ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެން ބަލިފެތުރޭ ސަރަހައްދުތަކަށް ދަތުރުނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން އާންމުކުރި ލިޔުމެއްގައި ބުނީ ކޮންގޯ އާއި ޔުގެންޑާގައި ބަލި ފެތުރެމުންދާ ކަމަށާއި "ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ކުޑަ" ކަމަށެވެ. ނަމަވެސް "ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މި ސަރަހައްދުތަކަށް ދަތުރުނުކުރުން މުހިންމު" ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.
މި ބަލިމަޑުކަމަކީ ބަންޑިބުގްޔޯ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބައްޔެއް ކަމަށާއި، މިއީ މުޅި ދުނިޔެއަށް ފެތުރޭ ވަބާއެއްގެ މިންގަނޑަށް އަދި ނުފެތުނު ކަމުގައި ވިޔަސް، ކޮންގޯއާ ބޯޑަރު ހިއްސާކުރާ ގައުމުތަކަށް މި ބަލި ފެތުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ އިންޒާރު ދީފަ އެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ ހާލަތު މޮނީޓާކުރަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރާނެ ކަމަށެވެ.
އދ. ގެ ސިއްހީ އިދާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން ބަލި ޖެހިގެން މަރުވި ކަމަށް ބެލެވޭ 80 މީހުން ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ އިތުރުން ލެބޯޓްރީ ތަހުލީލުތަކުން ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާ އަށް މީހުންނާއި، ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 246 މީހުން ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އެބޯލާ އަކީ ވަރަށް މަދުން ނޫނީ ނުފެންނަ، ނަމަވެސް ޖެހުމުން ނުރައްކާތެރި އަދި ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެކެވެ. މި ބައްޔަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔަކަށް ވާއިރު، މިހާރު ފެތުރެމުންދާ ބަލިމަޑުކަމަށް މެދުވެރިވަނީ އެބޯލާ ވައިރަހުގެ ބާވަތެއް ކަމަށްވާ ބަންޑިބުގްޔޯ އެވެ. އާންމުގޮތެއްގައި އެބޯލާ ވައިރަހުގެ ތިން ބާވަތެއް ބަލިމަޑުކަން ފެތުރުމަށް މެދުވެރިވެއެވެ.
މި ބަލި އެކަކު އަނެކެއްގެ ގަޔަށް އަރަނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުގެ ދިޔައިގެ ޒަރީއާއިންނެވެ. މީގެ ތެރޭގައި ލެޔާއި ހޮޑު ފަދަ ތަކެތި ހިމެނެއެވެ. އެބޯލާ ބަލިމަޑުކަން ފެށެނީ ބަލިޖެހިފައިވާ ޖަނަވާރެއްގެ ފަރާތުން އިންސާނެއްގެ ގަޔަށް ވައިރަސް އެރުމުންނެވެ. މިގޮތުން ވާ ފަދަ ޖަނަވާރުތަކުން އިންސާނުންނަށް މި ބަލި ވާސިލުވެއެވެ.
ބަންޑިބުގްޔޯ އެބޯލާ ވައިރަހަކީ ނުރައްކާތެރި މިންވަރަކަށް މަރުގެ ނިސްބަތް މަތި ބައްޔެކެވެ. މީގެ ކުރިން މި ބާވަތުގެ ވައިރަސް ފެތުރުނު ދުވަސްވަރު ބަލިޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓުމީހުން ވަނީ މަރުވެފައެވެ. މިއީ ސިއްހީ މާހިރުން ނުހަނު ކަންބޮޑުވާ ކަމެކެވެ.
މި ބަލީގެ އިންކިއުބޭޝަން ޕީރިއަޑް ނުވަތަ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ބަލީގެ އަލާމާތްތައް ފެންނަން ނަގާ ވަގުތަކީ ދެ ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެކެވެ.
ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކަކީ ކުއްލިއަކަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިވުމެވެ. މިއީ އާންމު ރޯގާތަކާ އެއްގޮތް އަލާމާތްތަކަކަށް ވީނަމަވެސް، ބަލި ބޮޑުވަމުންދާ ވަރަކަށް ހޮޑުލުމާއި ބޭރަށް ހިންގުން ކުރިމަތިވެއެވެ. އަދި ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ހުއްޓެން ފަށައި، ބައެއް ބަލިމީހުންގެ ހަށިގަނޑުގެ އެތެރެއަށާއި ބޭރަށް ލޭ ފޭބުމުގެ މައްސަލަތައް ކުރިމަތިވެއެވެ.
އެބޯލާގެ ޒައިރޭ ކިޔާ ބާވަތަށް ޚާއްސަ ވެކްސިންތަކެއް އުފައްދާފައިވީ ނަމަވެސް، މިހާރު ފެތުރެމުންދާ ބަންޑިބުގްޔޯ ބާވަތަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހީ އިރުޝާދުތަކަށް ބޯލެނބުމާއި، ބަލިޖެހިފައިވާ މީހުންނާ ގާތްނުވުމަކީ މިވަގުތަށް އޮތް އެންމެ މުހިންމު ފިޔަވަޅެވެ. ސިއްހީ އިދާރާތަކުން ދަނީ މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެބޯލާ ފެތުރެމުންދާ ސަރަހައްދުތަކަށް ދަތުރުނުކުރުން މުހިންމު: އެޗްޕީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ