ސަޕޯޓަރުން މާޔޫސް ވިޔަ ނުދޭނަން، އެމްޑީޕީއާއެކު މަސައްކަތް ފެށީ ގައުމީ މަސްލަހަތަށްޓަކައި: ޔާމީން

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އިދިކޮޅު އެމްޑީޕީއާއެކު މަސައްކަތް ކުރަން ނިންމެވީ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑު ގައުމީ މަސައްކަތަކަށް އެކަން ވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން މިހެން ވިދާޅުވީ މިހާރު އޮތް ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ބަޔާންކުރައްވަމުންނެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުގައި މާ ބޮޑެތި ނުބައި ކަންތައްތަކެއް ހިނގަމުންދާ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވޭނެ އެހެން ގޮތެއް މިވަގުތު ނެތް ކަމަށެވެ.
އެމްޑީޕީގެ ފަލްސަފާ ނުވަތަ އައިޑިއޮލޮޖީއާ އެމަނިކުފާނު އެއްބަސްވެވަޑައިނުގެންނެވި ނަމަވެސް، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަގުމަތީގައި މިވަގުތު ހަރަކާތްތެރިވަނީ ހަމައެކަނި އެމްޑީޕީ ކަމަށް ޔާމީން ފާހަގަކުރެއްވި އެވެ.
"މިއުޅެނީ އެންމެ ބޮޑު ހައްގު ގެއްލިގެން އެހެންވީމަ ކީއްވެގެންތޯއޭ އަޅުގަނޑު އެމްޑީޕީއާއެކު މި މަސައްކަތް ނުކުރަންވީ؟ މިއަކީ އަޅުގަނޑު އަމިއްލަ މަސައްކަތެއް ނޫން. އަޅުގަނޑު މިކޮށްދެނީ ދިވެހިރައްޔިތުންނަށްޓަކައި ކުރާ މަސައްކަތެއް،" ޔާމީން ވިދާޅުވި އެވެ. 
އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކަށް އިލްތިމާސް ކުރައްވަމުން ޔާމީން ވިދާޅުވީ، ސާބިތުކަމާއެކު ތިއްބެވުމަށާއި، އެމަނިކުފާނު ރައްޔިތުން މާޔޫސްކޮށްނުލާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ، އަޅުގަނޑަށް ތާއިދުކުރާ ބޭފުޅުންނަށް ހަމަ ސާބިތުކަމާއެކީގައި ތިއްބަވާށޭ، އަޅުގަނޑު އެ ބޭފުޅުންނެއް ލެޓް ޑައުންނެއް ނުކުރާނަމޭ. އަޅުގަނޑުމެން މިކުރަނީ އެއަށް ވުރެ ބޮޑު ގައުމީ މަސައްކަތެއް،" ޔާމީން ވިދާޅުވި އެވެ. 
އެމްޑީޕީއާއެކު ކުރާ މަސައްކަތަކީ ދެބަސްވާން ޖެހޭ ކަންކަމުގައި ދެބަސްވުމުގެ ކުރިން، ގައުމުގެ ހަމަޖެހުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި މިހާރު އޮތް ފުރިހަމަނޫން ނިޒާމު ވެސް ކުޑަކުޑަ މަސައްކަތަކުން ރަނގަޅު ކުރެވިދާނެ އެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ހާލަތު އޮތީ ބަހެއް ބުނެވޭކަށް ނުވަތަ ކާޓޫނެއް ކުރަހާލެވޭކަށް ވެސް ނެތް ފަދަ ނުރައްކާތެރި ދަރަޖައެއްގައި ކަމަށެވެ. އަދި މި ސަރުކާރު ހިނގަނީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ރާއްޖޭގެ އާބާދީގެ 10 ޕަސެންޓު މީހުން ވެސް ގަބޫލުނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 
މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޔާމީން ވަނީ ދާދިފަހުން ނެރުނު "ގެގު އޯޑަރު" ނުވަތަ މައުލޫމާތު ހާމަކުރުން މަނާކުރާ އަމުރާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެ އަމުރު އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅުމުން، އެއީ މައްސަލަ ހުށަހެޅި ފަރާތުގެ ހައިސިއްޔަތު ނެތް ކަމަށް ބުނެ ބޭރުކޮށްލާފައިވާތީ އެކަމަށް ޔާމީން ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ސުވާލު އުފެއްދެވީ އެފަދަ އަމުރުތައް އިސްތިއުނާފު ކުރުމުގެ ގާނޫނީ ބާރު އޮތީ ކޮން ބަޔަކަށްތޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ