި ނުވާ ސަލްމާން ބުނީ އޭނާ އެކަނިވެގެން ހުންނަނީ އަމިއްލަ އިހުތިޔާރުގައި ނަމަވެސް، އެކަނިވެރިވީ އެއްވެސް މީހަކު އޭނާއާ އެކު އުޅެން ބޭނުން ނުވީ ކަމަށެވެ. 
ސަލްމާންގެ މި އަސަރުގަދަ ވާހަކަތަކަށް ވުރެ ބޮޑަށް ސަޕޯޓަރުންގެ ސަމާލުކަން ހުއްޓުނީ އުމުރުން 60 އަހަރުގައި ވެސް އޭނާގެ ހަށިގަނޑު ވަރުގަދަވެފައި ރީތިކަމުން އެކަމަށެވެ. ގިނަ ބަޔަކު ވަނީ އޭނާއަކީ އަދިވެސް އިންޑިއާގެ ބޮޑީބިލްޑިން އައިކަން ކަމަށް ބުނެ ތައުރީފުކޮށްފަ އެވެ.
މި ފުރިހަމަ ހަށިގަނޑުގެ ސިއްރަކީ ސަލްމާން ގެންގުޅޭ ހަރުކަށި ލައިފްސްޓައިލެވެ.
އޭނާގެ ޓްރޭނަރު ކުރިން ހާމަކޮށްފައިވާ ގޮތުގައި، ސަލްމާން ކޮންމެ ދުވަހަކު ހެނދުނު ވަރަށް އަވަހަށް ހޭލަ އެވެ. ހެނދުނު ސައިބުއިމުގެ ކުރިން ކާޑިއޯ ކަސްރަތު ކުރެ އެވެ. ހަފްތާއަކު ހަ ދުވަހު ވެއިޓް ޓްރޭނިން ހަދަ އެވެ. އަދި ފިލްމެއްގެ ޝޫޓިންގައި އުޅޭއިރު ވެސް ކަސްރަތު ކުރުން ހުއްޓައެއް ނުލަ އެވެ.
ސަލްމާން މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "މާތުރޫބޫމީ" އަށެވެ. އެ ފިލްމަށް އޭނާ ވަނީ އިންޑިއާގެ ލަޑާކްގެ އުސް ސަރަހައްދުތަކުގައި ވަރަށް ބުރަ ތަމްރީނުތަކެއް ހަދައިފަ އެވެ. ކުރިން "ބެޓްލް އޮފް ގަލްވާން"ގެ ނަމުގައި އުފައްދަން އުޅުނު މި ފިލްމަކީ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
އުސް ސަރަހައްދުތަކުގައި ޖިމް ސެޓަޕެއް ގެންގުޅެން އުނދަގޫވުމުން، ސަލްމާން ވަނީ އެ ދުވަސްވަރު "ކެލިސްތެނިކްސް" ކަސްރަތުތައް ބޭނުންކޮށްގެން އޭނާގެ ހަށިގަނޑު ބަލަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ