ކޮންމެ ހޯމަ ދުވަހަކު ބާއްވާ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން މިއަދު ކެންސަލް

ރައީސް މުހައްމަދު މުއިއްޒު ކޮންމެ ހޯމަ ދުވަހަކު ބާއްވަވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވަވަން ނިންމެވުމަށް ފަހު ކެންސަލް ކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮންމެ ހޯމަ ދުވަހެއްގެ އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖައްސަވައި އާންމު އުސޫލެއްގެ ތެރެއިން އެކަން ކުރިއަށް ގެންދަވާނެކަން ރައީސް އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހު މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށީ މިދިޔަ މާޗު މަހުން ފެށިގެން، ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10 އިން 11 އަށެވެ.
ތަފްސީލް - މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ނޫސްވެރިންނަށް ރޭ 12ގެ ކުރިން ނަން ފޮނުވުމަށް ވެސް އެދިފައިވެ އެވެ. އެކަމަކު މިއަދު ހެނދުނު ރައީސް އޮފީހުން ފޮނުވި މެސެޖެއްގައި ވަނީ އެ ބައްދަލުވުން މިއަދު ނޯންނާނެކަން އަންގާފަ އެވެ. ނަމަވެސް، ސަބަބެެއް ނުބުނެ އެވެ.
މި ނޫސްވެރިންގެ ބައްދަލުވުންތައް މިދިޔަ މަހު މެދުކެނޑުމުން ރައީސް އޮފީހުގެ އޭރުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ، ރައީސްގެ ޝެޑިއުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު ކޮންމެ ހޯމަ ދުވަހެއްގައި އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުން ގެންދާނެ ކަމަށެވެ.
މި ބައްދަލުވުން ނޫބޭއްވޭނީ ދަތުރެއް ކުރަން ޖެހުން، ބަންދު ދުވަހަކާ ދިމާވުން ނުވަތަ އެ ނޫން ވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރިވެގެން ކަމަށް އޭރު ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ